ކެނަބިސް ޓްރެފިކް ކުރި ބިދޭސީއަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ ސްރީލަންކާގެ ރައްޔިތެއް ކަމުގައިވާ ރަނަސިން ޓިއްސާ ހެވަގެ ގެ އުމުރަށް ޖަލަށް ލުމަށާއި އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ހުކުމް ކޮށްފިއެވެ.
މިއީ މާޗް 5، 2020 ގައި މާލޭގެ ގެއެއް ކަމަށް ވާ ގ. ރާޑޯގޭގެ ފުރަތަމަ ފަންގިފިލާގައި މަސްތުވާތަކެތި ރައްކާކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ކޯޓު އަމުރެއްގެ ދަށުން އެތަނަށް ފުލުހުން ވަދެ ބަލައި ފާސްކުރި މައްސަލައިގައި ހައްޔަރު ކުރި ރަނަސިން ޓިއްސާ ހެވަގެ މައްޗަށް ދައުލަތުން އުފުލި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ މައްސަލައެވެ. އެ ގެ ފާސްކުރި އިރު ފިލްމް ހުސްކުރި 12 ދަޅުގައި 306.7694 ގްރާމްގެ ކެނެބިސް ވަނީ ފެނިފައެވެ. އަދި އޭނަ ދިރިއުޅޭ ކޮޓަރީގައި ހުރި އަލަމާރީގެ ވަތްގަނޑު ތެރެއިން ނެގި ފިލްމް ހުސްކުރި ދަޅެއްގައި ކިރޭ ވަރަށް ވުރެ މަދު މިންވަރަކަށް ކެނަބިސް ހޭކިފައި ހުރި އިރު، 0.7433 ގްރާމްގެ ކެނަބިސް ހުރި ސެލޯފިން ކޮޅެއްވެސް ވަނީ ފެނިފައެވެ.
ކްރިމިނަލް ކޯޓުން ބުނީ، އޭނާގެ މައްޗަށް ދައުލަތުން ކުރި ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އެ ކުށުގެ އުގޫބާތެއްގެ ގޮތުގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގެ ދަށުން ރަނަސިން ޓިއްސާ އުމުރަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ. އެއީ 25 އަހަރުގެ މުއްދަތަށް ޖަލަށް ލުމެވެ.
ހަމައެއާއެކު އޭނާ ވަނީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ވެސް ހުކުމް ކޮށްފައެވެ. އެގޮތުން ޖޫރިމަނާ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އަންގާފައެވެ.
މި މައްސަލައާ ގުޅިގެން ރަނަސިން ޓިއްސާ 2 އަހަރާއި 7 މަހާއި 17 ދުވަސް ބަންދުގައި ވަނީ ހޭދަ ކޮށްފައެވެ. އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތް ކޮށް އޭނާ ބަންދުގައި ހުރި މުއްދަތު އުނިކުރުމަށް ފަހު އޭނާ ދެން ތަންފީޒު ކުރަންޖެހޭ މުއްދަތަކީ 22 އަހަރަާއި 4 މަހާއި 13 ދުވަސް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ