ކިބުރުވެރިކަން – ސުވަރުގެއަށް ވަނުމަށް އެޅޭ ހުރަސް
ކިބުރުވެރިކަމަކީ ސުވަރުގެއަށް މީހާ ދިޔަނުދޭން ހުރަސްއަޅާ ޢަދާވަތްތެރިއެއް ކަމުގައި ދެކޭށެވެ! އެއީ ތިމާގެ އަމިއްލަ ނަފުސުގެތެރޭގައި އުޅޭ ތިމާގެ ދުޝްމަނެކެވެ. އޭގެން ސަލާމަތްވާށެވެ! ސުވަރުގެއަކީ މާތް ﷲގެ މެހުމާނުސަރާއެވެ. އެ ތާނގައިވާ ނިޢުމަތްތަކަކީ އެފަދަ ދެވަނައެއް ނުވާ ނިޢުމަތްތަކެކެވެ. އެއްވެސް ލޮލަކުން ދެކެފައިނުވާތަނެކެވެ. އެއްވެސް ކަންފަތަކުން އޭގެ ޙަޤީޤީ އަޑު އަހައިފައިނުވާ ތަނެކެވެ. އެއްވެސް ހިތަކަށް އޭގެ އަސްލު އިޙުސާސް ކުރެވިފައި ނުވާ ތަނެކެވެ. ސުވަރުގެއަކީ ﷲއަށް ކިޔަމަންގަތް އަޅުންނަށް ހެޔޮ ޖަޒާދެއްވުމަށް ޓަކައި ތައްޔާރުކުރައްވައިފައިވާ ވަރަށް ފުރިހަމަ އިނާމެކެވެ. އެއީ ވަރަށް ބޮޑު ސަޕްރައިޒެކެވެ. ފޮރުއްވައި ރައްކައުކުރައްވައިފައިވާ ތަނެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ﴾ (السجدة: ١٧) މާނައީ: "ފަހެ، އެއުރެންނަށް ޓަކައި ފޮރުއްވައިފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފުސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ." މިހައި މަތިވެރި މާތް ތަނަކަށް ނުވަދެވޭހެން އެއްވެސް މީހަކު ބަނދެވުމަކީ ހާދަހައިވާ ހިތާމަވެރިކަމަކަށް ވާނެއެވެ. ވަކިން ޚާއްޞަކޮށް މުސްލިމެއްގެ ގޮތުގައި ވާ މީހާ، މާތް ﷲއަށް ބިރުވެތިވެ އޭނާ ދޫކުޅަ އެތައް ޢަމަލަކާއި ހިތްވަރާ އެކު ކުޅަ އެތައް ޢަމަލެއްގެ ހިސާބު ބެއްލެވޭ ދުވަހު، އޭނާ ސުވަރުގެއަށް ވަނުން މަނާ ކުރަނީ ކިބުރުވެކަން ކަމުގައި ވެއްޖެއްޔާ އެ ކަމުގެ ދެރަ އަދި މާ ބޮޑުވާނެ ނޫންތޯއެވެ؟ އެއްވެސް ޝައްކެތްނެތް ކަމަކީ ކިބުރުވެރިން ސުވަރުގެ ނުވަންނާނެ ކަމެވެ. ނަބިއްޔާ ޙަދީޘްކުރައްވައިފައި ވަނީ ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރު ހުރި މީހާ ވެސް ސުވަރުގެއަށް ނުވައްދާނެ ކަމުގައެވެ. ޙަދީޘްގައި ވަނީ އަންނަނިވި ފަދައިންނެވެ. «لا يدخلُ الجنَّةَ من كانَ في قلبِه مثقالُ ذرَّةٍ مِن كِبْرِ» (أخرجه مسلم: 91) "މީހެއްގެ ހިތުގައި ޛައްރެއްގެ މިންވަރު ވިޔަސް، ކިބުރުވެރިކަން ހުރި މީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ." މައްސަލައިގެ ނުރައްކާތެރިކަން މި ޙަދީޘުން އެކަނި ވެސް އެނގެއެވެ. ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރޭ ބުނުމުން އެއީ ހާދަހައި ކުޑަ މިންވަރެކެވެ. ޒަމާނީ ސައިންޓިފިކް ބަހުން ބުނަންޏާ އެއީ އެޓަމެއްގެ މިންވަރެވެ. މިވަރުގެ ކުޑަ އެތިކޮޅެއް ހުރިކަން ގިނަ ފަހަރު އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތަކަށް ވަޒަންކުރަން ވެސް ނޭނގޭނެއެވެ. އެހެން މީހަކު އެފަދަ އިޝާރާތެއް ދިނަސް ވިސްނައިގަންނަން ވެސް އުނދަގޫ ވާނެއެވެ. މީހަކު އެ ވާހަކަ ސާފުކޮށް ބުންޏަސް ޤަބޫލު ވެސް ނުކުރެވޭނެއެވެ. ޤަބޫލުކުރާނީ ވެސް ކިހިނެތްހެއްޔެވެ؟ ކޮންމެ މީހަކު ވެސް މި ބަލަނީ އެ މީހަކަށް އުޅެވުނު އެންމެ ރަނގަޅަކަށް އުޅެވޭތޯއެވެ. އެހެންވީމާ އަމިއްލަ ނަފުސުގައި ކިބުރުވެރިކަން ހުންނާނެކަމަށް ވަރަށް މަދު މީހަކަށް ނޫނީ ޤަބޫލު ނުކުރެވެއެވެ. އަބަދު ވެސް ހީވަނީ އެއީ ތިމާ ނޫން އަނެކާގެ ކިބައިގައި ހުންނަ ސިފައެއް ކަމަށެވެ. ޙަޤީޤީ މުއުމިނަކީ ތިމާގެ ކިބައިގައި ވެސް އެފަދަ ކަމެއް ހުރެދާނެ ކަމަށް ވިސްނައި އެ ކަމަށް ބިރުވެތިވާ މީހާއެވެ. އޭނާ އަބަދުވެސް ބަލާނީ ކިބުރުވެރިކަމާ ދުރަށް ދެވޭތޯއެވެ. ކިބުރުވެރިއެއްގެ ގޮތުގައި ﷲއާ ބައްދަލުކުރަން އޭނާ ނުރުހޭނެއެވެ. ކިބުރުވެރިކަމުގެ ބައެއް ޢަލާމާތްތަކުގެތެރޭގައި ތިމާއަށް ތިމާފެނުން ހިމެނެއެވެ. ފުދުންތެރި ހުރިހާ ކަމެއް އަމިއްލަ ނަފުސަށް ލިބިފައި ހުންނަ މީހެއް ކަމުގައި ވިސްނުން ހިމެނެއެވެ. އެހެން މީހެއްގެ މަދަދެއް އެހީތެރިކަމެއް ތިމާއަށް ބޭނުން ނުވާނެ ކަމަށް ހީކުރެވޭނެއެވެ. ތިމާއަށް ލިބިފައިވާ ނިޢުމަތްތަކަކީ ތިމާގެ ބުރަ މަސައްކަތުން ހޯދި އެއްޗެއް ކަމުގައި ހީކުރެވުމާއި އެފަދައިން މީހުންގާތު ބުނުން ވެސް އެއީ ކިބުރުވެރިކަން ހިތުގައި ހުރިކަމުގެ ނިޝާނެކެވެ. ކަންކަމުއެދި އަންނަ މީހުންނަށް ކުޑައިމީސްކުރުމާއި އެހެން މީހުންނާ ދޭތެރޭ ނިކަމެތިކޮށް ދެކުން ވެސް މިއީ ކިބުރުވެރިންގެ ކިބައިން ފެންނަ ނުރަނގަޅު ސިފަތަކެވެ. ހެޔޮޢަމަލުކުރުމުގައި ވެސް ކިބުރުވެރިކަން ހިތަށް ވަނުން އެއީ ވާކަމެކެވެ. އެހެން މީހުންނަށްވުރެ ގިނައިން ތިމާއަށް އަޅުކަންކުރެވޭކަމާއި ތިމާގެ ތަޤުވާވެރިކަން މާ ބޮޑޭ ހީވުން ވެސް ހިމެނެނީ ކިބުރުވެރިކަމުގެ ބާބުގައެވެ. އިބްލީހަކީ ވެސް އޭނާގެ މޮޅުކަމާއި ތަޤުވާވެރިކަން ބޮޑޭ ހީވެ ކިބުރުވެރިވުމުގެ ސަބަބުން މަގުފުރެދި ސުވަރުގެ ޙަރާމުވީ ޖިންނިއެކެވެ. ﴿فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ﴾ (البقرة: ٣٤) މާނައީ: "ފަހެ، އިބްލީސްފިޔަވައި، އެ މަލާއިކަތުން ސަޖިދަކުރެއްވޫއެވެ. އެކަލޭގެ އެ ކަމުން މަނާވެގަނެ، ކިބުރުވެރިވީއެވެ. އަދި ކާފިރުންގެ ތެރެއިން އެކަލޭގެވިއެވެ." އިބްލީހުގެ ކިބުރުވެރިކަން މާތް ﷲ ސިފަކުރައްވައިފައި އެ ވަނީ ކާފިރުކަމުގެ ތެރެއިންވާ ކަމެއްގެ ގޮތުގައެވެ. ވީމާ ކިބުރުވެރިކަމަކީ އެ ސިފަޔަކާ އަޅުގަނޑުމެން އެކީއެކަށް ދުރުވާން ޖެހޭ ސިފައެކެވެ. ތިބާގެ ކިބައިގައި ކިބުރުވެރިކަމުގެ މިންވަރެއް ހުރިކަމަށް ތިބާގެ މުސްލިމް އަޚަކު ބުނިފިއްޔާ އެ ވާހަކައަށް ސަމާލުވާށެވެ! އޭނާއަށް އެފަދައިން ހީވީ ކީއްވެގެންތޯ ސުވާލުކޮށް، އަހައި އޮޅުންފިލުވާށެވެ. އެކަން އިޞްލާޙުކުރަން އަވަސްވާށެވެ. އެ ސިފަޔާ ހެދި ތިބާ ސުވަރުގެއިން މަޙުރޫމު ވެދާން، ތިބާގެ ނަފުސު ދޫކޮށްނުލާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ