އެމެރިކާ ރައްޔިތުން ކޮވިޑް ވެކްސިން ޖަހަން ތައްޔާރުވުމަށް ޑރ. ފައުޗީ ގޮވާލައްވައިފި

އެމެރިކާގެ ހުރިހާ ރައްޔިތުން ކޮވިޑް ވެކްސިން ޖަހަން ތައްޔާރުވުމަށް، ކޮވިޑްބަލީގެ ކަންކަމުގައި އެމެރިކާގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑރ. އެންތަނީ ފައުޗީ އެމެރިކާގެ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
އެމެރިކާގެ އިންފެކްޝަސް ޑިޒީޒް އެކްސްޕާޓް ޑރ. އެންތަނީ ފައުޗީ މިކަމަށް ގޮވާލެއްވީ، ފުރަތަމަ ބުރުގައި އާންމުންނަށް ވެކްސިންދޭން ފެށުމަށް އެމެރިކާގެ ސްޓޭޓްތަކުން ތައްޔާރުވަމުން ދަނިކޮށެވެ.
ޑރ. ފައުޗީވަނީ، އެމެރިކާގެ ހުރިހާ ރައްޔިތުންވެސް ވެކްސިން ޖެހުމަށް އެދިވަޑައިގެންފައެވެ. ކޮންމެ މީހަކުވެސް އެމީހަކާ ހަމައިން މިބަލިމަޑުކަން ނިމުމަކަށް ގެނައުމުގައި އެހީތެރިވުމަށް ޑރ. ފައުޗީ އެދިވަޑައިގެންފައި ވެއެވެ.
އެމެރިކާގެ ދެ ކުންފުނި ކަމަށްވާ ފައިޒަރ އަދި މޮޑަނާއިން ތަރައްގީކުރި ވެކްސިން އަޖުމަބެލުމުގެ ޓެސްޓުތަކުގެ ވަގުތީ ނަތީޖާތައް ރަނގަޅުކަމަށް ދެއްކުމާ ގުޅިގެން އެ ދެ ކުންފުނިން މިހާރުވަނީ، މި ވެކްސިންތައް އިމަޖެންސީ ބޭނުންތަކަށް އެމެރިކާގައި ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ފޫޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހުށަހަޅާފައެވެ.
އަދި، އެކަމުގެ ހުއްދަ ދިނުމާބެހޭ މަޝްވަރާތަކާއި، ނިންމުންތައް ނިންމަން ފޫޑް އެންޑް ޑްރަގް އޮތޯރިޓީގެ ތަޖުރިބާކާރުން ވަރަށް އަވަހަށް ބައްދަލު ކުރާނޭ ކަމަށްވެސް ޚަބަރުތައް ލިބެމުން އެބަދެއެވެ.
އަދި އިމަޖެންސީ ހުއްދަ ދިނުމާއެކު، ފުރަތަމަ ވެކްސިން ދޭނީ ކޮން ގްރޫޕެއްގެ ބަޔަކަށްކަން ކަނޑައަޅާނީ އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުންނެވެ.
އެކަން ހަމަޖެހުމާއެކު، ސްޓޭޓްތަކަށް ވެކްސިން ފޮނުވުމުގެ މަސައްކަތް ފަށާނެކަމަށް، އެމެރިކާގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދިނުމަށް މަރުކަޒީ ސަރުކާރުން ގާއިމްކޮށްފައިވާ ވެކްސިން ޕްރޮގްރާމްގެ ވެރިޔާ ޕްރޮފެސަރ ޑރ. މުންސިފް މުހަންމަދު ސްލާވީ ވިދާޅުވިއެވެ.
ކުންފުނިންވަނީ، އިމަޖެންސީ ބޭނުމަށް ސްޓޭޓްތަކަށް ބޭނުންވާ ޑޯޒްގެ އަދަދު ހުކުރު ދުވަހުގެ ނިޔަލަށް އަންގައިދިނުމަށް އެދިފައެވެ.
ކޮވިޑް ވެކްސިން އާންމުންނަށް ދިނުމުގެ ތައްޔާރީތައް އެމެރިކާގެ ސްޓޭޓަކާއި، މައި ސަރުކާރުން ވަމުންދާއިރު، އެމެރިކާގައި ބަލީގެ ހާލަތުވެސް ދަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ.
ބަލީގެ ސަބަބުން އެމެރިކާގެ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަންޖެހުނު މީހުންގެ އަދަދު ނޮވެމްބަރުމަހު އެކަނިވެސް، 20 ގުނަ އިތުރުވެގެން ގޮސްފައި ވެއެވެ. އިއްޔެ އެކަނިވެސް 86،039 މީހުން އެޑްމިޓްކޮށްފައި ވެއެވެ.
ކޮވިޑްބަލި ޖެހޭ މީހުންނާއި، ބަލީގައި މަރުވާ މީހުންގެ މައުލޫމާތުތައް އެއްކުރާ ޖޯންސް ހޮޕްކިން ޔުނިވަރސިޓީގެ ތަފާސްހިސާބުތައް ބުނާގޮތުން، އެމެރިކާއިން ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 13.5 މިލިއަނަށްވުރެ މައްޗަށް ގޮސްފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު 268،045 އަށް އަރާފައި ވެއެވެ.
މިދުވަސްވަރަކީ އެމެރިކާގައި ރަސްމީ ބަންދު ދުވަސްވަރަކަށް ވެފައި، އާންމުންގެ ދަތުރުފަތުރު އިތުރުވެފައިވާތީ، ކުރިއަށްއޮތް ދުވަސްތަކުގައި ބަލީގެ ހާލަތު އިތުރަށް ގޯސްވެގެން ދާނެކަމަށް ސިއްހީ ތަޖުރިބާކާރުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ