އިންތިގާލީ އިންސާފުގެ ގާނޫނު ރަނގަޅަށް ތަންފީޒުވެއްޖެނަމަ ނަޝީދު 1000 އަހަރަށް ޖަލަށްލާނެ: ޑރ. ޖަމީލް

އިންތިގާލީ އިންސާފުގެ ގާނޫނު ރަނގަޅަށް ތަންފީޒު ކުރާނީ ޕީޕީއެމުން ކަމަށާއި އެ ގާނޫނު ރަނގަޅަށް ތަންފީޒު ކުރެވިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު 1000 އަހަރު ޖަލުގައި އޮންނަން ޖެހިވަޑައިގަންނަވާނެ ކަަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި "ވިސްނާ" ޖަލްސާގައި ޑރ. ޖަމީލް ވިދާޅުވީ އެމްޑީޕީގެ އަދުލުގެ ނިޒާމުގައި މިއަދު އިދިކޮޅު އެއްވެސް ފަރާތަކަށް އިންސާފެއްނެތް ކަމަށާއި މިއަދު މިނިވަން ޝަރީއަތެއް ވެސް މި ގައުމުގައި ނުހިނގާ ކަމަށެވެ.
ޖަމީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ފާސްކުރި އިންތިގާލީ އިންސާފުގެ ގާނޫނަކީ އެމްޑީޕީގެ އަމިއްލަ ކަރަށް މަހައިލި މަޅިއެއް ކަމަށެވެ.
"އެންމެ ފުރަތަމަ ބަލަން ޖެހޭނީ ސުޕްރީމް ކޯޓުގައި ތަޅު އެޅުވި މައްސަލަ، 2008ގައި ވެރިކަމަށް އައިސް އަބްދުﷲ ގާޒީ ވަގަށް ނެގި މައްސަލަ، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރި މައްސަލަ، ގާސިމް އިބްރާހިމް ހައްޔަރު ކުރި މައްސަލަ، ހުދު އަޅުގަނޑު ވެސް ހައްޔަރު ކުރި މައްސަލަ އަދި މުލިއާގޭ ތެރޭގައި ހޯރަ އިއްބެ އަދި އޭނާގެ އެހެން ރައްޓެހިން ދިރިއުޅުނު މައްސަލަ، ފުލުހުން ގައިގައި ތަޅާނެ ކަމަށްބުނި މައްސަލަ، ސިފައިންނަށް ގޯނާކުރި މައްސަލަ، " ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި އިންތިގާލީ އިންސާފުގެ ބިލް ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށެވެ. އަދި މި ބިލުން ނޮވެމްބަރު 3، 1988 ގައި ޝަހީދުވި މީހުންގެ އާއިލާތަކަށް އިންސާފު ގެނެސްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"ކުރީގައި އަޅުގަނޑުމެން ބުނަމުން އައީ ދިގު މުއްދަތަކަށޭ ޖަލަށް ދާނީ. އަޅުގަނޑު ހިތާމައާއެކު ދަންނަވާލަން ބޭނުންވޭ އިންތިގާލީ އިންސާފުގެ ބިލް ރަނގަޅަށް ތަންފީޒުވެގެން ހިނގައްޖެ ކަމުގައިވާނަމަ ރައީސް ނަޝީދު، އެއްވެސް ޝައްކެއް ނެތް ގޮތުގައި 1000 އަހަރު ޖަލުގައި އޮންނާނެ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ މި ހުރިހާ ދުވަހު އެމްޑީޕީން ޝަކުވާ ކުރަމުން ދިޔައީ ބާރުތަކާއި އަޣުލަބިއްޔަތު ނުލިބޭ ކަމަށާއި ނަމަވެސް އެމްޑީޕީއަށް ހުރިހާ ބާރަކާއި ހުރިހާ އަޣުލަބިއްޔަތެއް ލިބުމުން ރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއްނެތް ކަމަށެވެ. އަދި މިއަދު ބާރުތައް ލިބުމުން އިންސާފުގެ ދޮރު ކިލަނބުވެ، ވިޔަފާރިތައް ބަނގުރޫޓުވެ، ރައްޔިތުން ނިކަމެތިވެފައިވާ ކަަމަށް ވިދާޅުވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވީ އެމްޑީޕީ ރަނގަޅީ އިދިކޮޅުގައި އޮތުން ކަމަށާއި ވެރިކަމަށް އެންމެ ރަނގަޅީ ޕީޕީއެމް ކަމަށެވެ. އެމްޑީޕީއަށް ދަސްވެފައިވާ ކަމަކީ ގައުމުގައި ހުޅުޖެހުމާއި އިންސާފަށް ހުރަސްއެޅުމާއި ފަނޑިޔާރުން ވަގަށް ނެގުން ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް އުފެދުނު ތާރީހު ކަމުގައިވާ، 1 ޖެނުއަރީ 1953 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސް އަބުދުﷲ ޔާމީން ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި، ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިންތިގާލީ އިންސާފުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވައިފައިވަނީ މިިމަހުގެ 17ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ