ފައިސާ ނެތް ހާލުގައި ވެސް މި އަންނަނީ ހިދުމަތް ދެމުން: ހެލްތު މިނިސްޓަރު

ބަޖެޓުގައި ފައިސާ ނެތް ހާލުގައި ވެސް ސަރުކާރުން އަންނަނީ ރައްޔިތުންނަށް ދޭ ހިދުމަތްތައް ފުޅާކުރުމަށް ކަމަށް ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މިދިއަ ބުރާސްފަތިދުވަހު ހުޅުމާލޭގައި ވިދާޅުވެއްޖެ އެވެ.
ކިޑްނީގެ ބަލިތަކަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމުކުރި ޑަޔަލިސިސް ޔުނިޓް ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޑރ. ޖަމްޝީދު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، ރާއްޖޭގެ ސިއްހީ ހިދުމަތާއި އިގްތިސޯދީ ހާލަތާއި ސަރުކާރުގެ ބަޖެޓާއި ދަރަނި އޮތް ހާލަތުގެ ވާހަކަ އިތުރަށް ނުދެއްކެވި ނަމަވެސް ގިނަ މީހުންނަށް ސާފުވާނެ ކަމަށެވެ. އެކަމަކު ދަތި ހާލުގައި، އުނދަގުލުގައި، ފައިސާ ނެތް ހާލުގައި ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންގެ ހައްގުގައި ކަންތައްތައް ކޮށްދީ، ދޭ ހިދުމަތްތައް ފުޅާކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭން ބޭރު ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ހުޅުވި ޑަޔަލިލިސް ޔުނިޓް ގާއިމު ކުރުމުގައި ވެސް، އަމިއްލަ ދެ ފަރާތެއްގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، ސިއްހީ ހިދުމަތްތައް ކުރި އެރުވުމަށް އަމިއްލަ ފަރާތްތަކުގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ޑރ. ޖަމްޝީދު ވިދާޅުވީ ހުޅުމާލޭގައި ގާއިމުކުރި އެ ޔުނިޓުގެ ސަބަބުން، އެ އަވަށުގައި ދިރިއުޅޭ ކިޑްނީގެ ބަލި މީހުންނަށް، މާލޭގައި މަޑުކުރަން ނުޖެހި، ހުޅުމާލޭގައި ތިބެގެން ފަރުވާ ހޯދުމުގެ ފަސޭހަކަން ލިބޭނެ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު ދެ ރަށެއްގައި ވެސް އެފަދަ ޔުނިޓެއް ގާއިމުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ