ޚާއްސަ މަޖިލީހުގެ ޖަލްސާ: ދޮޅު ގަޑިއިރުގެ ނިޒާމީ ނުކުތާތަކަށް ފަހު ޖަދުވަލުތަކުގެ ބަހުސް ފައްޓަވައިފި

އިންތިގާލީ ބަހުސް ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ބާބު އެޖެންޑާކޮށް މިއަދު ބޭއްވި ހާއްސަ މަޖިލީހުގެ ޖަލްސާގެ ފުރަތަމަ ދޮޅުގަޑިއިރު ނިޒާމީ ނުކުތާތަކުގައި ހޭދަވުމަށް ފަހު، ގާނޫނު އަސާސީގައި ހިމެނޭ ޖަދުވަލުތަކުގެ ބަހުސް ފައްޓަވައިފި އެވެ.
ފަންސާސް ހަތް މެންބަރުންނާ އެކު ކިރިޔާ ކޯރަމް ހަމަވެގެން 05: 9 ގައި މިއަދުގެ ޖަލްސާ ފެއްޓެވުމަށް ފަހު، އެޖެންޑާގައިވާ ގޮތުގެ މަތިން، ރިއާސަތުން އަމީން އާންމަށް އެންގެވީ ގާނޫނު އަސާސީގައި ހިމެނޭ ޖަދުވަލު އެކެއް އަދި ޖަދުވަލު ދޭއް ހުށަހަޅުއްވައި ދެއްވުމަށެވެ. ނަމަވެސް ލ. އަތޮޅުގެ މެންބަރު މޫސާ މަނިކު ނެންގެވި ނިޒާމީ ނުކުތާއާ އެކު، ހުސް ވަގުތުކޮޅުގެ ކުރީގެ ދޮޅު ގަޑިއިރު ހޭދަވެގެން ދިޔައީ ފުލުފުލުގައި ނެންގެވި ނިޒާމީ ނުކުތާތަކުގެ ތެރޭގަ އެވެ.
މޫސާ މަނިކު ނިޒާމީ ނުކުތާގައި އެދިވަޑައިގަތީ، އިންތިގާލީ މައްސަލައިގެ ބަހުސް ފެށުމަށްޓަކައި 24 މެމްބަރަކު ސޮއިކޮށް ހުށަހަޅައިފައިވާ މައްސަލަ މަޖިލީހަށް އެޖެންޑާކުރައްވާނެ ދުވަހެއް ރިއާސަތުން ވިދާޅުވެދެއްވުމަށެވެ. ޖަވާބުގައި ޚާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ، މިހާރު އެޖެންޑާ ކުރެވިފައިވާ ގޮތަށް ޖަދުވަލުތައް ނިންމައި ރައީސުލްޖުމްހޫރިއްޔާގެ ބާބު ނިންމުމަށް ފަހު، މެންބަރުން ހުށަހަޅުއްވާފައިވާ މައްސަލަ 14 ވަނަ މާއްދާގެ ދަށުން މަޖިލީހަށް އެޖެންޑާކުރައްވާނެ ކަމަށެވެ. އެ ގޮތަށް ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާގެ ބާބު ފަސްކުރުމާ މެދު އިދާރީ ކޮމިޓީން ވަކި ގޮތެއް ނިންމިފައި ނުވާތީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ އެ ޖަވާބަށް ފަހު ވެސް މަޖިލީހުގެ ތަޅުމުގައި ނިޒާމީ ނުކުތާ ނެންގެވި މެންބަރުން ތަފާތު ކަންކަން ހުށަހަޅުއްވަމުން ގެންދެވި އެވެ. އެ ގޮތުން 90 ދުވަހަށް ފަހު 15 ދުވަހު ޗުއްޓީއެއް ދިނުމަށް ގަވާއިދުގައި ހިމެނިފައިވާއިރު، ޗުއްޓީ ނުދެއްވައި މަޖިލިސް ކުރިއަށްގެންދަވަނީ ގަވާއިދާ ޚިލާފަށް ކަމަށް އައްޑޫ މެންބަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
ތ. އަތޮޅު މެންބަރު ހަސަން އަފީފް ވިދާޅުވީ، ސަރުކާރުގެ އިސް ވެރިންގެ ވާހަކަފުޅުތައް ހުންނަ ގޮތުން، އިންތީގާލީ ބަހުސް ނުފައްޓައިފި ނަމަ، އެ ބާބާ މެދު ފަހުން އެއްވެސް ވާހަކައެއް ނުދެއްކިދާނެ ކަމަށެވެ.
"އިހަށްދުވަހު ވެސް ވަޒީރަކު ވިދާޅުވެއްޖެ ކުށްކުރުން ހުއްޓުވޭނީ އެކަން ކުރާ ބަޔަކު އެކަންތައް ނުކޮށް ހުއްޓާލީމައޭ. މިހާރު އިންތިގާލީ މައްސަލައިގައި އަޅުގަނޑުމެން ގޮތެއް ނުނިންމައި ގާނޫނު އަސާސީގެ އެހެން މާއްދާތައް ފާސްކޮށް ނިންމާލީމާ އެ ބޭފުޅުން ވިދާޅުވެދާނެ، ގާނޫނު އަސާސީ އެ އޮތީ ނިމިފައޭ. އިންތިގާލީއެއް ނޯންނާނެޔޭ،" އަފީފް ވިދާޅުވި އެވެ.
ނިޒާމީ ނުކުތާގައި ވާހަކަފުޅު ދައްކަވަމުން އދ.ގެ މެންބަރު އިލްޔާސް ހުސައިން ވިދާޅުވީ، މިހާރު ކަންތައް ދާގޮތުން އިންތިގާލީ ބަހުސަށްވުރެ ކުރިން ފަށަންވީ އިންގިލާބީ ބަހުސެއް ކަމަށާއި އިންތިގާލީ ސަރުކާރެއްގެ ބަދަލުގައި އަވަހަށް ގެންނަންވީ އިންގިލާބީ ސަރުކާރެއް ކަމަށެވެ.
އިންތިގާލީ ބަހުސްގެ މައްސަލައިގައި ބައެއް މެންބަރުން ނިޒާމީ ނުކުތާ ނެންގެވިއިރު، އަނެއްބައި މެންބަރުން ނިޒާމީ ނުކުތާގައި ވިދާޅުވީ، ރިއާސަތުން ނިޒާމީ ނުކުތާއަށް ފުރުސަތު ދެއްވަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި ޖަލްސާގެ އެޖެންޑާ އޮތީ ރަނގަޅަށް ކަމަށާއި އެ ގޮތަށް ނިޒާމީ ނުކުތާ ދެއްވައިގެން ނުވާނެ ކަމަށެވެ.
މާލޭގެ މެންބަރު އިބްރާހީމް އިސްމާއީލް ވިދާޅުވީ، ބަހުސްގެ މެދުމިނުގެ ހައްލެއްގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ބާބުތަކުގެ ތެރެއިން ޑްރާފްޓްކޮމިޓީ އަށް އަނބުރާ ފޮނުވާލައިފައިވާ ބާބުތައް ނިންމައިފައި، އަދި ރައީސްގެ ބާބު ވެސް ނިންމައިފައި އިންތިގާލީ ބަހުސް ފެއްޓެވުމަށް ފެންނަ ކަމަށެވެ. އެހެން ނޫނީ މިހާރު ވެސް ދިމާވެފައިވާ ފަދައިން ބައެއް މާއްދާތައް ފުށުއެރުމުގެ މައްސަލަ ދިމާވާނެ ކަމަށް އިބްރާ ވިދާޅުވި އެވެ.
ތިރީސް މިނެޓްގެ ހުސް ވަގުތުކޮޅަށް ފަހު 58 މެންބަރުންނާއެކު ކޯރަމް ހަމަވެގެން މަޖިލިސް ފެށޭވަރުވީ ގަޑިއަށްވުރެ 15 މިނެޓް ފަހުން، 15: 11 ގަ އެވެ. ޖަލްސާ ފެއްޓެވުމަށް ފަހު، ރިއާސަތުން ވިދާޅުވީ، މާދަމާ އިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ފައްޓާ ގަޑިއަކީ، ކަނޑައެޅިފައި އޮންނަ ބަރާބަރު ގަޑި ކަމުގައި ހައްދަވާނެ ކަމަށެވެ.
"މީގެ ފަހުން ދެން ފަސް މިނެޓް، 10 މިނެޓް، ނޫނީ އެންމެ މިނެޓަކަށް ވެސް ބެލުމެއް ނޯންނާނެ. ބަރާބަރު ގަޑި ޖެހޭއިރު، މެންބަރުން ހަމަނުވެއްޖެއްޔާ އަޅުގަނޑު އެ ދުވަހެއްގެ ޖަލްސާ ކެންސަލްކުރާނަން. އެއީ ގަޑިއަށް ވަޑައިގަންނަވާ މެންބަރުންގެ ވަގުތަށާއި ހައްގުތަކަށް ވެސް ހުރުމަތްތެރިކޮށް ހިތުމަށް ބައެއް މެންބަރުން ވެސް ދެންމެ ވިދާޅުވެފައި ވާތީ."
ޖަދުވަލު އެކެއްގައި ހިމެނެނީ، ރައީސް، ނާއިބު ރައީސް، ވަޒީރުންނާއި ބަންޑާރަ ނާއިބު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުން، މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކުގެ ހުވަ އެވެ. ޖަދުވަލު ދޭއްގައި ހިމެނިފައި ވަނީ، ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ނަންތަކެވެ. އެއީ މާލެ އާއި ވިލިގިއްޔާއި ހުޅުމާލެ ހިމެނޭ ދާއިރާގެ އިތުރުން، މިހާރު ރާއްޖޭގައި އޮތް 20 އަތޮޅެވެ.
މި ދެ ޖަދުވަލަށް 30 މިނެޓްގެ ބަހުސަށް ހުޅުވާލެއްވުމުން، މެންބަރުން މުހިންމު ދެ ކަމެއް ފާހަގަކުރެއްވި އެވެ. އެއީ، ޖަދުވަލު އެކެއްގައި މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންގެ ހުވާ ހިމެނިފައިވާއިރު، އޭގެ ތެރޭގައި އެންޓި ކޮރަޕްޝަން ބޯޑްގެ މެންބަރުންގެ ހުވާ ހިމެނިފައި ނެތްކަން، ހދ.ގެ މެންބަރު އަބްދުﷲ ނަސީރު ފާހަގަކުރެއްވި އެވެ.
މި ޖަދުވަލަށް އިސްލާހު ހުށަހެޅުއްވި މ. މެންބަރު މުހައްމަދު ޝަފީގުގެ އިސްލާހުގައި ފާހަގަކޮށްފައި ވަނީ ގާނޫނު އަސާސީގައި ހިމެނޭ ހުވާތަކުގެ ތެރޭގައި އަތޮޅުވެރިންގެ ހުވާ ހިމެނިފައި ނެތްކަމެވެ. އޭނާގެ އެ އިސްލާހަށް ހދ. މެންބަރު އަހްމަދު އާދިލް ތާއީދުކުރެއްވި ނަމަވެސް، ޚިޔާލު ފާޅުކުރެއްވި ގިނަ މެންބަރުން ވިދާޅުވީ، އަތޮޅުވެރިންގެ މަގާމެއްގެ ވާހަކަ ގާނޫނު އަސާސީގެ އެއްވެސް ބާބެއްގައި ހިމެނިފައި ނެތުމުން، އެ ހުވާ އޮންނަން ނުޖެހޭނެ ކަމަށެވެ.
ދ. އަތޮޅުގެ މެންބަރު އަހްމަދު ރިޔާޒް ވިދާޅުވީ އިސްލާހުކުރެވޭ ގާނޫނު އަސާސީގެ ބާބުތައް އެކުލެވިގެންވަނީ ކަތީބުންނާއި އަތޮޅުވެރިން ނުވަތަ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބަޔަކު ނުތިބޭ ގޮތަށް ކަމަށް ވާތީ، އެ މަގާމުގެ ހުވާ އޮންނަން ނުޖެހޭނެ ކަމަށެވެ. ހއ. މެންބަރު އަހްމަދު މުއިއްޒު އާއި ރ. އަތޮޅުގެ މެންބަރު އަލީ ވަހީދާއި ތ. މެމްބަރު ރިޔާޒް ރަޝީދު ވެސް ޚިޔާލު ފާޅުކުރެއްވީ ގާނޫނު އަސާސީގައި ކަނޑައެޅިފައިނުވާ މަގާމެއްގެ ހުވާ، ގާނޫނު އަސާސީގައި އޮވެގެން ނުވާނެ ކަމަށެވެ.
ނަމަވެސް ތ. އަތޮޅުގެ މެންބަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، އަތޮޅުވެރިންގެ މަގާމު އޮތުން މުހިންމު ކަމަށާއި، އެ މަގާމުގެ ނަން، ގާނޫނު އަސާސީގެ ޑްރާފްޓްގައި އޮތް ގޮތަކަށް ހިމެނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މުސްތަގުބަލުގައި އަތޮޅުތަކުގައި ތިއްބަވާނީ އަތޮޅުތަކުގެ ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށް ވާތީ، އެ ބޭފުޅުންގެ މަގާމުގެ ހުވާގެ އިބާރާތުގައި އޮންނަ "ހަވާލުކުރެވޭ ވާޖިބުތައް" އޮތުމުގެ ބަދަލުގައި "މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް" އޮންނަ ގޮތަށް އިބާރާތް އިސްލާހުކުރެއްވުމަށް ވެސް ޑރ. ހުސައިން ހުށަހެޅުއްވި އެވެ. އޭނާގެ މި ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޑރ. ފާތިން ހަމީދު ތާއީދުކުރެއްވި އެވެ.
ބަހުސްގެ ވަގުތުގައި ލ. އަތޮޅުގެ މެންބަރު މޫސާ މަނިކު ހުށަހެޅުއްވީ، މަގާމުތަކުގެ ހުވާތަކުގެ ތަރުތީބަށް ބަދަލު ގެނެސް، އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލިސް އެއަށް ފަހު އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުން އަދި އެއަށް ފަހު ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނާއިބުގެ ނަން އަންނަ ގޮތަށް ތަރުތީބު ކުރުމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ބަދަލުގައި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ރައީސް، މި ގޮތަށް މަގާމުގެ ނަން ބަދަލުކުރުމަށް ވެސް އޭނާ ޚިޔާލު ފާޅުކުރެއްވި އެވެ.
ބަހުސްގެ 30 މިނެޓް ހަމަވުމުން ބަހުސްގެ ފުރުސަތު ބަންދުކުރައްވައި މަޖިލިސް ކުރިއަށް ގެންދެވުމަށް ޚާއްސަ މަޖިލީހުގެ ރައީސް ވިދާޅުވުމުން، ބައެއް މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި ޚިޔާލު ފާޅުނުކުރެވޭ މަޖިލީހެއްގައި ތިބުމުގެ ބޭނުމެއް ނެތްކަމުގައި ވިދާޅުވެ ދެކޮޅު ހެއްދެވި އެވެ. މެންބަރުންގެ ދެކޮޅު ހެއްދެވުމާ އެކު ރިއާސަތުން އިތުރު ބޭފުޅުންނަށް ފުރުސަތު ދެއްވި އެވެ. ނަމަވެސް 30: 12 ގައި ޖަލްސާ ނިންމަވާލެއްވިއިރު، އިތުރަށް ވާހަކަފުޅު ދެއްކެވުނީ ދެ މެންބަރަކަށެވެ.
ޖަލްސާ ނިންމަވާލެއްވިއިރު، ވާހަކަފުޅު ދެއްކެވުމަށް 12 މެންބަރު އެދިވަޑައިގެން ތިއްބެވި އެވެ.
ޚާއްސަ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މާދަމާ ހެނދުނު 9 ޖަހާއިރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ