އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ހުކުރު ދުވަހު އަލުން ބާއްވަނީ

އެސްއެމްއެސްއިން ވޯޓުލުމުގައި ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން ކެންސަލްކުރި، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު އަންނަ ހުކުރު ދުވަހު އަލުން ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވި ގޮތުގައި އިންތިހާބު އޮންނާނީ ހުކުރު ދުވަހުގެ މެންދުރު 30: 2 އިން ރޭގަނދު 30: 7 އަށެވެ. އެހެން ނަމަވެސް މި ފަހަރު އެސްއެމްއެސްއިން ވޯޓުލެވޭނީ ޝާހު ވިދާޅުވި ގޮތުގައި އެ ގޮތަށް ވޯޓުލުމަށްޓަކައި ކުރީ ފަހަރު ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް އެކަންޏެވެ.
"އެސްއެމްއެސް ފޮނުވައިގެން ވޯޓުލުމަށް ރަޖިސްޓްރީ ނުކޮށް ތިބި އެންމެންނަށް ވޯޓުލެވޭނީ ދެން ކަރުދާހުގައި. އެސްއެމްއެސްއިން ވޯޓުލުމަށް މި ފަހަރު އަލުން ރަޖިސްޓްރީ ކުރުމެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ ވޯޓުލުން ކެންސަލް ކުރަން ޖެހުނީ ބައެއް އެސްއެމްއެސްތައް ރިސީވް ނުވެ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.
ޝާހު ވިދާޅުވީ އެސްއެމްއެސްއިން ވޯޓުލުމުގައި ދިމާވި މައްސަލަ އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަން ބައްލަވަމުން ގެންދަވާ ކަމަށެވެ.
"ދިރާގުން ކިއު ކޮންޓްރޯލް ނުކުރެވުނީ ކަމަށް ބެލެވެނީ. އެކަމަކު ދިރާގުން ބުނަނީ އެހެން ނުވާނެ ކަމަށް. ވަތަނިއްޔާ މެދުވެރިކޮށް އެސްއެމްއެސް ފޮނުވި މީހުންގެ މައްސަލަތައް ހުރި ކަމަކަށް ނުވޭ. އަދި އަޅުގަނޑުމެން މި ދަނީ ބަލަމުން،" އޭނާ ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ މާލޭގައި ހުކުރު ދުވަހު ވޯޓުލާނެ ތަނެއް އަދި ނުނިންމަވާ ކަމަށެވެ.
އެސްއެމްއެސް މެދުވެރިކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ ވޯޓުލުން އިއްޔެ ކުރިއަށް ގެންދިޔައިރު ދިމާވި މައްސަލަތަކާ ގުޅިގެން ބައެއް ކެންޑިޑޭޓުން ވަނީ ޝަކުވާ ކޮށްފަ އެވެ. އެ ގޮތުން އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމަށް ބައެއް ކެންޑިޑޭޓުން ދެކޮޅު ހަދަ އެވެ. އަދި އިއްޔެގެ ވޯޓުލުން ކެންސަލްކުރިއިރު ބައެއް ކެންޑިޑޭޓުން ވަނީ 30،000ރ. އަށް ވުރެ ގިނައިން ކެމްޕޭނަށް ހަރަދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ