އިސްލާމީ ހުދޫދުން ބޭރުން ހިޔާލުފާޅުކުރަންޏާ އެހެން ގައުމަކަށް ދޭ: ރައީސް

އިސްލާމީ ހުދޫދުގެ ތެރެއިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި އޭގެ ބޭރުން ހިޔާލުފާޅުކުރަން ޖެހޭނީ ރާއްޖޭން ބޭރަށް ގޮސް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު މިހެން ވިދާޅުވީ، ސޯޝަލް މީޑިއާ ކޮންޓްރޯލްކުރާ ގާނޫނާ ދެކޮޅަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ޖަމިއްޔާތަކުންނާއި ބޭރުގެ ބައެއް އެމްބަސީތަކުން ވާހަކަ ދައްކާފައި ވަނިކޮށެވެ.
 ތަފްސީލް - ރައީސް ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހުދޫދުގެ ބޭރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަން ދިވެހިން ބޭނުންނުވާ ކަމަށެވެ. އޭގެ ބޭރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - "ހިޔާލު ފާޅުކުރުމުގެ މިނިވަން އޮންނާނެ. އެކަމަކު އިސްލާމީ ހުދޫދުގެ ތެރޭގައި. އެ ހުދޫދުގެ ބޭރުން ހިޔާލުފާޅުކުރަންޏާ އެހެން ގައުމަކަށް ދާން ޖެހެނީ. ފަރަންޖީ ކޮންމެ ތަނަކުން ކިތަންމެ ބަޔާނެއް ނެރުނަސް ފަރުވާލެއް ނެތް،" ރައީސް ވިދާޅުވި އެވެ.
އިސްލާމީ ޝަރީއަތުގައި ދީފައިވާ އެންމެ ބޮޑު ހައްގަކީ އަބުރުގެ ހައްގު ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ހައްގު ދިނުމުގައި އެއްވެސް މީހަކަށް ތަފާތުނުކުރެވޭނެ ކަމަށާއި އެންމެނަށް ވެސް ހަމަހަމަކޮށް އެ ހައްގު ލިބެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ މީހެއްގެ ވެސް އަބުރެއް، ކަރާމާތެއް އެބަ އޮތް. އެ އިންސާނީ ކަރާމާތް ވެއްޔާ މޮޑެން މި ސަރުކާރަކުން ފުރުސަތެއް ނުދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރުން ރައްޔިތުންގެ ހައްގުތައް ފުޅާކޮށްދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ކުރިން މާލޭގައި، ހުއްދަ ނުހޯދާ އެއްވެވޭ ތަނަކަށް ކާނިވާ ސަރަހައްދު އެކަނި އޮތުން ބަދަލުކޮށް އިތުރު ހަތަރު ސަރަހައްދެއް ހިމެނިކަން ވެސް ފާހަގަކުރެއްވި އެވެ.
ނަމަވެސް ސަރުކާރާ ދެކޮޅަށް ބަޔަކު އެއްވާ ތަނެއް ވެސް ނުފެންނަ ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތް، ޕީއެންސީގެ ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މިރޭ މީހުން އެއްވި މިންވަރުން ވެސް އެނގޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެނގުން މުހިންމު - އިސްލާމީ ހުދޫދުގެ ބޭރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުދެވޭނެ ކަމަށް ރައީސް ވިދާޅުވި އިރު، ނޫސްވެރިންގެ ކަންބޮޑުވުމަކީ ސަރުކާރާއި މަޖިލިސް ހިމެނޭ ގޮތަށް ސިޔާސީ ނުފޫޒު އޮންނަ ކޮމިޝަނަކުން މީޑިއާ ރެގިއުލޭޓް ކުރުމެވެ.
ނޫސްވެރިން ގޮވާލަމުން ދަނީ ހަމައެކަނި މީޑިއާތަކުން މެމްބަރުން އިންތިހާބުކޮށް ވަކިކުރާ ކައުންސިލަކުން މީޑިއާ ރެގިއުލޭޓްކުރާ ނިޒާމަކަށެވެ. ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުގެ ކަންބޮޑުވުންތަކުގެ ތެރޭގައި އިސްލާމީ ހުދޫދުން ބޭރުން ހިޔާލު ފާޅުކުރުމެއް ނުހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ