އަންނަ އަހަރުގެ ބަޖެޓުން ޒިންމާ އަދާނުކުރެވޭނެ، 78 ޕަސެންޓް ދާނީ މުސާރައަށް: އޭސީސީ

އަންނަ އަހަަރަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ދޭން ކަނޑައަޅައިފައިވާ ބަޖެޓަކީ ގާނޫނީ ޒިންމާ އަދާކުރަން އެކަށޭނަ ބަޖެޓެއް ނޫންކަމަށް އޭސީސީން މިއަދު ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، އޭސީސީގެ ބަޖެޓުގެ ސީލިންއަކީ 49.8 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މަޖިލީހަށް ފިނޭންސް މިނިސްޓްރީން ބަޖެޓު ހުށަހެޅިއިރު އޭސީސީއަށް ބަޖެޓުކޮށްފައި އޮތީ ދެ މިލިއަނެއްހާ ރުފިޔާ މަދުކުރުމަށްފަހު 47 މިލިއަން ރުފިޔާ ކަމަށް ޝާމިލް ވިދާޅުވިއެވެ. އޭގެ ތެރެއިން 37 މިލިއަން ރުފިޔާ މުސާރައާއި އިނާޔަތްތަކަށް ޚަރަދުވާއިރު، އެއީ 78 ޕަސެންޓު ކަމަށް ވިދާޅުވިއެވެ. އެއަށްފަހު ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުންކުރެވޭނެ ފައިސާގެ ގޮތުގައި ބާކީ އޮންނާނީ 1.6 މިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ. އެއީ މުޅި ބަޖެޓުގެ 3.39 ޕަސެންޓު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޝާމިލް ވަނީ، އޭސީސީގެ ބަޖެޓުގެ ތެރެއިން 10.1 އިންސައްތަ ކުއްޔަށް ޚަރަދުކުރަން ޖެހޭކަން ފާހަގަކުރައްވައިފައެވެ. ކުލިދައްކަން ހޭދަކުރާ މިންވަރު ކުޑަކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ހަތަރު މިލިއަނެއްހާ ރުފިޔާއަށް އެ އަދަދު ދަށްވި ނަމަވެސް، މިހާރު އޭސީސީ ހިންގަމުން އަންނަ އިމާރާތާމެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މިއަދު ބޭއްވި ކޮމިޓީއެއްގައި އޭސީސީގެ މެންބަރުން: އަންނަ އަހަރުގެ ބަޖެޓުން ޒިންމާ އަދާނުކުރެވޭނެ ކަމަށާއި 78 ޕަސެންޓް ދާނީ މުސާރައަށް ކަމަށް އެ ކޮމިޝަނުން ބުނި -- ފޮޓޯ/ އޭސީސީ ޝާމިލް ވިދާޅުވީ އޭސީސީ ހިންގަމުން އަންނަ އިމާރާތަކީ މައި މަގަކަށްވާހެން، މީހުން ދިރިއުޅޭ، ކުޑަކުދިން ވެސް ދިރިއުޅޭ ގެއެއް ކަމަށެވެ. އަދި ކޮމިޝަނަށް، ކުށްވެރިވެގެން ނޫނަސް، މައުލޫމާތު ސާފުކުރުމަށް އިސް ބޭފުޅަކު ގެނައި ނަމަވެސް، އެ މީހެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް ދަތިތަކާ ކުރިމަތިވާ ކަމަށް ވިދާޅުވިއެވެ. "އެންޓި ކޮރަޕްޝަން ކޮމިޝަން، ހަމަ އެއްގޮތަކަށް ވެސް އާންމު މީހަކު ދިރިއުޅޭ ގެއެއްގައި ހިންގޭ ގޮތަކަށް ނޫން އިންތިޒާމުތައް ހުންނަން ވާނީ،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭސީސީގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަނީ ވެސް ދަތި ޖާގައެއްގައި ކަމަށެވެ. ކޮމިޓީގައި ޝާމިލް އިތުރަށް ވިދާޅުވީ، ދުރާލާ ކޮރަޕްޝަން ދެނެގަތުމުގެ ނިޒާމު އޮތީ އަދިވެސް ވަރަށް ބަލިކަށިކޮށް ކަމަށެވެ. ކޮންމެ ކަމެއްގައި ޖެހެނީ ފުލުހުންގެ އެހީއަށް އެދެން ކަމަށާއި، އެއީ ކޮމިޝަންގެ މަސައްކަތުގެ މިނިވަންކަމާމެދު ސުވާލު އުފެއްދިދާނެ ފަދަ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންވެ އޭސީސީއިން ބަޖެޓަށް ހުށަހެޅިއިރު، އެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ފައިސާއަށް ވެސް އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ. އެ ކޮމިޝަނަށް މި އަހަރު 52 މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް ބަޖެޓުގައި އޮތްއިރު، އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ކަނޑައަޅައިފައިވާ 47 މިލިއަނަކީ ނުވަ ޕަސެންޓް ދަށް އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ