ޑްރަގް އެތެރެވުން ހުއްޓުވުމަކީ ސަރުކާރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން: ޖެންޑާ މިނިސްޓަރު

ރާއްޖެއަށް ޑްރަގް އެތެރެވުން ހުއްޓުވުމަކީ ސަރުކާރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ޖެންޑާ އެންޑް ފެމެލީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ( އައިޝާ) މިއަދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ ކޮމިއުނިޓީ ސާވިސް ސެންޓަރު ހުޅުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މިހާރަށްވުރެ އިންޓެލިޖެންސް ވަރުގަދަކުރަން ޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އާ މާސްޓާ ޕްލޭންގައިވޭ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކެއް. މިކަން ހުއްޓުވުމަށް ކަސްޓްމްސް އާއި ޕޮލިހާއި ޕޯޓްސް އޮތޯރިޓީ ފަދަ ތަންތަން އެއް ރޫހެއްގައި އެކަތިގަނޑަކަށް ވެގެން ޒަމާނީ ވަސީލަތްތަކާއި ޒަމާނީ އިންޓެލިޖެންސް ބޭނުންކޮށްގެން މަސައްކަތްކުރަންޖެހޭ،" އައިޝާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޑްރަގް ސަޕްލައި މަދުކުރުމަށްޓަކައި އާ މަސައްކަތްތަކެއް ފެއްޓުމަށް އދ.ގެ ތަޖުރިބާކާރަކު އެއް އަހަރު ވަންދެން ހޯމް މިނިސްޓްރީގައި މަސައްކަތްކުރުމަށް ގެންނަވާ ގޮތަށް ހަމަޖައްސަވައިފައިވާ ކަމަށެވެ.
"މަސްތުވާތަކެތި އެތެރެވުން ނުހުއްޓުވިގެން އުޅޭ ވަރަށް ގިނަ ސަބަބުތައް އެބަހުރި. އެއް ކަމަކީ އަޅުގަނޑުމެންގެ އިންޓެލިޖެންސް އެހާ ވަރުގަދަނުވުން. އަނެއް ކަމަކީ ޒަމާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ބޭނުންނުކުރެވުން. އެ ވަސީލަތްތައް ބޮޑު ހަރަދެއް ކޮށްގެން ވެސް އެބަޖެހޭ ބޭނުންކުރަން. އަދި އަޅުގަނޑުމެން އެބަޖެހޭ އެންމެ ގިނައިން މަސްތުވާތަކެތި އެތެރެވަމުން އަންނަ ގައުމުތަކާއެކު އިންޓެލިޖެންސް މިހާރަށްވުރެ ވަރުގަދަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޖެންޑާ އެންޑް ފެމެލީ މިނިސްޓަރު ވިދާޅުވީ ޔުނިސެފާއި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖާނީ ގުޅިގެން މިއަދު އަލަށް ފައްޓާ "ހޭލާ" ކެމްޕޭނަކީ މިހާތަނަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އާއްމުން މަސްތުވާ ތަކެއްޗާ މެދު ހޭލުންތެރިކުރުވާ ކެމްޕޭނަށް ވެގެންދާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޔުނިސެފްގެ ފަރާތުން ރާއްޖޭގައި ހުންނަވާ ރެޕްރެޒެންޓެޓިވް ކެން މަސްކަލް މިއަދު ވިދާޅުވީ "ހޭލާ" ކެމްޕެއިންގެ ސަބަބުން މަސްތުވާ ތަކެއްޗާ މެދު އާއްމުންގެ މެދުގައި ވަރަށް ބޮޑު ހޭލުންތެރިކަމެއް އުފެދި އަދި އެކަން ހުއްޓުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން އަލުން މުޖުތަމައަށް ނެރުމަށް އެހީތެރިވުމަށް ނޭޝަނަލް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ވަނީ ޔުނިސެފްގެ އެހީގައި މާލޭގައި ކޮމިއުނިޓީ ސާވިސް ސެންޓަރެއް މިއަދު ހުޅުވައިފަ އެވެ. ގަލޮޅު އަލިކިލެގެފާނުމަގުގައި ހުންނަ ގ. ގްރީންގޭގައި މި ސެންޓަރު ހުޅުވައިދެއްވީ މިއަދު ހެނދުނު އެ ތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އައިޝާ އާއި ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ކެން މަސްކަލް އެވެ.
އެ ސެންޓަރުން ލިބެން ހުންނަ ހިދުމަތްތަކުގެ ތެރޭގައި ކުޅިވަރާއި ލައިބްރަރީ އަދި ކްލާސްތައް ހިންގުމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަމުން ދުރުހެލިކުރުމަށް އެހީތެރިވުމާއި ޕިއާ ކައުންސެލިން އާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމާއި މަސްތުވާތަކެތިން ދުރުހެލިވެގެން ހުންނަން މަސައްކަތްކުރާ މީހުންގެ ކަންތައްތައް ބެލެހެއްޓުމާއި ގްރޫޕް ކައުންސެލިން އާއި ފެމެލީ ކައުންސެލިން އާއި ވޮކޭޝަނަލް އަދި އިޖުތިމާއީ ދީނީ ހަރަކާތްތައް ހިންގުން ފަދަ ކަންތައްތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ