އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕޭނަށް ދިވެހިންގެ ތާއިދެއްނެތް: ރައީސް ނަޝީދު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި ހިންގާ "އިންޑިއާ އައުޓް" ހަރަކާތަށް ތާއީދެއް ނެތްކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެ ކުރައްވާފައިވާ ޓުވީޓުގައިވަނީ، ސިޔާސީ ވެރިންގެ ބޭނުމަށްޓަކައި ދިވެހިން ބާކީވެ ނިކަމެތިވާނެ ކަންކަން ނުކުރުމަށް ހުރިހާ ސިޔާސީ ވެރިން ވިސްނަންވާނެ ކަމަށެވެ. އަދި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއްނޫން ކަމަށެވެ. އެކަން ސާބިތުވަނީ މިހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކަމުން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ލީޑަރު ރައީސް ޔާމީން އިސްވެ ހުންނަވައި ހިންގާ އިންޑިއާ އައުޓް ހަރަކާތާއި ސީދާ ދެކޮޅުކަން ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ހާމަކުރައްވަމުންނެވެ.
އެހެންނަމަވެސް މިފަހަރު އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓު ތަފާތެވެ. މިފަހަރުގެ ޓުވީޓުގައި ވަނީ "ބާކީނުވޭ" ހޭޝްޓެގް ބޭނުންކުރައްވާފައެވެ.
ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ އެކްޓިވިސްޓުންވެސް މިހާރު އަންނަނީ މީސްމީޑިއާގައި މިހޭޝްޓެގް ބޭނުންކުރަމުންނެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ރައީސް ސާލިހްގެ ރިޔާސީ ޤަރަރާރަކުން ވަނީ އެ ހަރަކާތް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް އަމުރު ކުރައްވާފައެވެ.
ނަމަވެސް އެހަރަކާތް އިދިކޮޅުން ހުއްޓާލާފައެއް ނުވެއެވެ. އެ ހަރާކާތް ހިންގުމަށް މަގުތަކަށް އެއްވެ އިހްތިޖާޖުކުރާއިރު ބެނާތައްވެސް ދަނީ ދަމަމުންނެވެ.
ރައީސްގެ ގަރާރަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާލުވެފައިވަނީ،، އިންޑިއާއިން ރާއްޖޭގައި ހިންގަމުންދަނީ ބޮޑެތި ޖަރީމާތަކެއް ކަމަށެވެ.
"އިންޑިއާ އައުޓް" ގެ ނަމުގައި ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅު ކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ދިވެހި ރައްޔިތުން ކުރުމުން އެކަން ހުއްޓުވަން އުޅެނީ އިންޑިއާގެ ޖަރީމާތައް ފޮރުވުމަށް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ގޮވުން ދުވަސްކޮޅަކަށް ހުއްޓުވައި ބެނާތައް ނެގިދާނެ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ހިތުގެ ޝުއޫރާއި، ވިސްނުމުގައި ހުރި ޚިޔާލާއި، ރައްޔިތުން ޤައުމަށްޓަކައި ވާން ބޭނުންވާ ޤުރުބާނީ ފުހެލާނެ ގޮތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް ސޯލިހް ރިޔާސީ ގަރާރެއް ނެރުއްވިފަހުން އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ބެނާއެއް ދެމުންވެސް ވަނީ ޖިނާއީ ކުށަކަށް ހަދާފައެވެ. ފުލުހުން ގެންދަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ހަރުކުރާ ބެނާތަކާއި ދިދަތައްވެސް ނަގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ