ސްރީލަންކާގައި ހާލުގައި ޖެހުނު މީހުންގެ އަދަދު 1.1 މިލިއަނަށް، ކާބޯތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް!

ކޮލަންބޯ (02 ޑިސެންބަރު 2025): ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން، ދިތުވާގެ ސަބަބުން ސްރީލަންކާގައި ހާލުގައި ޖެހުނު މީހުންގެ އަދަދު 1.1 މިލިއަނަށް އަަަރާފައިވާއިރު ފެންބޮޑުވެ، ތަންތަން ހަލާކުވެ އިގުތިސާދަށް ލިބުނު ގެއްލުންތަކާ އެކު އެ ގައުމުގައި ކާބޯތަކެތީގެ އަގުތަކާއި އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ އަގުތައް އާދަޔާ ޚިލާފަށް މައްޗަށް ހިނގައްޖެއެވެ. ސްރީލަންކާގެ މީޑިއާ ބުނާ ގޮތުން ތަރުކާރީއާއި މޭވާގެ އަގާއި އެއްގަމު މަހާއި ކަނޑުމަހުގެ އަގުތައް މިހާރުވަނީ ތޫފާންގެ ކުރީގައި ހުރި އަގުތަކަށްވުރެ ތިންގުނަ ބޮޑުވެފައެވެ. ސްރީލަންކާގެ ވިޔަފާރިވެރިންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ތަރުކާރީއާއި މޭވާ އަދި މަހުގެ އަގުތައް ބޮޑުވި އެއް ސަބަބަކީ އެއީ ގިނަ ބަޔަކު ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތި ކަމަށްވެފައި އެ ތަކެތީގެ ޑިމާންޑް ބޮޑުވުމެވެ. ދެވަނަ ސަބަބަކީ ފެންބޮޑުވުމާ އެކު ދަނޑުތައް ހަލާކުވުމާއި ގެރިބަކަރި ކުކުޅުފަދަ ތަކެތި މަރުވުމެވެ. ތިންވަނަ ސަބަބަކީ ފެންބޮޑުވުމުގެ ސަބަބުން ގުދަންތަކުގައި ހުރި ތަކެތި ވެސް ހަލާކުވުމާއި އެއްތަނުން އަނެއްތަނަށް ތަކެތި ގެންދިޔުން އަގުބޮޑުވުމާއި އެކަން ބޮޑު ތަކުލީފަކަށް ވެފައިވުމެވެ. ފެނުގެ ސަބަބުން މަގުތައް ބަންދުވެ، ޓްރާންސްޕޯޓަށް ހުރަސް އެޅިފައިވުމުގެ ސަބަބުން މާރުކޭޓުތަކާއި ފިހާރަތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ވެސް ވަނީ ގިނަ ހުރަސްތަކެއް އެޅިފައެވެ. ސްރީލަންކާގެ މަގެއް އަގުތައް އެންމެ ބޮޑަށް އުފުލުނު ބާވަތްތަކުގެ ތެރޭގައި ކެރެޓް، ބީންސް، ކެބެޖް، ޓޮމާޓޯ، ކިޔުކަންބާ، ލީކްސް، ބަށި، ބަރަބޯ، މިރުހާއި ބީޓްރޫޓް ހިމެނެއެވެ. މޭވާއަށް ބަލާއިރު ވެސް ދޮންކޭލާއި އަލަނާސި އޮރެންޖާއި އެ ނޫން ވެސް ބާވަތްތައް ހިމެނެއެވެ. ކުރިން މޭވާއާއި ތަރުކާރީ ވިއްކި ގިނަ މާރުކޭޓްތަކުގައި މިހާރު ގިނަ ބާވަތްތައްވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި، ބައެއް މާރުކޭޓްތަކުން މޭވާއާއި ތަރުކާރީ އަދި އެ ނޫން ވެސް ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ވަނީ އެއްކޮށް ހުސްވެފައެވެ. ކަނޑުމަހުގެ ބާވަތްތަކުގެ އަގުތައް އުފުލިފައިވަނީ ބައެއް ސަރަހައްދުތަކުގައި ދެގުނައަށެވެ. އަނެއްބައި ސަރަހައްދުތަކުގައި ތިން ގުނައަށެވެ. ވިޔަފާރިވެރިން ބުނާގޮތުން މަހުގެ އަގުތައް މައްޗަށް ދިޔައީ ކަނޑުތައް ގަދަވެ، މަސްވެރިކަން ކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅުމުގެ ސަބަބުންނެވެ. މަސްވެރިކަން ކުރާ ގިނަ ދޯނިތައް ވެސް ތޫފާންގައިވަނީ ހަލާކުވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެއީ، ތަކެތި ރައްކާކުރާ ގުދަންތަކަށް ފެންވަނުމުގެ ސަބަބުންނެވެ. ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި މަރުވި މީހުންގެ އަދަދު 355 އަށް މައްޗަށް ގޮސްފައިވާއިރު، 366 މީހަކު ގެއްލިފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ތޫފާންގެ ސަބަބުން ސްރީ ލަންކާގައި ހާލުގައި ޖެހުނު މީހުންގެ އަދަދުވަނީ 1.1 މިލިޔަނަށް އަރާފައެވެ. އެއީ ގާތްގަނޑަކަށް 309,607 އާއިލާއެވެ. ހާލުގައި ޖެހިފައިވާ 1.1 މިލިޔަން މީހުންގެ ތެރޭގައި ހިމެނޭ ދެ ލައްކައަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުމުގެ ސަބަބުން އެ މީހުންވަނީ ސްކޫލުތަކާއި ސަރުކާރުގެ އިމާރާތްތަކަށް ބަދަލުކޮށްފައެވެ. ސްރީލަންކާ ސަރުކާރުން ވަނީ ގެދޮރު މަރާމާތުކޮށްގެން ދިރިއުޅެވޭ ހާލާތުގައިވާ ގެތަކުގެ މީހުންނަށް ގެތައް މަރާމާތުކުރުމަށްޓަކައި އަވަސް އެހީގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް 10،000 ރުޕީސް ދޭނެކަން ހާމަކޮށްފައެވެ. ނަމަވެސް، ގެދޮރު އެއްކޮށް ހަލާކުވި މީހުން މީގެ ތެރޭގައި ނުހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ