ދިއްދޫ އަންހެންކުއްޖާ އަށް އިންސާފު ހޯދައިދީ އެކަމާ އަޑުއުފުލާނެ ބަޔަކު ނެތް: ހެލްތު މިނިސްޓްރީ

ހއ. ދިއްދޫ ބަޔަކު އެ ރަށުގެ ކުޑަ އަންހެންކުއްޖަކާ އެކު ބަދުއަހްލާގީ އަމަލު ހިންގިކަން ފަޅާއަރައިގެން އެޕްރީލް މަހު ފެށި ތަހުގީގަށް ފަހު އެ ކުއްޖާ ސްކޫލަށް ވަނަ ނުދިނުދީ ހިފެހެއްޓި ނަމަވެސް އެކަމުގައި އޭނާ އަށް އިންސާފު ހޯދައިދީ އަޑުއުފުލާނެ ބަޔަކު ނެތް ކަމަށް ހެލްތު އެންޑް ފެމިލީ މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި އިިންސާނީ ހައްގުތަކަށް މަސައްކަތްކުރުމަށް އެކި ފަރާތްތަކުން މަސައްކަތްކުރި ނަމަވެސް އަންހެންކުއްޖާ އަށް ލިބުނު ގިނަ އަނިޔާތަކާ ދެކޮޅަށް އެއްވެސް ބަޔަކު ވަކާލާތުނުކުރާ ކަމަށެވެ. އަދި އެކަން ކުށްވެރި ކުރަމުން އެ މިނިސްޓްރީން ބުނީ، ދިއްދޫގެ މަދު ބަޔަކު ކުރިކަމެއް ނަމަވެސް އެއީ އިންސާނިއްޔަތާ ހިލާފު، އަނިޔާވެރި އަމަލުތަކެއް ކަމަށެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އަށް މީހަކު ވެގެން 13 އަހަރުގެ އެ އަންހެންކުއްޖާއާ ބަދުއަހްލާގީ އަމަލު ހިންގާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެކަމާ ގުޅިގެން އެމީހުން ހައްޔަރުކުރި ނަމަވެސް ދިއްދޫގެ ބައެއް މީހުން ބުނަނީ އެ ކުއްޖާއާ ބަދުއަހްލާގީ އަމަލު ހިންގާފައިވަނީ އޭނާގެ ރުހުމުގައި ކަމަށެވެ.
އަންހެންކުއްޖާ ސްކޫލަށް ނުކުންނަން އިއްޔެ ފެށުމުން ބަޔަކު ވަނީ އެކަމާ ދެކޮޅުހެދުމުގެ ގޮތުން ސްކޫލް ގޭޓުގައި ތަޅުއަޅުވާފަ އެވެ.
ހެލްތު މިނިސްޓްރީން ބުނީ ފުލުހުން އެ މައްސަލަ ތަހުގީގުކުރުމަށް ފަހު ވަކި ގޮތެއް ނިމެންދެން އެ ކުއްޖާ ސްކޫލަށް ނުފޮނުވުމަށް ބެލެނިވެރިންނަށް ސްކޫލުން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ ފިޔަވަޅުގެ ސަބަބުން އެ ކުއްޖާ ކިޔެވުމުން މަހުރޫމު ވަމުންދާތީ އެކަމާ ބެހޭ ގޮތުން ކަމާ ބެހޭ އިދާރާތަކާ ވާހަކަ ދައްކައިގެން އިއްޔެ އެކުއްޖާ ސްކޫލަށް ދިޔުމުގެ ހުއްދަ ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ހެލްތު އެންޑް ފެމިލީ މިނިސްޓްރީން ބުނި ގޮތުގައި އަންހެންކުއްޖާ ސްކޫލަށް ނުކުތުމާ ދެކޮޅު ހެދި ބަޔަކު ސްކޫލު ގޭޓު ތަޅުލުމުން އޭނާ އަށް އެ ލިބުނީ އިތުރު އަނިޔާތަކެކެވެ. އަދި އެފަދަ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ހުރިހާ ފަރާތްތަކުން ވެސް ތެދުވުމަށް އެ މިނިސްޓްރީން އިލްތިމާސްކުރި އެވެ.
އަންހެންކުއްޖާއާ އެކު ބަދުއަހްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އަށް މީހަކު ހައްޔަރު ކުރި އިރު އޭގެ ތެރޭގައި އަންހެންކުއްޖާއާ އެކު ސްކޫލުގައި ކިޔަވާ ދެ ފިރިހެން ކުއްޖަކު ވެސް ހިމެނެ އެވެ. ނަމަވެސް އެ އެންމެން ވެސް ވަނީ، މައްސަލައިގެ ތަހުގީގު ނިމުމުން ދެ ހަފުތާ ފަހުން ދޫކޮށްލާފަ އެވެ.
އަންހެންކުއްޖާ ސްކޫލަށް ވަނުމަށް އިއްޔެ ބަޔަކު ހުރަސް އެޅީ، މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފިރިހެން ކުދިންނަށް ކިޔެވުމުގެ ފުރުސަތު ނުދީ އަންހެން ކުއްޖާ އަށް ނުކިޔެވޭނެ ކަމަށް ބުނެ އެވެ. އިއްޔެ އެ ކުއްޖާ ސްކޫލަށް ނިކުތުމުން އެކަމާ ދެކޮޅު ހެދުމަށް ސްކޫލު ދޮށަށް އެއްވި މީހުންގެ ތެރޭގައި އެ މައްސަލައާ ގުޅިގެން ފުލުހުންނާ ކުރިމަތިލުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ވެސް ހިމެނެ އެވެ.
ބައެއް މީހުން ބުނާ ގޮތުގައި ފިރިހެން ދެ ކުދިންނަށް ވެސް ސްކޫލަށް ދިއުމުގެ ހުއްދަ ލިބުނެވެ. އެކަމަކު ބެލެނިވެރިން ވަނީ އޭގެ ތެރެއިން އެއް ކުއްޖަކު ސްކޫލުން ކަނޑާލާފައި ކަމަށްވެ އެވެ. އެކަމާ ބެހޭ ގޮތުން ސްކޫލުން އަދި ދިއްދޫ ކައުންސިލުން ވެސް ވަކި އެއްޗެކޭ ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ