ދިވެހި ބޭންކު ހިންގުމުގެ ފައިދާ 72 އިންސައްތަ އިތުރު ވެއްޖެ

ދިވެހި ބޭންކް ހިންގައިގެން ލިބުނު ފައިދާ 2010 ވަނަ އަހަރަށްވުރެ، މިދިޔަ އަހަރު 72 އިންސައްތަ އިތުރުވެފައިވާ ކަމަށް ބޭންކުން ބުނެފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2011 ވަނަ އަހަރު ކުންފުނި ހިންގުމުގެ ފައިދާގެ ގޮތުގައި 519 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ 2010 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވާ 302 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު އެއީ ގާތްގަނޑަކަށް 72 އިންސައްތަ އިތުރު އަދަދެކެވެ.
ހިންގުމުގެ ފައިދާގެ އިތުރަށް ކުންފުނީގެ ޖުމްލަ އާމްދަނީވެސް ވަނީ ފުރަތަމަ ފަހަރަށް އެއްބިލިއަނަށް އަރާފައެވެ. 2010 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 830 މިލިއަން ރުފިޔާ އެވެ. އެއީ ގާތްގަނޑަކަށް 30 އިންސައްތަ ކުރިއެރުމެކެވެ. އެބަޔާނުގައި ބުނާ ގޮތުން މިދިޔަ އަހަރު ބޭންކަށް ލިބުނު ފީ އާއި ކޮމިޝަން ވަނީ 74 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރު 432 މިލިއަން ރުފިޔާ ފީ އާއި ކޮމިޝަނުގެ ގޮތުގައި ލިބިފައިވާއިރު އޭގެ ކުރީ އަހަރު ލިބިފައި ވަނީ 248 މިލިއަން ރުފިޔާ އެވެ.
ބޭންކުގެ ސީއީއޯ ޕީޓަރ ހޯޓަން ވިދާޅުވެފއަި ވަނީ މިދިޔަ އަހަރަކީ ފަހަކަށް އައިސް ބޭންކުގެ އެންމެ ކާމިޔާބު އަހަރު ކަމުގައި ވެގެން ގޮސްފައި ވަނީ މުވައްޒަފުންގެ ބުރަ މަސައްކަތުންނާއި ބޭންކަށް އޮންނަ އިތުބާރެއްގެ ބޮޑު ކަމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ