މިނާގައި މިއަދު ހިނގި ހާދިސާ ތަހުގީގުކުރަން ކޮމެޓީއެއް އެކުވާލުމަށް ރަސްގެފާނު އަންވައިފި

ސައުދީ އަރަބިއްޔާގެ މިނާގައި ފިތި ބާރުވެގެން މިއަދު ގިނަ އަދަދެއްގެ ހައްޖާޖީން ނިޔާވި ހާދިސާ ތަހުގީގުކުރަން ހާއްސަ ކޮމެޓީއެއް އެކުލަވާލުމަށް، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަންގަވައިފިއެވެ.
ސައުދީ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، މި ހާދިސާ ތަހުގީގުކުރުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލުމަށް ރަސްގެފާނު އަންގަވާފައިވާ ކަމަށާއި، މި ހާދިސާ ހިނގާދިޔަ ގޮތް އިނގޭނީ ތަހުގީގު ޓީމުން ކުރާ ތަހުގީގުން ކަމަށެވެ.
އަދި މިހާތަނަށް އައިއިރު، އެހާ ގިނަ އަދަދެއްގެ ހައްޖުވެރިން ނިޔާވާން ދިމާވި ސަބަބެއް ނޭނގޭ ކަމަށްވެސް، އޮފިޝަލް ވިދާޅުވިއެވެ.
ފިތި ބާރުވުމުގެ މި ހާދިސާގައި މިހާތަނަށް 717 ހައްޖުވެރިން ނިޔާވެފައިވާއިރު، 800 އަށްވުރެ ގިނަ މީހުންނަށް އަނިޔާތަށް ވަނީ ލިބިފައެވެ. ސައުދީގެ ބައެއް އޮފިޝަލުން ވަނީ މި ހާދިސާ ހިނގަން މެދުވެރިވީ ހައްޖުވެރިންގެ އަމަލުތަށް ހުރިގޮތުން ކަމަށްވެސް، ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން، ޒިންމާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ބެލެވެއެވެ.
1990 ވަނަ އަހަރަށްފަހު، މިއީ ހައްޖުގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ނިޔާވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ