ޕީއެންސީ ޖަލްސާ އޮންނަ ވަގުތު ޕީއެންއެފް އިން ވެސް ޖަލްސާއެއް ބާއްވަނީ ޕީއެންސީ ޖަލްސާ އޮންނަ ވަގުތު ޕީއެންއެފް އިން ވެސް ޖަލްސާއެއް ބާއްވަނީ

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީ އިން މިރޭ ބާއްވާ ޖަލްސާ އާއި ދިމާކޮށް، ހަމަ އެ ވަގުތު އިދިކޮޅު ޕީއެންއެފް އިން ވެސް ޖަލްސާއެއް ބާއްވާނެކަން އިއުލާނުކޮށްފި އެވެ.
ޕީއެންއެފް އިން މީޑިއާތަކަށް މައުލޫމާތު ދޭ ވަޓްސްއެޕް ގްރޫޕަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ އެ ޕާޓީގެ ޖަލްސާ ކުރިއަށް ދާނީ ޕީއެންސީގެ ޖަލްސާ ވެސް އޮންނަ ގަޑީގައި ކަމަށެވެ.
އިތުރު ތަފުސީލު ހޯދުމަށް މި ނޫހުން ގުޅުމުން މަލީހު ވިދާޅުވީ ޖަލްސާ އޮންނާނީ ފްރޮންޓް އޮފީހުގައި ކަމަށާއި ޖަލްސާގައި އެ ޕާޓީގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ޖަލްސާގައި ޕާޓީގެ އިތުރު އިސްވެރިން ވެސް ބައިވެރިވާނެ ކަމަށް މަލީހު ވިދާޅުވި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފުތާ ތެރޭ ޔާމީނު، އޭރުގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ވަކިވެވަޑައިގެންނެވީ ދެ ރައީސުންގެ ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިންނެވެ. އެ ފަހުން ކޯލިޝަނުގެ ކޮންޓްރޯލް ނަގާ މުއިއްޒު ވަނީ ޕީޕީއެމް އުވާލައިފަ އެވެ.
ޔާމީނުގެ އާ ޕާޓީ، ޕީއެންއެފް މިއަދާ ހަމައަށް މަސައްކަތް ކުރަމުން ދިޔައީ އިދިކޮޅު ޕާޓީއެއްގެ ގޮތުގަ އެވެ. މުއިއްޒު އަދި އެމަނިކުފާނުގެ ސަރުކާރަށް ތަކުރާރުކޮށް ފާޑުކިޔާ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ޕީއެންއެފްގެ ޖަލްސާތައް ވެފައިވަނީ ސަރުކާރުން އެންމެ ގިނައިން ރައްދު ދެމުންދާ އެއް ސިޔާސީ ހަރަކާތަށެވެ.
ނަތީޖާއެއްގެ ގޮތުން މުއިއްޒު އާއި މި ސަރުކާރުގެ ވެރިން އެންމެ ގިނައިން ރައްދު ދޭ ސިޔާސީ އެއް ލީޑަރަކަށް ވެގެން ގޮސްފައިވަނީ ޔާމީނެވެ. ބެލެވޭ ގޮތުގައި މިރޭގެ ދެ ޖަލްސާގައި ދެ ޕާޓީން ބަހުގެ ހަމަލާތައް ރައްދު ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ