ލެސްޓާ އަތުން ބަލިވެ އާސެނަލް ވެއްޓިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ އަތުން 1-0 އިން ބަލިވެ އާސެނަލް ލީގު ތާވަލުގެ 10 ވަނަ އަށް ވެއްޓިއްޖެ އެވެ.
މެޗުގައި އާސެނަލް ކޮޅަށް ހަމައެކަނި ލަނޑު މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ޖެހީ ޖެމީ ވާޑީ އެވެ. އަނިޔާގެ ސަބަބުން ލީގުގައި ލެސްޓާ ސިޓީން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވާޑީ ކުޅެފައެއްނުވެ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ކުޅެން އަރައި ވާޑީގެ ފައިގައި ބޯޅަ ޖެހިފައިވަނީ 11 ފަހަރު އެވެ. މިއީ އާސެނަލާ ދެކޮޅަށް ކުޅުނު 12 މެޗުގައި ވާޑީ އެޓީމު ކޮޅަށް ޖެހި 11 ވަނަ ލަނޑެވެ. 12 ލަނޑާ އެކު ޕްރިމިއާ ލީގުގެ ތާރީހުގައި އާސެނަލް ކޮޅަށް އެންމެ ގިނަ ގޯލު ޖަހާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ވޭން ރޫނީ އެވެ.
އާސެނަލް 10 ވަނައިގައި އޮތީ ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު އެވެ. ލީގުގައި އެޓީމު ބަލިވީ ލެސްޓާގެ އިތުރުން ލިވަޕޫލާއި މެންޗެސްޓަރ ސިޓީ އަތުންނެވެ. އާސެނަލް އަތުން ހޯދި މުހިއްމު މޮޅާ އެކު ލެސްޓާ ވަނީ ހަ މެޗުން 12 ޕޮއިންޓް ހޯދައި ތާވަލުގެ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ.
ރޭގެ މެޗުގައި އާސެނަލުން ވަނީ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. އެކަމަކު ދެ ވަނަ ހާފުގައި އެކުޅުން އާސެނަލަށް ތަކުރާރުކުރެވިފައެއްނުވެ އެވެ. މެޗުގެ ކުރީކޮޅު އާސެނަލްގެ އަލެކްސަންޑާ ލަކަޒެޓް ބޮލުން ޖެހި ލަނޑެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ. ގޯލު ކެންސަލްކުރީ ލަކަޒެޓް ބޮލުން ޖެހިއިރު ގްރަނިޓް ޒާކާ އާއި ޕިއޭ-އެމެރިކް-އޮބާމިޔަން އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ. ލަކަޒެޓް ބޮލުން ޖެހި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ޒާކާ ވަނީ އޮފްސައިޑްގައި ހުރެ އެ ބޯޅަ އަށް ހަރަކާތްކޮށްފަ އެވެ.
މެޗަށް ފަހު ކޯޗު މިކޭލް އާޓެޓާ ވަނީ އާސެނަލުން ޖެހި ގޯލު ކެންސަލްކުރުމުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
“އަހަރެން މިހުރީ ވަރަށް ނުތަނަވަސްވެފައި. ފުރަތަމަ ހާފުގައި އަހަރެމެން މޮޅަށް ކުޅެ އަނެއްކާ ޖެހި ގޯލު ގަބޫލުނުކުރި ސަބަބެއް ނުވިސްނޭ. ދެ ވަނަ ހާފުގައި އެމީހުން ޑިފެންސްކޮށް އަހަރެމެންނަށް ހެދޭނެ ގޯހަކަށް މަޑުކޮށްގެން ތިބެ އެ ފުރުސަތުގެ ބޭނުން ހިފީ” މެޗަށް ފާހު ކޯޗު އާޓެޓާ ބުންޏެވެ.
މިއީ 47 އަހަރުފަހުން އާސެނަލްގެ ދަނޑުގައި ލެސްޓާ އަށް މޮޅެއް ލިބުނު ފުރަތަމަ ފަހަރެވެ. 1973 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އާސެނަލް އަތުން މޮޅު ހޯދި ފަހުން ހުރިހާ މުބާރާތެއްގައި ލެސްޓާ އިން ވަނީ އާސެނަލް ދަނޑުގައި މޮޅެއް ނުލިބި 27 މެޗު ކުޅެފަ އެވެ. މެޗަށް ފަހު ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅެ ގޯލެއް ނުވަދެ މޮޅެއް ހޯދުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، ލެސްޓާ އަށް މޮޅު ހައްގު ކަމަށެވެ.
ރޭގެ މެޗުގައި ފާހަގަކުރެވުނު އަނެއް ކަމަކީ އާސެނަލްގެ ފޯވާޑް އޮބާމިޔަން އަށް ގޯލެއް ނުޖެހި ލީގުގައި ފަސް މެޗު ދިއުމެވެ. މިއީ އާސެނަލަށް ބަދަލުވުމަށް ފަހު އޮބާމިޔަންގެ ފޯމު މިހާ ދަށްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޮބާމިޔަން އަށް ލީގުގެ ފަސް މެޗުގައި ގޯލު ނުޖެހި ދިޔައީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޓަށް ކުޅުނު ދުވަސްވަރު 2014 ވަނަ އަހަރު އެވެ.
ލީގުގެ އެހެން މެޗުތަކަށް ބަލާއިރު ސަތޭކަ އިންސައްތަ ރެކޯޑް ގާއިމްކުރަމުން އައި އެވަޓަން ރޭ ވަނީ ރަށުން ބޭރުގައި 2-0 އިން ސައުތެމްޓަން އަތުން ބަލިވެފަ އެވެ. ލީގު ތާވަލުގެ އެއް ވަނައިގައި އޮތް އެވަޓަން އާއި ދެ ވަނައިގައި އޮތް ލިވަޕޫލަށް 13 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް ރަށުން ބޭރުގައި ނުކުންނާނީ ބާންލީއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ