ދިވެހިރާއްޖޭގެ އެންމެ ބައިބޯ އެއް ރަށް ފުވައްމުލަކަށް ހޯމަ ދުވަހުން ފެށިގެން ސާފު ފެން ނުލިބޭ މައްސަލައިގައި އެ ރަށުގެ ބަޔަކު މިއަދު ވެސް މުޒާހަރާ ކުރަން ފަށައިފި އެވެ.
ޖުމްލަ 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުގައި މިވަގުތު ކުރިއަށްދާ މުޒާހަރާގައި ބައިވެރިން ބުނަމުންދަނީ އެ ރަށަށް ސާފު ފެން ނުލިބުމަކީ ސަރުކާރުގެ ބޮޑު ފޭލިއާއެއް ކަމަށެވެ. އެ މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.
"މި ސަރުކާރުން މި ވަނީ މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އިހުމާލުވެފައި. ރައީސުލްޖުމްހޫރިއްޔާ މި ވަނީ ފުވައްމުލަކު ރައްޔިތުންނަށް ވަރަށް ބޮޑަށް އިހުމާލުވެފައި. ރައްޔިތުންނަށް ފެން ފޯރުކޮށްދެވޭނެ ވަރުގެ ބަޔަކު މި ސަރުކާރަކު ނެތް،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.
ފުވައްމުލަކު ފެނުގެ ނިޒާމަށް މައްސަލަތަކެއް ދިމާވާ ދުވަސްތަކެއް ފާއިތުވެފައިވާ ކަމަށް އެ ރަށުން މި ނޫހާ ވާހަކަ ދެއްކި މީހުން ބުންޏެވެ. ގޭގެއަށް ފެން ދޫކުރަން ގާއިމްކޮށްފައިވާ ހޮޅިތަކުގައި ލީކެއް އުޅޭ ކަމަށް ވެސް ބެލެވެ އެވެ. އަދި ފެނުން ބެކްޓީރިއާ ނަައްތާލަން ބޭނުން ކުރާ ކެމިކަލެއް ވެސް ރަށުން ހުސްވި ކަމަށް ބައެއް މީހުން ބުނެ އެވެ.
ރަށަށް ސާފު ބޯފެން ނުލިބޭތީ އާންމު ދިރިއުޅުމަށް ވަނީ ބުރޫއަރައިފަ އެވެ. މިހާރު ރަށުގައި ބޭނުން ކުރަމުންދަނީ އަމިއްލަ މީހުން އެ ރަށަށް ގެންގޮސްފައިވާ ފުޅި ފެނާއި އިއްޔެ ސަރުކާރުން އެ ރަށަށް ގެންދިޔަ ބައެއް ފުޅި ފެނެވެ. އެކަމަކު، ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދުނުކޮށް އެބަ ކުރިއަށް ގެންދެ އެވެ.
ރަށުން ފެން ނުލިބޭ މައްސަލައިގައި ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަނީ އިއްޔެ މެންދުރު އެ މައްސަލައިގައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައި، ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެން ފޯރުކޮށްދޭން ފެށޭނެ ކަމަށް ވިދާޅުވެފައ އެވެ.
"ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެންދޫކުރަންފަށާނެ،" ހީނާ އިއްޔެ ވިދާޅުވި އެވެ.
އެކަމަކު، ހީނާ އެހެން ވިދާޅުވިތާ 24 ގަޑިއިރު ފާއިތުވިއިރު ވެސް ފުވައްމުލަކަށް އަދިވެސް ފެނެއް ނުލިބެ އެވެ. އަދި ފެނަކަ އާއި ސަރުކާރުން ވެސް އެ މައްސަލައިގައި މައުލޫމާތު ނުދޭތީ، މައްސަލަ ހައްލުނުވެގެން އުޅޭ ސަބަބެއް ސާފެއް ނުވެ އެވެ.
ހީނާ އިއްޔެ ވިދާޅުވީ، ފެން ތަޣައްޔަރުވެފައިވާތީ މުޅި ފެނުގެ ނިޒާމް ޑިސްއިންފެކްޓު ކުރަންޖެހޭނެ ކަމަށެވެ. އެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ހީނާ އިއްޔެ ވިދާޅުވި އެވެ.
"ފުވައްމުލައް ސިޓީގެ ފެން ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން އެމްއެފްޑީއޭ އާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި،" ހީނާ ވިދާޅުވެފައިވެ އެވެ.
ފުވައްމުލައް ފެނަށް ޖެހުން: ރަށުގައި މިއަދު ވެސް މުޒާހަރާ، ބައިވެރިން ގޮވާލަނީ މުއިއްޒުގެ އިސްތިއުފާއަށް ފުވައްމުލައް ފެނަށް ޖެހުން: ރަށުގައި މިއަދު ވެސް މުޒާހަރާ، ބައިވެރިން ގޮވާލަނީ މުއިއްޒުގެ އިސްތިއުފާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ