ދަރަވަންދޫ ޔޫތް ފުޓްސަލް ޗެލެންޗްގެ ޗެމްޕިއަންކަން ޑްރީމްސް ޔުނިޓެޑަށް

ބ.އަތޮޅު ދަރަވަންދޫ ކައުންސިލުން އިމންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޔޫތް ފުޓްސަލް ޗެލެންޗްގެ ޗެމްޕިއަންކަން ޑްރީމްސް ޔުނިޓެޑުން ހޯދައިފިއެވެ.
ޑްރީމްސް ޔުނައިޓެޑުން މި މެޗް ކާމިޔާބުކުރީ ހޫލިގަންސް އާ ވާދަކޮށް 2-0 ނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ޗެމްޕިއަންކަން ހޯދި ޓީމްގެ ލަނޑުތައްޖެހީ، ސައްމާހު އާ ސާމިޙް އަލީ އެވެ.
މި މަހުގެ 16 ވަނަ ދުވަހު ފެށި މި މުބާރާތުގެ ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑްރީމްސް ޔުނައިޓެޑްގެ ޖާޒީ ނަމްބަރު 10 ސާމިޙް އަލީ އެވެ.
8 ޓީމް ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިނަކީ، ޑްރީމްސް ޔިނައިޓެޑްގެ ހުސެން ނާސިފާއި ހަމަ އެޓީމްގެ ސާމިޙް އަލީއާއި ރަނައަޕްކަން ހޯދި ހޫލިގަންސްގެ އައްޝަމް އަޙްމަދާއި ހަމަ އެޓީމްގެ އީމާން އިލްޔާސް ގެ އިތުރުން ހަރަހެރި ސްޕޯޓްސް ކްލަބްގެ ހަސަން ނާސިކް އެވެ.
އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށްހޮވުނީ ހޫލިގަންސްގެ އީމާން އިލިޔާސްއެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޑްރީމްސް ޔުނައިޓެޑްގެ ސާމީ ބަޝީރުއެވެ.
ފެއަރ ޕްލޭ ޓީމަކީ ހަރަހެރި ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ. މުބާރާތުގެ ރަނައަޕްޓީމަށް 6000 (ހަހާސް) ރުފިޔާ ޗެމްޕިއަންޓީމަށް 10000 (ދިހަހާސް) ރުފިޔާދިން މި މުބާރާތަކީ ދަރަވަންދޫ ޒުވާނުންގެ މެދުގައި ވާދަވެރިކަމާއެކު، ފުޓްސަލްގެ ހުނަރުތައް އަށަގަންނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް ފުޓްސަލްއަށް ޒުވާނުންގެ ޝައުގު އިތުރުކުރުމަށް ބޭއްވި މުބާރާތެކެވެ.
އަވަސް މުސްތަގުބަލެއްގައި އަންހެނުންނަށް ހާއްސަކޮށްގެންވެސް ފުޓްސަލް މުބާރާތެއް ބޭއްވުމަށް ކައުސިލުން އަންނަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ