ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފަޅައިގެންދަނީ!

އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަދިވެސް އަމާޒުވާ އެއް ދާއިރާއަކީ ޝަރުއީ ދާއިރާއެވެ. އަދުލު އިންސާފުގާއިމުކުރުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަން ޖެހިފައިވާ ޝަރުއީ ދާއިރާއަށް މީހުންގެ ނަޒަރު ހުއްޓެން ޖެހޭ އެއް ސަބަބަށް ވުރެ ގިނަ ސަބަބުތައް އެބަހުއްޓެވެ. މިހާތަނަށް ވެސް އެ ދާއިރާއަށް އަމާޒުވަނީ އާންމުންގެ ޝަކުވާތަކެވެ. ނަމަވެސް މިހާރު ވަނީ ބަދަލުވެފައެވެ. އެންމެ ފަހުން ފަނޑިޔާރުންގެ މެދުގައިވާ ހުޅުގަނޑު ވަނީ ފަޅައިގެން ގޮސްފަ އެވެ.
އާ ގާނޫނު އަސާސީއާއެކު ތިން ބާރު ވަކިވެފައިވާ ދައުލަތެއްގެ ގޮތުގައި ރާއްޖެ ހިންގަން ފެށުން ވެގެން ދިޔައީ ވަރަށް ބޮޑު ބަދަލަކަށެވެ. އޭގެކުރިން ތިން ބާރުގެ ތެރެއިން ދެ ބާރު އޮންނަނީ އެއްވެ މަސްހުނިވެ، ވެރިކަން ހިންގާ ބާރާއި އަދަލު އިންސާފު ގާއިމުކުރުމުގެ ބާރު އެއްވެފައެވެ. އެ ދެބާރުގެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް އާ ގާނޫނު އަސާސީއާއެކު އެކަން ބަދަލުވެގެންދިއުމާއެކު ޝަރުއީ ދާއިރާއަކީ ވެސް އަނެއް ދެބާރެކޭ އެއްގޮތަށް މިނިވަންކަމާއެކު ހިންގާ ބާރަކަށްވި އެވެ. ނަމަވެސް އެއީ ރާއްޖެއަށް ފަރިތަކަމެއް ނޫނެވެ. ސަބަބުތައް ގިނައެވެ. ސަބަބުތަކުގެ ތެރޭގައި އެތައް އަހަރެއް ވަންދެން އެ ބާރު ވެރިކަމުގެ ބާރުގެތެރޭގައި އޮތުން ވެސް ހިމެނެވެ.
އަނެއް ދެބާރެކޭ އެއް ފަދައިން އަދުލުއިންސާފު ގާއިމުކުރުމުގެ ބާރު މިނިވަންކަމާއެކު ހިންގުމުގެ ފުރުސަތު ލިބިގެންދިޔަ ނަމަވެސް އާންމު މީހާގެ ޝަކުވާ މަދެއްނުވެއެވެ. މައްސަލަތައް ނުނިމިގެން ދިގުދެމިގެންދާ މައްސަލައާއި އިންސާފު ނުލިބޭކަމުގެ ވާހަކަ އާއި ފަނޑިޔާރުންގެ ތެރެއިން ބައެއް ބޭފުޅުންގެ އިލުމާއި ގާބިލުކަމާމެދު ސުވާލު އުފައްދައެވެ. ނަހަމަގޮތުގައި ކަންކަންކުރާކަމުގެ ތުހުމަތުގެ އިނގިލި ބައެއް ފަރާތްތަކުން ދިގުކުރެއެވެ.
އަދަލުއިންސާފު ގާއިމުކުރާ ފަރާތްތަކުން ނަހަމަގޮތުގައި ކަންކަންކުރާކަމުގެ ތުހުމަތުގެ އިނގިލި ދިގުކުރަމުންދަނިކޮށް، އެކަން ކަމަށް ބާރު ލިބޭ ބައެއް މައްސަލަތައް ވަނީ ފެންމަތިވެފައެވެ. ޝަރުއީ ދާއިރާގެ އެންމެ މަތީ މަރުހަލާގެ ފަނޑިޔާރުންނަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންދަނިކޮށް، އެންމެ ފަހުން ފެންމަތިވި އެއް މައްސަލައަކީ ހައިކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އަލީގެ މައްސަލައެކެވެ.
ކޮރަޕްޝަނުގެ މައްސަލަތަކެއް އުޅޭކަމަށް ބުނެ އެންޓި ކްރޮޕްޝަން ކޮމިޝަން (އޭސީސީ)ން ބަލުމުންގެންދާ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ގާއިމު ކުރުމުގެ މަސައްކަތްކުރާ ނެކްސްބިޒުގެ ބަޔަކާ ބައްދަލުކުރިކަމުގެ މައްސަލައެއްގެ ވާހަކަ ވަނީ ގުގުމާފައެވެ. އޭސީސީން ބުނެފައިވަނީ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކު ނެކްސްބިޒްއާ ބައްދަލުކުރިކަމުގެ މައްސަލައެއް ބަލަމުންގެންދާކަމަށެވެ. އިސް ފަނޑިޔާރު ޝަރީފް، ނެކްސްބިޒްއާ ބައްދަލުކުރިކަމަށް ބުނާ މައްސަލައެއް އޭސީސީން ބަލަމުންދާއިރު، ބޯޑަ ކޮންޓްރޯލް ސިސްޓަމްގެ މައްސަލާގައި އެކޮމިޝަނުން އިމިގްރޭޝަންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ކަނޑައެޅި ބެންޗު ބަދަލުކުރި މައްސަލަ އެއްވެސް ވަނީ ހައިކޯޓުގެ ހަތް ފަނޑިޔާރަކުވެގެން ފެންމަތިކުރައްވާފައެވެ. އެކަމުގެ ތުހުމަތު ފަނޑިޔާރުން އަޅުއްވާފައިވަނީވެސް އިސް ފަނޑިޔާރުގެ އިސްތަށިފުޅުގައެވެ.
އަދުލުއިންސާފު ގާއިމްކުރާ ފަރާތްތަކަށް އަމާޒުކޮށް ތަފާތު ތުހުމަތުތައް ކުރަމުންދަނިކޮށް، ފެންމަތިވި އެންމެ ބޮޑު އެއް މައްސަލައަކީ ހައިކޯޓުގެ ހަތް ފަނޑިޔާރަކު ސޮއި ކުރައްވާ ހައިކޯޓުގެ އިސް ފަނޑިޔާރާބެހޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅުއްވި މައްސަލައެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ފޮނުވާފައިވާ އަށް ސޮފުހާގެ ސިޓީގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އިސް ފަނޑިޔާރު ކުރައްވާފައިވާ ކަންތައްތަކުގެ ވާހަކަތަކެވެ. އަދި ހައިކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އަލީ ގާނޫނާއި ހިލާފަށް ކުރައްވާފައިވާ ކަންތައްތަކުގެ ސަބަބުން ހައިކޯޓުގައި އިންސާފު ގާއިމުކުރުމަށް ހުރަސް އެޅި އާންމުންގެ ތެރޭގައި ކޯޓުގެ އިތުބާރު ގެއްލި ތަސައްވަރު ކިލަނބުވެގެން ހިނގައިދާނެކަމަށް ހަތް ފަނޑިޔާރުންގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އިސް ފަނޑިޔާރުގެ މައްސަލަތައް ފެންމަތިވުމުގެ ކުރިން ޖިނާއީ ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދާ ބެހޭ ގޮތުން ވެސް ގާޒީންތަކެއް ވަނީ އުއްތަމަ ފަނޑިޔާރަށް ޝަކުވާ އުފުއްލަވާފައެވެ. އަދި އޭނާގެ މައްސަލައެއް ޖޭއެސްސީން ވަނީ ތަހުގީގުކޮށްފައެވެ. އަދި އެ މައްސަލައިގައި ފިޔަވަޅު އަޅަން ޖެހޭކަމަށް ވެސް ކޮމިޝަނުންވަނީ ނިންމާފައެވެ. މިއީ ވަރަށް އާންމުކޮށް އެނގޭ ކަންތައްތަކުގެ ވާހަކަތައް ކަމަށް ވިޔަސް ފަނޑިޔާރުގެއާއި ބެހޭގޮތުން ޝަކުވާކޮށް ޝައްކުތައް އުފައްދާ އާއްމުން ދިގު ކުރަމުން އައި ތުހުމަތުގެ އިނގިލިތަކަށް އިތުރު ބާރެއް ލިބިގެން ދިޔައީ ފަނޑިޔާރުންނާއި ބެހޭ ގޮތުން ފަނޑިޔާރުންތަކެއް ޝަކުވާ ކުރަން ފެށުމުންނެވެ. އަދިއެކަންކަން ރަނގަޅުކުރުމަށް ފިޔަވަޅު އަޅަން ޖެހޭކަން ވެސް ބައެއް ފަނޑިޔާރުން މިވަނީ ސާބިތުކޮށްދެއްވާފައެވެ.
އަދުލުއިންސާފުގާއިމް ކުރާ ދާއިރާގެ ކަންތައްތައް މިހާ ހިސާބަށް ދިއުމަކީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއްނޫނެވެ. އެކަން ހުރިހާ ދިމާލަކުން އެނގެއެވެ. ހާއްސަކޮށް އެ ނިޒާމު ހަމަމަގަށް އެޅުވުމުގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގެންދަވަނީ އެވާހަކަތައް ވިދާޅުވަމުންނެވެ. ފަނޑިޔާރުގެ އިސްލާހުކޮށް ރަނގަޅުކޮށް ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ފަނޑިޔާރުގެ ހަދަން ޖެހޭކަމަށް ގިނަ މެމްބަރުން ވިދާޅުވެ އެކަމަށް ބާރު އަޅާ ވާހަކަ ދައްކާފައިވެއެވެ. ނަމަވެސް މިހާހިސާބަށް އާދެވުނުއިރުވެސް އެ ބަދަލު ނުފެނުނެވެ. މަޖިލީސް އެއް ފަރާތްކޮށްލައިފައި ބަލާލާއިރު ފަނޑިޔާރުގެ ހަމަމަގަށް އަޅުވަންޖެހޭ މުއައްސަސާއަކީ ޖޭއެސްސީއެވެ. އެ އިދާރާ ގާއިމުވެގެންދިޔަތާ ދެތިން އަހަރުވެގެންދިޔައިރު ޖޭއެސްސީގެ ސަބަބުން ލިބުނު ކުރިއެރުމަކީ ކޮބާތޯއޭ ވެސް ސުވާލުކުރަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ