ކޯނީގެ ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއް ކަމަށް ގަބޫލެއް ނުކުރަން: ދިޔާނާ

ވެރިކަން ބަދަލުވީ ގޮތުގެ ތަހުގީގު ހިންގުމަށް ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު އުފެއްދެވި އިންކުއައިރީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ދާދި ފަހަކާއި ޖެހެންދެން ހިއުމަން ރައިޓްސް މިނިސްޓަރުކަން ކުރެއްވި ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން ދިޔާނާ މިއަދު ވިދާޅުވީ ކޯނީގެ ރިޕޯޓު ފުރިހަމަ ނޫން ކަމަށް ގަބޫލު ކުރާ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށާއި މީގެ ކުރިން ވެސް އެކަންތައްތައް ބައެއް ފަރާތްތަކާއި ހިއްސާކޮށްފައިވާނެ ކަމަށެވެ.
ދިޔާނާ ވިދާޅުވީ ކޯނީގެ ރިޕޯޓު ފުރިހަމަ ނޫން ކަމަށް ގަބޫލު ކުރައްވާ އެންމެ މައިގަނޑު ސަބަބަކީ ކޮންމެހެން ބޭނުންވާ ބައެއް މައުލޫމާތުތައް ކޮމިޝަނުން ހޯދާފައި ނުވާތީ ނުވަތަ އެމައުލޫމާތުތައް ކޮމިޝަނަށް ލިބިފައި ނުވާތީ ކަމަށެވެ. ސީދާ ކޯނީގެ ރިޕޯޓުގައި ބޭނުންވާ ބައެއް މައުލޫމާތުތައް ނުލިބޭކަން ބަޔާންކޮށްފައިވާ އިރު ކޮމިޝަނުގެ ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއް ނޫން ކަމަށް ބަޔާން ކުރަން ޖެހޭ ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.
"ސިފައިން ގޭގެ ބައެއް ކެމެރާތަކުން ވީޑިއޯ ނުލިބޭ ކަމަށް އެބައޮތް ހާމަކޮށްފައި، މިއީ ކުރޫޝިއަލް މައުލޫމާތު، މިފަދަ މައުލޫމާތު ނެތީސް ކިހިނެއް ރިޕޯޓު ފުރިހަމަ ކަމަށް ނިންމާނީ، އެބޭފުޅުން ޖެހޭނެ ރިޕޯޓު އިންކޮންކުލޫސިވް ކަމަށް ނިންމަން" ދިޔާނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެފަދަ ތަހުގީގެއް ހިންގުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަމަށާއި އޭގެ ސަބަބުން ވެސް ކޯނީގެ ރިޕޯޓު ފުރިހަމަ ކުރަން ހުރަސްއެޅިފައިވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
" ރާއްޖޭގައި ނެތް އެފަދަ އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދެވޭނެ ގާނޫނީ އޮނިގަނޑެއް. މައުލޫމާތުދޭން ނޯޓިސް ފޮނުވި ކިތައް މީހުން އެކަމަށް އިންކާރު ކުރީ، އެއީ ގާނޫނީ އޮނިގަނޑެއް ނެތުމުން" ދިޔާނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިފަދަ ތަހުގީގު ތަކަކީ ޖިނާއީ މައްސަލަތަކާއި ހިލާފަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާން ޖެހޭ މައްސަލަތަކެއް ނޫން ކަމަށާއި އެމިންގަނޑުން ތަހުގީގު ހިންގިގެން ނުވާނެ ކަމަށް ދިޔާނާ ވިދާޅުވިއެވެ.
މިއީ ސަރުކާރުގެ އިސްފަރާތަކަށް އުޅުއްވި ބޭފުޅަކު ކޯނީގެ ރިޕޯޓާއި ދެކޮޅަށް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. ހިއުމަން ރައިޓްސް މިނިސްޓަރުކަމުން ދިޔާނާ ވަކިކޮށްފައިވަނީ ފިރިކަލުން އަބުދުﷲ ޖާބިރަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލާގައި ސަރުކާރަށް ފާށު ވިދާޅުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ