ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި 16 މީހަކު ހައްޔަރުކޮށްފި އެވެ.
ތަފްސީލް - ފުލުހުން ބުނިގޮތުގައި އެ މީހުން ހައްޔަރުކުރީ ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި މަހުގެ 2 އިން 13 އަށް ގއ. އަދި ގދ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.
މި އޮޕަރޭޝަންގައި މިހާތަނަށް، ވަގުތީ ބަރުދަނުގައި 12 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި މީހުންގެ ވަނަވަރެއް ފުލުހުން ހާމައެެއް ނުކުރެ އެވެ. ނަމަވެސް ފުލުހުން ބުނިގޮތުގައި އެ މީހުންގެ ތެރޭގައި ހިމެނެނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ 15 ފިރިހެނުންނާއި 24 އަހަރުގެ އަންހެނެކެވެ. އެއީ:
ގއ. މާމެންދޫއިން ހައްޔަރުކުރި އަންހެނަކާއި ހަތް ފިރިހެނުން
ގދ. ވާދޫއިން ހައްޔަރުކުރި ފަސް ފިރިހެނުން
މާލެއިން ހައްޔަރުކުރި ތިން ފިރިހެނުން
ހައްޔަރުކުރި 16 މީހުންގެ ތެރެއިން ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު މިހާތަނަށް ޖަހާފައިވަނީ 11 މީހެއްގެ އެވެ. އެއީ:
ތިން މީހެއްގެ ބަންދަށް 30 ދުވަސް
ހަ މީހެއްގެ ބަންދަށް 15 ދުވަސް
ދެން ތިބި ދެ މީހުންގެ ތެރެއިން އެކަކަށް 18 ދުވަސް، އަދި އަނެކަކަށް 10 ދުވަސް ޖަހާފައިވޭ
ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ސައުތު ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި 18 ގެއަކާއި ގެސްޓް ހައުސަކާއި އޮފީހަކާއި ފަޅު ރަށެއްގެ އިތުރުން، ދެ ހުސްބިމާއި ދެ ކާރާއި ފަސް ސައިކަލު ބަލާފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. .
ގުޅުންހުރި - ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމެއްގެ މަތިން، މުޅި ރާއްޖެ ހިމެނޭ ގޮތަށް، 'އަލިމަގު'ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް އިއްޔެ ފުލުހުން ވަނީ ފަށާފަ އެވެ.
މިއީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި އެ ވިއުގަތައް މުޅިން ނައްތާލުމަށާއި މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރާ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
ކަނޑުމަގުން ޑްރަގު އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި 16 މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ