ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމާ ގުޅޭ ގަވާއިދެއް ހަދައިފި

ދިވެހިރާއްޖޭގައި ބޭނުންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމާ ގުޅޭގޮތުން އަމަލުކުރާނެ އުސޫލު ބަޔާންކުރުމަށްޓަކައި، ކުނި މެނޭޖުކުރުމުގެ ގާނޫނުގެ މާއްދާގެ ދަށުން ބާރު ލިބިގެން "ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމާ ގުޅޭ ގަވާއިދު" އެކުލަވާލައިފި އެވެ. 
މި ގަވާއިދުގެ މަގްސަދަކީ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރާ މިންވަރު މަދުކުރުމާއި، ސިންގަލް-ޔޫސް ޕްލާސްޓިކް ދިވެހިރާއްޖޭގައި އުފެއްދުން ނުވަތަ އެތެރެކުރުން ނުވަތަ ބާޒާރަށް ނެރުން ހުއްޓުވާލުމާއި، ފިޔަވަޅު އެޅުމެވެ. 
މި ގަވާއިދު ތަންފީޒުކުރާނީ އެންވަރަމަންޓް މިނިސްޓްރީ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިންނެވެ. ގަވާއިދަށް އަމަލުކުރަންފަށާނީ މިއަދުން ފެށިގެން ތިން މަސް ދުވަސް ފަހުންނެވެ. 
ދިވެހިރާއްޖޭގައި ބޭނުންކުރާ ޕްލާސްޓިކްގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކް 2030 ގެ ނިޔަލަށް މަދުކުރުމަށްޓަކައި، އެކަމާ ގުޅޭ ފޭސްއައުޓް ޕްލޭނެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 12 މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ އެވެ. 
އެ ޕްލޭން އެކުލަވާލަންވާނީ، އެ ޕްލޭނުގައި ހިމެނޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމުގެ ސަބަބުން ތިމާވެއްޓަށާއި އިގްތިސާދަށް ކުރާނެ އަސަރަށް ރިޔާޔަތްކުރުމަށްފަހު، ކަމާ ގުޅޭ އެންމެހައި ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. 
ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު، އެކަމެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުން ހިމެނޭއިރު، ގަވާއިދުގެ ދަށުން އެންމެ ގިނަވެގެން ޖޫރިމަނާ ކުރެވޭނީ އެއް ލައްކަ ރުފިޔާއާ ހަމަށެވެ. 
މި ގަވާއިދު ހަމައެކަނި ނުހިނގާނީ ބައިނަލްއަގުވާމީ އެއާލައިންތަކުގައި ޝިޕް ސްޓޯގެ ގޮތުގައި ބޭނުންކުރުމަށް ގެންނަ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ އިތުރުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުން ޑިއުޓީ ހިލޭ ފިހާރައިގެ ސަރަހައްދުގައި ބޭނުންކުރުމަށް ގެންނަ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތަކެވެ. 
ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރު، އަދި އޭގެ ފަހުން ގަވާއިދާ ހިލާފުވުން ތަކުރާރުކޮށްފި ކަމުގައިވާނަމަ، އެކަމެއް ތަކުރާރުނުކުރުމަށް ނަސޭހަތްތެރިވުމުގެ އިތުރުން، އެތެރެކޮށްފައިވާ އެއްޗެއް ނުވަތަ އުފައްދާފައިވާ އެއްޗެއް ނުވަތަ ބާޒާރަށް ވިއްކަން ނެރޭ އެއްޗެއްގެ އަދަދަށް ބަލައި، ކޮންމެ އެއްޗަކަށް 150ރ. އަށްވުރެ ބޮޑުނޫން އަދަދަކަށް ޖޫރިމަނާކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ