މިދިޔަ މަހު ގާޒާއަށް މިސްރާބުޖެހި އެހީގެ ގާފިލާ އިޒްރޭލުން ހިފަހައްޓައި އޭގައި ތިބި އެކްޓިވިސްޓުން ހައްޔަރުކުރި މައްސަލައިގައި، އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރްގެ މައްސަލަ އިޓަލީގެ ޕްރޮސެކިއުޓަރުން ތަހުގީގުކުރަން ފަށައިފި އެވެ.
އިޓަލީގެ ޝަރުއީ ދާއިރާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އިޒްރޭލުގެ ކަމާބެހޭ އިދާރާތަކުން ހައްޔަރުކުރި 430 އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ އިޓަލީގެ ރައްޔިތުންނަށް އަނިޔާކުރުމާއި އެ މީހުން ރަހީނުކުރި ކަމުގެ ތުހުމަތުގައި ބެން-ގްވީރްގެ މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ. ޕްރޮސެކިއުޓަރުންނަށް އެކަށީގެންވާ ހެކި ލިބިއްޖެ ނަމަ، އޭނާގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައި ޝަރީއަތް ހިންގުމަށް އެދި ހުށަހެޅިދާނެ އެވެ.
"އަހަރެން އެއްވެސް ތަހުގީގަކަށް ފަހަތަކަށް ނުޖެހޭނަން އަދި އަހަރެމެންގެ ސިފައިންނާ އެކު ފަހުރުވެރިކަމާ އެކު ސާބިތުވެ ހުންނާނަން،" މި ތަހުގީގަށް ރައްދުދެމުން ބެން-ގްވީރް ވިދާޅުވި އެވެ.
މި ތަހުގީގު ފަށާފައި މިވަނީ، ފްލޮޓިލާގެ އެކްޓިވިސްޓުންނާ މެދު އިޒްރޭލުން އަމަލުކުރި ގޮތަށް ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ. ހާއްސަކޮށް، ހައްޔަރުކުރި އެކްޓިވިސްޓުންގެ އަތްތައް ބަނދެ، ކަކޫ މައްޗަށް ތިރިކޮށްފައި ތިއްބާ ދައްކުވައިދޭ ވީޑިއޯއެއް ބެން-ގްވީރް އާންމުކުރުމުން މި މައްސަލަ ވަނީ އިތުރަށް ހޫނުވެފަ އެވެ. ސޯޝަލް މީޑިއާގައި އާންމުވި އެހެން ވީޑިއޯއެއްގައި، "ފްރީ، ފްރީ ޕަލެސްޓައިން" (ފަލަސްތީނު މިނިވަންކުރޭ) އޭ ކިޔައި އަޑުއުފުލި އެކްޓިވިސްޓަކު މަޖުބޫރުން ބިމަށް ތިރިކުރާ މަންޒަރު ފެނެ އެވެ.
އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީގެ ސަރުކާރުން ވަނީ އެކްޓިވިސްޓުންނާ މެދު އަމަލުކުރި ގޮތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސިފަކޮށް، އެކަމުގެ އިލްޒާމް ސާފުކުރުމަށް އިޒްރޭލުން އިޓަލީއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހާޒިރުކޮށްފަ އެވެ. އިޓަލީން މިހާރު ވަނީ ބެން-ގްވީރްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ މެދު މަޝްވަރާކުރުމަށް ޔޫރަޕްގެ އިއްތިހާދު (އީޔޫ)ގައި އެދިފަ އެވެ. އަދި ފްރާންސުން ވަނީ އޭނާ އެ ގައުމަށް އެތެރެވުން މަނާކޮށްފަ އެވެ.
އެހީގެ ގާފިލާ އިންތިޒާމުކުރި ފަރާތްތަކުން ބުނި ގޮތުގައި، މި ދަތުރުގެ ބޭނުމަކީ ގާޒާ ހިސާރުކޮށްފައި އޮތް އޮތުމާ ދެކޮޅަށް އަޑުއުފުލައި ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމެވެ. ނަމަވެސް އިޒްރޭލުން ބުނަމުންދަނީ ކަނޑުގެ މަގުން ގާޒާ ބަންދުކޮށްފައި އޮތް އޮތުމަކީ ގާނޫނީ ގޮތުން ސައްހަ ކަމެއް ކަމަށެވެ.
ގާޒާގެ އެހީގެ ގާފިލާގެ މައްސަލައިގައި އިޒްރޭލުގެ މިނިސްޓަރެއްގެ މައްސަލަ އިޓަލީން ތަހުގީގުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ