އިންޑިއާ އައުޓް ހުއްޓުވަން ނެރުނު ގަރާރު ތަންފީޒެއް ނުކުރެވޭނެ: ރައީސް ޔާމީން

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ނެރުއްވި ގަރާރަކީ ތަންފީޒުކުރެވިގެންވާނެ ގަރާރެއް ނޫންކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ވިލިމާލޭ ދާއިރާގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ޕީޕީއެމްއިން ވާދަކުރާ ކެންޑިޑޭޓް، ފާތިމަތު ނާޒިމާއަށް ތާއީދުހޯދުމަށް މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ގަރާރަކީ ގާނޫނާ ޚިލާފަށް ނެރުއްވި ގަރާރެއްކަމަށެވެ. އަދި ގާނޫނާ ޚިލާފަށް ކުރާ އަމުރުތައް ތަންފީޒުކުރަން ފުލުހުންނާ ސިފައިން މަސައްކަތް ނުކުރުމަށް ރައީސް ޔާމީން ގޮވާލެއްވިއެވެ. "އަޅުގަނޑުމެންގެ ޕާޓީއިން މަސައްކަތް ކުރަން ރަސްމީގޮތެއްގަ ބަންޑާރަނައިބު މި ކަންކަމަށް ޖަވާބުދާރީކުރުވަން. އެއީ ރައީސުލް ޖުމްހޫރިއްޔާއަކަށް ގާނޫނުތަކެއް ނެހެދޭނެ ގަރާރެއްގެ ދަށުންނެއް. އަމުރުތަކެއް ނުނެރެވޭނެ ގަރާރެއްގެ ދަށުންނެއް،" ރައީސް ޔާމީން ވިދާޅުވިއެވެ. "ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރަން ބޭނުމިއްޔާ ކެރިގެން މިއަދު ހަތަރުބައިކުޅަ އެއްބައި އަގުލަބިއްޔަތުން އެމްޑީޕީން އެކަން ނިންމާ. ނިންމީމަ އަޅުގަނޑުމެން އެކަމަށް ތަބާވާނަން. އެއީ ގާނޫނުއަސާސީގަ އެކަން އޮންނަގޮތްކަމަށް ވާތީ." މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ ޑިމޮކްރަސީގެ ނަމުގައި ހުޅަނގުގެ ފިކުރުތައް ރާއްޖޭގައި ފަތުރަންކަމަށެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އެންމެ އަސާސީ މިންވަރުމަކަށާއި އެ މިނިވަންކަން ނުދެވޭނަމަ ރާއްޖޭގައި ޑިމޮކްރަސީ ގާއިމެއް ނުކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ކީއްވެގެންތޯ ފައުޖެއް ނުކުމެ އިބްރާހިމް މުހައްމަދު ޞާލިހަށް ވެރިކަން ނުކުރެވޭ ވާހަކައާ އިންޑިއާގެ އަސްކަރިއްޔާގެ އަޅުވެތިކަމުގެ ވާހަކަ ނުބުނެވެންވީ؟ އެވާހަކަ ދައްކަން ޖާގަ ނުދޭކަމަށް ވަންޏާ ޑިމޮކްރަސީއޭ ކިޔާފަ ކޮން ފަރިއްސެއްތޯ މި ކިޔަނީ؟" ރައީސް ޔާމީން ވިދާޅުވިއެވެ. "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ގަރާރެއް ނެރުއްވީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ. ނަމަވެސް އިދިކޮޅުން ދަނީ ހުއްޓުމެއްނެތި "އިންޑިއާ އައުޓް" ހަރަކާތް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ގޭގޭގައި ބެނާދެމުމާއި ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުން އަދި މަގުމައްޗަށް "އިންޑިއާ އައުޓް" ޖަހާފައި ހުރި ކަރުދާސް އަންނަނީ އަޅަމުންނެވެ. ޕީޕީއެމްއިން ބުނަނީ ރައީސް ނެރޭ ޤަރާރަކުން އެ ކެމްޕޭން ނުހުއްޓުވޭނެކަމަށެވެ. އެ ޤަރާރާއެކު ވެސް އިންޑިއާ އައުޓް ކެމްޕޭން ފުޅާކުރާނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ