ޔާމީން ވަގުތުން މިނިވަން ކުރުމަށް ހިޔުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް ގޮވާލައިފި

19:00ހިމާޔަތްކުރުމަށްޓަކައި، އެކަހެރި ކުރުމުގެ ނަމުގައި ނަމަވެސް، މީހަކު ބަންދުކުރުމަކީ ޤާނޫނު އަސާސީއާ ޚިލާފަށް ކުރެވޭ ކަމަކަށްވާތީ، މިކަމުގައި ޤާނޫނު އަސާސީގެ ހުދޫދުގެ ތެރެއިން އަމަލުކުރުމަށާއި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަގުތުން މިނިވަން ކުރުމަށް ހިޔުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ މި މަހުގެ 15 ވަނަ ދުވަހު، ޤައުމީ ދިފާޢީ ބާރުގެ ބަންދުގެ ދަށަށް ޔާމީން ގެންދަވައި، ބަންދުކުރިތާ މިއަދާ ހަމައަށް ފަސް ދުވަސް ވީއިރުވެސް ޝަރީޢަތުގެ މަޖިލީހަކަށް ހާޒިރުކުރުމަކާ ނުލައި، އޭނާ ބަންދުގައި ބަހައްޓަވާފައި ވަނީ ޤާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މީހަކު ހިފައި ހައްޔަރުކޮށް ނުވަތަ ބަންދުކުރުމުގެ އުސޫލްތަކާއި ޚިލާފަށް ކަމަށެވެ.ބަންދުކުރެވޭ މީހާ، ބަންދުކޮށްފައި ވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން ސައުވީސް ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާންވާނެ ކަމަށް ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވީ ނަމަވެސް، ދިފާއީ ބާރުގެ ފަރާތުން ޔާމީން މިގޮތުގެ މަތިން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށްދެއްވާފައި ނުވާ ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ. އަދި ޝަރީޢަތުގެ މަޖިލީހަށް ޔާމީން ހާޒިރުކުރުމަށް ޖިނާއީ ކޯޓުން ނެރުނު ޢަމުރާ އެއްގޮތަށް ދިފާއީ ބާރުން ޢަމަލުކޮށްފައިނުވާ ކަމާއި، ޝަރީޢަތުގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ޖިނާއީ ކޯޓަށް އެ ފަރާތުން ހާޒިރުވެފައިނުވާކަން ވެސް އެ ކޮމިޝަނުން ފާހަގަކުރާ ކަމަށް ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ ސިޔާސީ އަދި މަދަނީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ މުއާޙަދާގައި ވެސް އެއްވެސް މީހެއްގެ މިނިވަންކަން ނަގާލައިގެން ނުވާނޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، މިނިވަންކަން ނަގާލެވިފައިވާ ކޮންމެ މީހަކަށް އެ މީހެއްގެ ހައްޔަރު ނުވަތަ ބަންދާ މެދު ގޮތެއް ނިންމުމަށް ލަސްނުކޮށް ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު ލިބިގެންވާ ކަމަށްވެސް ބަޔާންކޮށްފައިވާކަން ވެސް ކޮމިޝަނުން ފާހަގަކުރާ ކަމަށް އެޗްއާރުސީއެމުން ބުނެފައިވެ އެވެ. ދިގު މުއްދަތަކަށް ދެމިގެން ދިޔަ ވެރިކަމެއް ނިމުމަކަށް އައިސް ދީމިޤްރާޠީ އުސޫލުތަކާ އެއްގޮތަށް އިންތިޚާބުކުރެވުނު ސަރުކާރެއް ވެރިކަމާ ހަވާލުވުމުގެ މަރުހަލާ ސުލްހަވެރިކަމާއި ޢަމަންއަމާން ކަންމަތީ ހިނގާފައިވާކަން ފާހަގަކޮށް، ދިވެހި ސަރުކާރާއި ރައްޔިތުންނަކީ ދީމިޤްރާތީ އުސޫލުތަކާ އެއްގޮތަށް ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ލާމަސީލު ބަޔަކަށް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ހިޔުމަން ރައިޓްސް ކޮމިޝަނުން ދެކޭ ކަމަށް ވެސް އެކޮމިޝަނުން ބުނެ އެވެ. އަދި ރައްޔިތުންގެ މެދުގައި އިތުބާރު އަށަގެންނެވުމަށާއި، ހަމަހަމަކަމާއި ތަފާތުނުކުރުމާއި، ޢަދުލުއިންސާފާއި، އިންސާނީ ހައްޤުތަކަށް އިހްތިރާމްކުރާ ސަޤާފަތެއް ދިވެހި މުޖްތަމަޢުގައި އަށަގެންނެވުމަށް، ޤާނޫނުގެ ވެރިކަން ނެގެހެއްޓުމާއި، އެންމެހައި ފަރާތްތަކުން، ވަކިން ޚާއްސާކޮށް، ދައުލަތުގެ ފަރާތުން، ޤާނޫނާއި ޤަވާޢިދަށް ބޯލެނބުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެ ކޮމިޝަނުން ފާހަގަކުރާ ކަމަށް ވެސް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ