ގިނަ މީހުން އެއްވާ ޙަރަކާތްތައް ނުބޭއްވުމަށް އެޗުޕީއޭއިން އިލްތިމާސް ކުރައްވައިފި

ގިނަ މީހުން އެއްތަނަކަށް އެއްވެ ބާއްވާ ޙަރަކާތްތައް މިދުވަސްވަރު ނުބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ.
އެތަނުން މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ އަދިވެސް ދުނިޔޭގެ އެކި ގައުމުތަކުގައި ކޮރޯނާ ވައިރަސް ހުއްޓުމެއްނެތި ފެތުރެމުންދާތީއެވެ. އެޗުޕީއޭއިން ވިދާޅުވެފައިވަނީ ޗައިނާއަށް ދަތުރު ކޮށްފައިނުވާ މީހުންގެ ގައިން ވެސް މިވައިރަސް މިހާރު ފެންނަމުންދާ ކަމަށެވެ. އެތަނުން ގެންދަވަނީ ވަރަށް ގާތުން މިބަލި މޮނިޓަރ ކުރައްވަމުން ކަމަށް ވެސް ވިދާޅުވިއެވެ. "ޗައިނާގެ އިތުރުން ދެކުނުއިރުމަތީ އޭޝިއާގެ ބައެއް ޤައުމުތަކުގައި ޗައިނާއަށް ދަތުރުކޮށްފައިނުވާ ފަރާތްތަކުގެ ކިބައިން ވެސް މިބަލި ފެނި، އެ ޤައުމުތަކުގައި މިބަލި ފެތުރެމުންދާ ކަމަށް ފާހަގަ ކުރެވެއެވެ." އެޗުޕީއޭއިން ވިދާޅުވެފައިވެއެވެ.
އެޗުޕީއޭއިން ވަނީ ބައެއް ޤައުމުތަކަށް ދަތުރު ކުރެއްވުމުގައި ވަރަށްބޮޑަށް ސަމާލުވުމަށް ވެސް އަންގަވައިފައެވެ. އެ ޤައުމުތަކަކީ، ޖަޕާން، ސިންގަޕޫރު، ހޮންގްކޮންގް، ސައުތު ކޮރެއާ، ތައިލެންޑް، އީރާން، އިޓަލީއެވެ. ރާއްޖެއިން ބޭރަށް ދަތުރު ކުރައްވާއިރު ސަމާލުކަން ދެއްވަންވީ ބައެއް ކަންކަން ވެސް އެޗުޕީއޭއިން ވަނީ ހާމަކުރައްވާއެވެ. އެއީ:
ދަތުރު ކުރައްވާ ޤައުމެއްގައި ބަލިފެތުރޭ މިންވަރާއި، ސަރަޙައްދުތައް ދެނެގަތުން
ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން، ސައިބޯނި ނެތްނަމަ ހޭންޑު ސެނިޓައިޒަރ ބޭނުން ކުރުން
ދަތުރު ކުރުމަށްފަހު އެނބުރިއައިސް، ރޯގާޖެހި، ކެއްސާ، ހުންއައުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ގޭގައި މަޑުކުރުން. އަދި އިތުރަށް ގޯސްވާ ކަމަށްވާނަމަ ނުވަތަ ރަނގަޅު ނުވެ ގިނަ ދުވަސްވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން.
ގިނަ މީހުން އެއްވާ ކަހަލަ ހަރަކާތްތައް މިދުވަސްވަރު ނުބޭއްވުމަށް އެޗުޕީއޭއިން އިލްތިމާސް ކުރެއްވީ މިމަހު 28 ގައި ޕީޕީއެމުން ހަރަކާތެއް ބާއްވަން ތާވަލު ކޮށްފައި ވަނިކޮށްނެވެ. އަދި ވޮއިސް އޮފް ޗިލްޑްރެންގެ ހިނގާލުމެއް ވެސް އެދުވަހަކަށް ވަނީ ތާވަލު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ