ތިމާވެށީގެ ބައްދަލުވުމަކަށް ބިލިއަނަރު ރިޗަޑް ބްރޭންސަން އާއި އެކްޓަރު އެޑްވަޑް ނޯޓަން ސޮނެވާފުއްޓަށް

ސޮނެވާފުށި ރިސޯޓުގައި އަންނަ މަހު ކުރީކޮޅު ބާއްވާ ތިމާވެއްޓާ ބެހޭ މަހާސިންތާއެއްގައި އިނގިރޭސި ވިލާތުގެ ބިލިއަނަރު އަދި ވާޖިން ގްރޫޕްގެ ރައީސް ރިޗަޑް ބްރޭންސަން އާއި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އެޑްވަޑް ނޯޓަން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ރިސޯޓުން ބުނެފި އެވެ. އެ ރިސޯޓާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ އަންނަ މަހުގެ 6- 9 އަށް ބާއްވާ ތިން ވަނަ "ސިކްސް ސެންސަސް ސްލޯ ލައިފް" މަހާސިންތާގައި އެ ދެ މީހުންގެ އިތުރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ސިކްސް ސެންސަސްގެ ސީއީއޯ ސޯނޫ ސިވްދަސާނީ އާއި ފޯރަމް ފޯ ދަ ފިއުޗާގެ ޖޮނަތަން ޕޮރިޓް އާއި ދަ އީޑެން ޕްރޮޖެކްޓްގެ ޓިމް ސްމިތު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ރިޗަޑް ބްރޭންސަން އަށް ދައުވަތު ދިނީ އޭނާގެ ވިޔަފާރި އަށް ތިމާވެށީގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަދެއްކުމަށް ކަމަށްވެ އެވެ. އަދި އެ ގޮންޖެހުންތަކާ އެކު ވެސް އޭނާގެ ކުންފުނި ކުރިއަރަމުން އަންނަ ގޮތާއި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން ވާހަކަދައްކާނެ ކަމަށް ނޫސްތަކުގައި ބުނެފައިވެ އެވެ. އެ ނޫސްތަކުގައި ބުނެފައިވަނީ ތެލުގެ ބަދަލުގައި އެހެން ހަކަތައެއް ބޭނުންކުރުމާއި ބްރޭންސަންގެ މަތިންދާބޯޓުތަކާއި ރޭލުގައި ހަކަތައިގެ ގޮތުގައި އާ ޓެކްނޮލޮޖީ ބޭނުންކުރުމާއި ތެލުގެ އަގު މައްޗަށް ދިއުމާ ގުޅިގެން ދިމާވާ ގޮންޖެހުމުގެ މައްޗަށް ވާހަކަދައްކާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަހާސިންތާގައި ލޯކަލް އީކޯ ސިސްޓަމްގެ ފައިދާއާ ބެހޭ ގޮތުން އެކްޓަރު އެޑްވަޑް މަޝްވަރާކުރާނެ އެވެ. އިނގިރޭސިވިލާތުގައި 1970 ވަނަ އަހަރު އުފެއްދި ވާޖިން ގްރޫޕުން 30 އަށް ވުރެ ގިނަ ގައުމުގައި ދަތުރުފަތުރާއި ޓޫރިޒަމާއި މޯބައިލް ފޯނާއި ބްރޯޑްބޭންޑް އިންޓަނެޓާއި ޓީވީ ރޭޑިއޯ އަދި މިއުޒިކްގެ ދާއިރާގަ އާއި ފައިނޭންސް އާއި ސިއްހީ ދާއިރާގައި އިންވެސްޓްކޮށްފައިވެ އެވެ. އަދި ވާޖިން ގްރީން ފަންޑުން ވަނީ އިއާދަކުރަނިވި ހަކަތައާ ގުޅޭ ކަންކަމުގައި އިންވެސްޓްކޮށްފަ އެވެ. އިނގިރޭސި ވިލާތުގެ މަޝްހޫރު "ވާޖިން އެޓްލާންޓިކް" އެއާލައިނަކީ ވެސް ބްރޭންސަން ހިއްސާވާ އެއާލައިނެކެވެ. އެޑްވަޑް ނޯޓަން އަކީ އެކްޓަރެއްގެ އިތުރުން ފިލްމް އުފައްދައި ޑައިރެކްޓް ވެސް ކޮށްފައިވާ މީހެކެވެ. އަދި މިދިޔަ އަހަރު ޖުލައި މަހު އދ. އިން ވަނީ ޔޫއެން ގުޑްވިލް އެމްބެސެޑާ ފޯ ބަޔޯޑައިވާސިޓީ ކަމަށް ވެސް އޭނާ ހަމަޖައްސާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ