ޖުޑީޝަރީ އާއި މަޖިލީހުގެ މައްސަލަތައް ޔާމީން އީޔޫއަށް ކިޔައިދެއްވައިފި

ރާއްޖޭގެ އަދުލުއިންސާފު ގާއިމްކުރުމުގެ ނިޒާމާއި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިވެފައިވާ މައްސަލަތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޔޫރަޕިޔަން ޔޫނިއަން (އީޔޫ)އާ މިއަދު ހިއްސާކުރައްވައިފިއެވެ. އީޔޫގެ އެދުމަކަށް އެ ޔޫނިއަންގެ އިސްވެރިންނާއެކު ރައީސް ޔާމީން މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސް ޔާމީން ވަނީ ގިނަ މައްސަލަތަކެއް އެބޭފުޅުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅުން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަންނަ ކަމަށާއި ޖުޑީޝަރީ ރިފޯމްކުރުމަށް ކުރާ މަސައްކަތާ ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކުރެއްވިއެވެ. އީޔޫގެ ވަފްދާއެކު ރައީސް ޔާމީން ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ޕީޕީއެމް ރާއްޖޭގެ މަސްވެރިން ބާނާ މަސް ޔޫރަފުގެ މާކެޓުގައި އެކަށީގެންވާ އަގެއްގައި ވިއްކޭނެ އިންތިޒާމެއް ހަމަޖެއްސުމާ ގުޅޭގޮތުން ވެސް ޔާމީން ވާހަކަދެއްކެވިއެވެ. އަދި ރާއްޖޭގައި މިހާރަށް ވުރެން ރަނގަޅަށް، ކުނި މެނޭޖުކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް އީޔޫގެ އެހީތެރިކަން ހޯދުމަށް ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. ޝަރުއީ ދާއިރާއާމެދު ރައީސް ޔާމީން ކަންބޮޑުވުން ފާޅު ކުރައްވާފައިވާއިރު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ދާދިފަހުން ފަށާފައެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ އެމްޑީޕީގެ ރިޔާސީ ވައުދަކަށްވާއިރު، އެކަން ތަންފީޒުކުރުމަށްޓަކައި މިހާތަނަށް އެއްވެސް މަސައްކަތެއްކޮށްފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ