ޕެންޓޯންއިން 2026ގެ ކުލައިގެ ގޮތުގައި ހޮވި 'ކްލައުޑް ޑާންސާ'އަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެ

އާ އަހަރަކަށް އެންމެ އެކަށީގެންވާ ޒަމާނީ ޓްރެންޑުތައް ލަފާ ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ޕެންޓޯން ކަލާ އިންސްޓިޓުޓްއިން ކޮންމެ އަހަރެއްގެ ފަހުކޮޅު، ޖެހިގެން އަންނަ އަހަރު މަގުބޫލުވާނެ އާ ކުލައެއް އިއުލާނު ކުރެ އެވެ. ޕެންޓޯންއިން މި މަހު އިއުލާނު ކުރި ގޮތުގައި 2026ގައި އެންމެ ގިނައިން ފެންނާނީ 'ޕެންޓޯން 11-4201 ކްލައުޑް ޑާންސާ' ކިޔާ ހުދު ކުލައެކެވެ.
ޕެންޓޯންއަކީ 1950ގެ އަހަރުތަކުގައި އެމެރިކާގައި އުފެއްދި ޕްރިންޓު ކުރާ ކުންފުންޏެކެވެ. ކުލައިގެ މިންގަނޑުތަކެއް ޕެންޓޯންއިން ވަނީ ގާއިމު ކޮށްފަ އެވެ. މުޅި ދުނިޔޭގައި އެންމެ އާއްމުކޮށް ބޭނުންކުރަނީ އެ މިންގަނޑުތަކެވެ.
ޕެންޓޯން އިން ކޮންމެ އަހަރަކަށް ހާއްސަ ކުލައެއް އިއުލާނު ކުރަން ފެށީ 1999ވަނަ އަހަރު އެވެ. އަންނަ އަހަރަށް އިއުލާނު ކުރި 'ކްލައުޑް ޑާންސާ' އަކީ ޕެންޓޯންގެ ތާރީހުގައި ވެސް ހުދު ކުލައެއް އިއުލާނު ކުރި ފުރަތަމަ ފަހަރެވެ.
ޕެންޓޯން އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ޑިރެކްޓަރު ލެޓްރިސް އައިޒްމަން ވިދާޅުވި ގޮތުގައި ޓެކްނޮލޮޖީ އާންމު ދިރިއުޅުމުގައި ވަރަށް ބޮޑަށް އަށަގެންނެވުމާ އެކު، 'ކްލައުޑް ޑާންސާ' އަކީ ޒަމާނީ މާހައުލުގެ ހަލަބޮލިކަމަށް ހިތްހަމަޖެހުމެއް ގެނެސްދޭން އެހީތެރިވެދޭ ކުލައެކެވެ. މިއީ އާ ފެށުމަކާ ގުޅިފައިވާ ކުލައެއް ކަމަށް ވެސް އައިސްމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުދު ކުލައިގެ މި ޝޭޑްއަކީ "ޕާފެކްޓް ބެލެންސް އޮފް ކޫލް އެންޑް ވޯމް އަންޑަޓޯންސް" އެވެ. މި ކުލަ ހިޔާރުކުރީ ވަރަށް ފަރުވާތެރިކަމާ އެކުގައި ކަމަށާއި މިނަށްވުރެން ގަދަ ހުދު ކުލައެއް ބޭނުން ކުރި ނަމަ އޭގެ އަސްލު ހިތްގައިމު ސިފަ ގެއްލި، ދޭހަ ކޮށްދޭން ބޭނުންވި ތެދުވެރިކަމާއި އިހްލާސްތެރިކަމުގެ އިހުސާސުތައް ގެއްލޭނެ ކަމަށް ވެސް އައިސްމަން ވިދާޅުވި އެވެ.
ފެޝަންގައި ހުދު ކުލައިގެ ތަފާތު ޝޭޑްތައް ޒަމާނުއްސުރެ އާންމުވެފައި އޮތް އިރު، 'ކްލައުޑް ޑާންސާ' އަކީ ދޫކޮށް ހުންނަ ބައްޓަމާއި ދޫނީގެ ފިޔަ ފަދަ ގުދުރަތީ އެއްޗެހި ރަމްޒުކޮށްދޭ ކުލައެއް ވެސް މެ އެވެ. މި އަހަރު ފެނުނު ފެޝަންގެ ބޮޑެތި މުނާސަބަތުތަކުގައި ހުދު ކުލައިގެ ހެދުންތައް ވަނީ ފާހަގަވެފަ އެވެ. މެޓް ގާލާގައި ގިނަ އަދަދެއްގެ ހުދު ކުލަ އާއި ހުދު ކުލައިގެ ދޫނި ފިޔަތައް ފެނިފައިވެ އެވެ.
މިއީ ޕެންޓޯންގެ ތާރީހުގައި ވެސް ހުދު ކުލައެއް ފުރަތަމަ ފަހަރަށް އިއުލާނު ކުރި އަހަރަށް ވެފައި، މިހާރު މީޑިއާއިން ފެންނަ ގިނަ ޓްރެންޑުތަކަށް އިހްތިޔާރުކުރަނީ އެކި ވައްތަރުގެ ގަދަ ކުލަތައް ކަމަށް ވުމުން ގިނަ ބައެއްގެ ފާޑުކިއުން ޕެންޓޯންއަށް ވަނީ އަމާޒު ވެފަ އެވެ.
ގިނަ ފާޑުކިއުންތެރިން މިހާރު ޕެންޓޯންއަށް 'ޕެންޓޯންޑެފް'އޭ ވެސް ކިޔަން ފަށައިފި އެވެ. އެއީ ޕެންޓޯންއިން މިފަހުގެ މީޑިއާ ސަގާފަތާއި ޓްރެންޑުތައް ރަނގަޅަށް ދިރާސާނުކޮށް ހޮވި ކުލައެއް ކަމަށް ބުނެ އެވެ. އަދި ހުޅަނގުގެ 'ވައިޓް ސުޕްރިމެސީ' ފެތުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއްގެ ގޮތުގައި ވެސް ބައެއް މީހުން މިކަން ސިފަ ކުރެ އެވެ.
މީޑިއާގައި މަސައްކަތް ކުރާ ޑިޒައިނަރުންނާއި ފަންނުވެރިން މިހާރު އަންނަނީ އެކި ޒާތުގެ ކުލަ ބޭނުންކޮށް، ކުލައަށް ބޮޑު ޝައުގުވެރިކަމެއް ދައްކަމުންނެވެ. މިކަހަލަ ވިސްނުމެއްގައި ގިނަ ޑިޒައިނަރުން ތިބި ޒަމާނެއްގައި ޕެންޓޯންގެ 'ކްލައުޑް ޑާންސާ' ހުދު ކުލަ މިފަހުގެ ޓްރެންޑުތަކާ ހިލާފުވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
އެކަމަކު ޕެންޓޯންއިން ބުނާ ގޮތުގައި މި ހުދަކީ ގުދުރަތީ ކުލައެކެވެ. އަދި މި ކުލަ ގުދުރަތީ އެހެން ކުލަތަކާ ވެސް ހިތްގައިމުކޮށް ގުޅުވާލެވޭނެ އެވެ.
މީގެ ކުރިން ޕެންޓޯންއިން ކަނޑައެޅި ކުލަތަކުގެ ތެރޭގައި މި އަހަރުގެ 'މޯކާ މޫސް' އާއި 2024ގައި އިއުލާނު ކުރި 'ޕީޗް ފަޒް' ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ