ސިފައިންގެ އެންމެ އިސް ވާޖިބަކީ ރައްޔިތުން ހިމާޔަތްކުރުން

ސިފައިންގެ އެންމެ އިސް އެއް ވާޖިބަކީ ކޮންމެ ހާލަތެއްގައި ވެސް ރައްޔިތުން ހިމާޔަތްކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ސިފައިންގެ 68 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިފައިންގެ މީހަކަށް ވިޔަސް، ޢާންމު ރައްޔިތުންނަށްޓަކައި ސިފައިން އަދާކޮށްދޭންޖެހޭ މަދަނީ ވާޖިބުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ސިފައިންގެ އެންމެ އިސް އެއް ވާޖިބަކީ، ކޮންމެ ޙާލަތެއްގައި ވެސް ރައްޔިތުން ޙިމާޔަތް ކުރުން ކަމަށާއި ޢާންމު ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވެގެން އުޅޭ ވަގުތެއްގައި، ނުފެންނަކަމަށް ހަދާފައި ދާ މީހަކަށް ސިފައިންގެ މީހަކު ވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިފައިންނަކީ ޤައުމުގެ ދިފާޢީ އައްޑަނަ ކަމުގައި ވެގެން ދަނީ، ސިފައިންގެ މެދުގައި އޮންނަ ބަދަހި ގުޅުމާއި އެކުވެރިކަމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން، ސިފައިންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި ޕްރޮފެޝަނަލް ގުޅުމަށް ހީނަރުކަމެއް އަތުވެދާނެ ފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށް، ސިފައިން އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ފަޚުރުވެރި ޤައުމިއްޔަތުން ފެންނަ އެންމެ މަތިވެރި ސިފަޔަކީ، ޢަސްކަރިއްޔާގެ ބަދަހިކަމާއި އެކުވެރިކަމާއި ސާބިތުކަން. އޭރު ހަތިޔާރާއި ސިފައިންގެ ޢަދަދު ގިނައީކީ ނޫން. އަދި ހަތިޔާރުތައް މޮޅުވެފައި، މާމޮޅު ތަމްރީނުތަކެއް ލިބިފައި ތިބީކީ ވެސް ނޫން. ނަމަވެސް، ބޮޑުތަކުރުފާނާއެކު ޖިހާދުކުރެއްވި މަދު މީސްކޮޅުގެ ކިބައިގައި ޤައުމު ދިފާޢުކުރުމުގެ ނުގުޑާ ފަދަ ޢަޒުމަކާއި، ޤައުމަށްޓަކައި ޝަހީދުވުމުގެ ކެރުމާއި ހިތްވަރު ހުރި." ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި މިޒަމާނުގެ ޢަސްކަރިއްޔާތަކަކީ ސައެންސާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޢަސްކަރިއްޔާތައް ކަމަށް ފާހަގަކުރައްވައި ދިވެހި ސިފައިން ވެސް މިދާއިރާއިން ވިސްނުން ގެންގުޅެންޖެހޭ ކަމުގައި ވިދާޅުވި އެވެ. އެގޮތުން ސިފައިންގެ ޚިދުމަތަށް، ޒަމާނީ ތަޢުލީމުގެ ތަފާތު ދާއިރާތަކުގެ މީހުން ބޭނުންވާކަމަށާ އަދި ތަފާތު ދާއިރާތަކުން ޢިލްމު ހޯދައިގެން ކުރިއަށް ދިއުމުގެ ފުރުޞަތުތައް ވެސް ދިވެހި ޢަސްކަރިއްޔާގައި ހުޅުވިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
"ސިފައިންގެ މީހަކަށް ވުމަކީ، އެހެނިހެން ދާއިރާތައް އެމީހެއްގެ ކުރިމަތީގައި ބަންދުވާ ކަމެއް ނޫން. ޒަމާނީ ތަޢުލީމުގެ ތަފާތު ދާއިރާތަކުގެ މީހުން ސިފައިންގެ ޚިދުމަތަށް މިހާރުވެސް ބޭނުންވޭ. އެފަދަ ކޮންމެ ރޮނގަކުން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ދިވެހި ޢަސްކަރިއްޔާ މަރުޙަބާ ކިޔާނެ." ރައީސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި، ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިންނަށް ރަމްޒީގޮތުން ބަޑިހަވާލުކޮށްދެއްވީ ރައީސެވެ. މި ރަސްމިއްޔާތުގައި، 195 ދަރިވަރަކު ސިފައިންގެ އަސާސީ ކޯސްފުރިހަމަކޮށް ހުވާކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ