ނިޒާމީ ވޯޓާއި ގުޅޭގޮތުން ރައީސް ނަޝީދު ދައްކަވާ ވާހަކަތައް ދެކޮޅު ނުޖެހޭ: ސައުދުﷲ

ނިޒާމީ ވޯޓާއި ގުޅޭގޮތުން ރައީސް ނަޝީދު ދައްކަވާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ފާޑުވިދާޅުވެ ސައުދުﷲ ކުރެއްވި ޓްވީޓެއްގައި ވަނީ ނިޒާމީ ވޯޓުގެ ވާހަކަ ދައްކަވާއިރު ރާއްޖޭގެ މާލީ ހާލަތު ދަށްވަމުންދާ ކަމުގެ ވާހަކަވެސް ދައްކަވަނީ އެމަނިކުފާނު ކަމަށެވެ.
ރާއްޖެ ބަނގުރޫޓުވާނެ ކަމަށާއި ދެ ދުވަހަށްވާ ފައިސާވެސް ދައުލަތުގެ މާލިއްޔާގައި ނެތްކަމުގެ ވާހަކަވެސް ވިދާޅުވަނީ ހަމަ ރައީސް ނަޝީދު ނޫންތޯ ސައުދު ސުވާލުކުރެއްވިއެވެ. ނިޒާމީ ވޯޓަށް 400 މިލިއަން ވަރަކަށް ޚަރަދުކުރާއިރު ފައިސާގެ މައްސަލަ ހައްލު ކުރާނެ ގޮތަކާމެދު ސުވާލު އުފެދޭ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.
ސައުދުﷲގެ ފާޑުކިޔުންތައް ރައީސް ނަޝީދަށް އަމާޒުވިއިރު ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާއިމެދު ރައްޔިތުންގެ ވިސްނުންހުރި ގޮތެއް އެނގި ސާފުވާނީ، ފެންނަ ނުފެންނަ ވޯޓެއް ނެގުމުން ކަމަށް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ބަރުލަމާނީ ނިޒާމާއި މެދު ރައްޔިތުންގެ ވިސްނުންހުރި ގޮތް ހޯދަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު، ރައީސް މައުމޫންގެ ވެރިކަމުގެ ދައުރުގައި 2007 ވަނަ އަހަރު ބޭއްވި "ނިޒާމީ ވޯޓުން"، ބަރުލަމާނީ ނިޒާމަށް ދިވެހި ރައްޔިތުންގެ މެޖޯރިޓީ ނެތްކަން ހާމަވެފައިވެއެވެ.
ނިޒާމު ކަނޑައަޅަން ނެގި ވޯޓުގައި 95،619 (ނުވަދިހަ ފަސްހާސް ހަސަތޭކަ ނަވާރަ) މީހުން ވޯޓް ދީފައިވަނީ ރިޔާސީ ނިޒާމު އޮންނަން ފެންނަ ކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަ ކަމަށް ވޯޓް ދީފައިވަނީ 58،504 (ފަންސާސް އަށްހާސް ފައްސަތޭކަ ހަތަރެއް) މީހުންނެވެ.
މި ނަތީޖާ މިއަދާ ހަމައަށްވެސް ރައީސް ނަޝީދު ގަބޫލު ނުކުރައްވާއިރު، މިއީ އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫނު އޮޅުވާލައިގެން ނެރެފައިވާ ނަތީޖާއެއް ކަމަށް ރައީސް ނަޝީދު ތުހުމަތުކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ