އުމެއިރާ ވަކިކުރި މައްސަލަ ހޫނުވެއްޖެ!

ބ. ތުޅާދޫ ކައުންސިލްގައި ހިމެނޭ ހަމައެކަނި ޑީއާރުޕީ މެމްބަރު އުމެއިރާ އަބޫބަކުރު އެ މަގާމުން ވަކިކޮށް ބައި އިލެކްޝަން އިއުލާން ކުރުމާ ގުޅިގެން އެކި މުއައްސަސާތަކުގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުވެ، މައްސަލަ އިތުރަށް ހޫނުވާން ފަށައިފި އެވެ.
އެމްޑީޕީގެ ހަތަރު މެމްބަރުން ހިމެނޭ ތުޅާދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވީ ކަމަށް ބަލައި ބައި އިލެކްޝަނަށް އިލެކްޝަންސް ކޮމިޝަނުން ރޭ އިއުލާންކޮށްފައި ވަނީ އެ ކައުންސިލްގެ އެދުމުގެ މަތިންނެވެ.
އުމެއިރާ މެމްބަރުކަމުން ވަކިކޮށްފައި ވަނީ ތުޅާދޫ ކައުންސިލްގެ ހަތް ޖަލްސާ އަށް ވިދިވިދިގެން ހާޒިރުނުވާ ކަމަށް ބުނެ އެވެ. އުމެއިރާ ވިދާޅުވާ ގޮތުގައި އޭނާ ހާޒިރުނުވީ "ރަސްމީ ބޭނުމެއްގައި ރަށުން ބޭރަށް ދާން ޖެހުމާ ގުޅިގެން"ނެވެ.
ބ. އަތޮޅު ކައުންސިލުން މިއަދު ބުނިގޮތުގައި އިލެކްޝަނުން އުމެއިރާގެ ގޮނޑި އަށް ބައި އިލެކްޝަން ބާއްވަން ހުޅުވާލީ ތުޅާދޫ ކައުންސިލުން އުމެއިރާ ވަކިކޮށްފައި ވަނީ "ރަނގަޅަށް ނޫން" ކަމަށްވާތީ، އެކަން އެ ކައުންސިލުން ދިރާސާކުރަމުން ދަނިކޮށެވެ.
އަދި ބައި އިލެކްޝަން ބޭއްވުމަށް ތުޅާދޫ ކައުންސިލާއި އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަމުންދަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ނިންމުމެއް ނެތި ކަމަށް ބުނެ އެ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
ބ. އަތޮޅު ކައުންސިލްގެ މެމްބަރު މުއުމިން އާދަމް ވިދާޅުވީ އުމެއިރާ ވަކިކުރި ކަމަށް ތުޅާދޫ ކައުންސިލުން އިލެކްޝަނަށް އަންގާފައި ވަނީ އަތޮޅު ކައުންސިލުން އެ މައްސަލަ ބަލަމުންދާތީ، ވަކިގޮތެއް ނުނިންމުމަށް ވެސް އަންގާފައިވަނިކޮށް ކަމަށެވެ. އެހެންވެ، ބައި އިލެކްޝަން މަޑު ޖައްސާލުމަށް އިލެކްޝަނަށް އަންގައި އަދި އެކަންތައް ހުއްޓުވައިދިނުމަށް އެލްޖީއޭ އަށް އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ނިންމާފައި ވަނީ އުމެއިރާ ވަކިކޮށްފައިވާ މައްސަލަ ބެލުމަށް ތުޅާދު އަށް ދާން. އުމެއިރާ ވޯކްޝޮޕަށް ރަށުން ބޭރަށް ދިޔައީ އަތޮޅު ކައުންސިލާއި ތުޅާދޫ ކައުންސިލާ މެދު ލިޔެކިޔުންތައް ބަދަލުކުރެވިގެން. އަދި ތުޅާދޫ ކައުންސިލްގެ ރައީސް [އަހުމަދު ރަޝީދު] އަށް ރަށުން ބޭރަށް ވަޑައިގަންނަވާ ކަން އެންގި ކަމަށް ވެސް އުމެއިރާ ވިދާޅުވި،" މުއުމިން ވިދާޅުވި އެވެ.
ބ. އަތޮޅު ކައުންސިލްގެ ރައީސް އަބޫބަކުރު އަބްދުއްރަހްމާން ސޮއިކުރައްވައި އިލެކްޝަނަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ "ތުޅާދޫ ކައުންސިލް މެމްބަރުކަމުން އުމައިރާ ވަކިކޮށްފައިވާ ކަމަށް ގަބޫލުކޮށް ތިޔަ ކޮމިޝަނުން ބައި އިލެކްޝަނެއް ބޭއްވުމަށް ނިންމާފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް" ކަމަށް އެ ކައުންސލުން ދެކޭ ކަމަށެވެ.
އުމެއިރާ ރަށުން ބޭރުގައި އުޅުއްވީ "ރަސްމީ ދަތުރެއްގައި" ކަމަށާއި އަދި އުމެއިރާ ވަކިކުރަން ތުޅާދޫ ކައުންސިލުން ނިންމި މައްސަލަ އެލްޖީއޭ އިން ވެސް ބަލަމުން ދަނިކޮށް، މެމްބަރުކަން ކަށަވަރުނުކޮށް އިލެކްޝަނުން، ބައި އިލެކްޝަން އިއުލާން ކުރުމުން އެ ސިޓީގައި ފާޑުކިޔާފައިވެ އެވެ. އަދި އެއީ ގައުމުގެ މަސްލަހަތާ ގުޅުން ހުރި މައްސަލައެއް ކަމަށާއި އެހެންކަމުން އިލެކްޝަނުން އިތުރަށް ވިސްނުމަށް ވެސް އެ ސިޓީގައި އެދިފައިވެ އެވެ.
މުއުމިން ވިދާޅުވި ގޮތުގައި އުމެއިރާގެ މައްސަލަ ވަކިގޮތަކަށް ހައްލުނުކޮށް ބައި އިލެކްޝަނެއް ބާއްވައިފި ނަމަ އެހެން ކައުންސިލްތަކުން ވެސް މެމްބަރުންނާ މެދު މިފަދަ ގޮތަކަށް އަމަލުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ބައި އިލެކްޝަން ހުއްޓުވައިދިނުމަށް ސަރުކާރަށާއި އިދިކޮޅު ޕާޓީތަކަށް ވެސް ބ. އަތޮޅު ކައުންސިލުން ނެރުނު ބަޔާނުގައި ގޮވާލާފައިވެ އެވެ.
އުމެއިރާ ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، އިއްޔެއާ ހަމައަށް އޭނާ ކައުންސިލްގެ އިދާރާ އަށް ވެސް ނުކުންނެވި އެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލުން ވަނީ އޭނާއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އޮފީހުގެ އެއްވެސް ލިޔެކިޔުމެއްގައި އަތްނުލުމަށް ވެސް އަންގާފަ އެވެ. އަދި އިއްޔެ ބައި އިލެކްޝަން އިއުލާންކުރުމާ ގުޅިގެން މިއަދު އޭނާ ކައުންސިލް އިދާރާ އަށް ނުނިކުންނަވަ އެވެ.
ތުޅާދޫ ކައުންސިލް މެމްބަރެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށް ތުޅާދޫ ކައުންސިލުން ބުނެފައި ވަނީ އެލްޖީއޭގެ ލަފާމަތިން ކަމަށް އެ ކައުންސިލުން ބުނަމުން ދިޔަ ނަމަވެސް އެލްޖީއޭ އިން ބުނީ އުމެއިރާ "މެމްބަރުކަމުން ވަކިކުރުމަށް ލަފާދީފައިނުވާނެ" ކަމަށެވެ.
އެލްޖީއޭގެ ސީނިއާ އެޑްމިނިސްޓްރޭޓާ އާދަމް ޝަރީފް ވިދާޅުވީ އުމެއިރާ ވަކިކުރުމާ މެދު ތުޅާދޫ ކައުންސިލުން ލަފައަކަށް އެދުމުން އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާގޮތް ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އެއީ "މެމްބަރު ވަކިކުރުމަށް އަންގައިދީފައިވާ ލަފައެއް ނޫން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ވިދާޅުވީ ބައި އިލެކްޝަނަށް ހުޅުވާލާފައި ވަނީ ތުޅާދޫ ކައުންސިލުން ބައި އިލެކްޝަން ބާއްވައި ދިނުމަށް ސިޓީ ފޮނުވުމާ ގުޅިގެން ކަމަށެވެ. އެ ސިޓީގައި، އުމެއިރާ ވަކިކޮށްފައި ވަނީ ގާނޫނުގައި ބުނާ އަދަދަށް ޖަލްސާތަކުގައި ބައިވެރިވެފައި ނުވާތީ ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ އުމެއިރާ ވަކިކޮށްފައި ވަނީ ބޭއިންސާފުން ކަމަށް ބުނެ އޭނާ ވެސް އިލެކްޝަނަސް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އެގޮތަށް ހުށަހަޅާ މައްސަލަތައް ބެލުމުގެ އިހްތިޔާރެއް އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
"ރަށު ކައުންސިލުން އަންގާފައި އެ ވަނީ ވަކިކޮށްފިއޭ. އެހެންވީމަ ބައި އިލެކްޝަން ހުޅުވާލީ ކައުންސިލްގެ އެދުމާ އެއްގޮތަށް،" ފުއާދު ވިދާޅުވި އެވެ. "ކޯޓުން އަމުރެއް އަތުވެއްޖިއްޔާ [ބައި އިލެކްޝަން] އަޅުގަނޑުމެން ކުރިއަށް ނުގެންދާނަން. އެހެންނޫނީ ގާނޫނޫން ތަން ނުދޭ ލަސްކުރާކަށެއް. 45 ދުވަސް ތެރޭގައި އިންތިހާބު ބާއްވަން ޖެހޭ."
ތުޅާދޫ ކައުންސިލުން ހުށަހެޅި ކަންތައްތަކަށް ރިއާޔަތްކޮށް ބަންޑާރަ ނައިބު އޮފީހުން ލަފާދީފައި ވަނީ ކައުންސިލް މެމްބަރެއްގެ ގޮތުގައި އުމެއިރާ ބެލެވެން ނެތް ކަމަށެވެ.
އިލެކްޝަނުން ބައި އިލެކްޝަން އިއުލާންކޮށްފައިވީ ނަމަވެސް އުމެއިރާ ކައުންސިލް އިދާރާގައި މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް ގާއިމްކޮށްދިނުމަށް ބ. އަތޮޅު ކައުންސިލުން ވަނީ ތުޅާދޫ ކައުންސިލަށް އަންގައިފަ އެވެ. އަދި އޭނާ އަކީ އެ އިދާރާ އިން ވަކިވެފައިވާ މީހެއްގެ ގޮތުގައި ނުދެކުމަށް ވެސް ތުޅާދޫ ކައުންސިލަށް ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ