ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ، އެ ފުރުސަތެއް ނެތް: އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނެގުމުގެ ފުރުސަތު އިދިކޮޅު އެމްޑީޕީއަށް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީން އައްޑޫގައި ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި – އިލެކްޝަން ކެމްޕެއިން ޖަލްސާގައި އަބްދުއްރަހީމް ވަނީ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ވަކިން ހާއްސަކޮށް، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ނުކުމެ ހުރި އެމްޑީޕީގެ ކެންޑިޑޭޓަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އައްޑޫގެ މުހިންމު ތާރީހީ ލިޔެކިޔުންތަކުގައި ހުޅުޖެހި ބައެއްގެ ފަރާތުން ނުކުންނަ ކެންޑިޑޭޓަކު މަޖިލީހަށް ހޮވުމަކީ އައްޑޫގެ ރައްޔިތުން ބޭނުންވާނެ ކަމެއް ނޫން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ހުވަފެން ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލައެއް ނުވެއްދޭނެ ކަމަށެވެ.
”އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަކަށް ނުނެންގެވޭނެ،“ ސަރުކާރަށް އޮތް ތާއީދު ހާމަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އެމްޑީޕީން އެއްވެސް އިހުލާސްތެރި މަސައްކަތެއް ނުކުރާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ހިތަދޫ އުތުރުގެ ގޮނޑިއަށް އެމްޑީޕީގެ ކެންޑިޑޭޓަކު އިންތިޚާބުވެގެން ވަޑައިގަތަސް، ރައްޔިތުންނަށް ކޮށްދެވޭނެ އިތުރު ކަމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން، ސަރުކާރާ ގުޅިގެން ތަރައްޤީ ގެނައުމަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓަކު މަޖިލީހަށް ހޮވުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި އަބްދުއްރަހީމް ވަނީ މީގެ ކުރިން އެ ދާއިރާގެ ގޮނޑި ފުރުއްވި މުހައްމަދު ސިނާން ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބު ކުރާނީ ސިނާނާ ވެސް އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ. މި އިންތިޚާބަކީ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ވެސް ސިޔާސީ ގޮތުން ނުހަނު މުހިންމު އިންތިޚާބެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ