ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން މަޖިލީހުން ފާސްކުރުމުގެ އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި

ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ކަނޑައެޅުމަށް ކުންފުނިތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.
ފަރެސްމާތޮޑާ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އިބްރާހިމް މުއްތޮލިބު ހުށަހެޅުއްވި މި ބިލް މަޖިލީހުން ބޭރުކޮށްލީ އެ ބިލް މަޖިލީހަށް ބަލައިގަތުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ގިނަ މެމްބަރުންގެ ތާއީދު ނުލިބުމުންނެވެ.
ބިލް ބަލައިގަތުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ބިލާ އެއްކޮޅަށް ވޯޓު ދެއްވީ އެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 65 މެމްބަރުންގެ ތެރެއިން 16 މެމްބަރެކެވެ. ފެނިވަޑައި ނުގަންނަވާ ކަމަށް 49 މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ތިން މެމްބަރަކު ތިއްބެވި އެވެ.
ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން މަޖިލީހުން ފާސްކުރުމުގެ ބިލާ ދެކޮޅަށް އެމްޑީޕީ އާއި އިދިކޮޅު ގިނަ މެމްބަރުން ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެ ބޭފުޅުންގެ މައިގަނޑު މައްސަލަ އަކީ އެ ގޮތަށް ނިންމައިފި ނަމަ ކުންފުނިތަކުގެ މިނިވަންކަން ގެއްލިގެން ދިއުމެވެ. އަދި ކުންފުންޏާ ބެހޭ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަންޖެހޭއިރު އެންމެ އިސްލާހަކުން ހުރިހާ ކަމެއް ރަނގަޅު ނުވާނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
މުއްތޮލިބުގެ އިސްލާހުގައިވާ ގޮތުން ޕަބްލިކް ކުންފުނިތަކާއި ރައުސްމާލު ކަނޑައެޅިގެން ހިންގާ ސަރުކާރު ކުންފުނިތަކާއި ކޯޕަރޭޝަންތަކާއި އަދި އެ ނޫން ވެސް ގޮތަކަށް ދަރަންޏަށް ޒިންމާވާ ގޮތަށް ސަރުކާރުން އުފައްދާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އެވެ.
އެ އިސްލާހުގައިވާ ގޮތުން ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ޗީފް އެގްޒެކެޓިވް އަކީ މަގާމުގެ ހައިސިއްޔަތުން މެނޭޖިން ޑިރެކްޓަރެވެ. އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރު ފިޔަވައި އެ ކުންފުނިތަކަށް ސަރުކާރުން ކަނޑައަޅާ ޑިރެކްޓަރުން، ސީއެމްޑީއޭގެ ކޯޑާ އެއްގޮތަށް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް މުއްތޮލިބުގެ އިސްލާހުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ