ސްމާޓް ކައުންސިލް ސިޔާސަތުގައި ހިމެނޭ ކައުންސިލްގެ 'ކުންބުޓި' ފޯޓަލް ޓެސްޓްކުރަން ފަށައިފި

ސްމާޓް ކައުންސިލް ސިޔާސަތުގެ ދަށުން ސިޓީ ކައުންސިލްގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމާއި، ޒަމާނީކޮށް ރައްޔިތުންނާ ގާތުން ހިދުމަތްތައް ގެނައުމަށް، ކުޅުދުއްފުށި ސިޓީ ކައުންސިލް އުފައްދާފައިވާ ސާވިސް ޕޯޓަލް 'ކުންބުޓި ޕޯޓަލް' ޓެސްޓުކުރުމަށް ހުޅުވާލައިފި އެވެ.
މި ހިދުމަތް ޓެސްޓްކުރުމަށް ހުޅުވާލުމާއެކު މޭޔަރު މުހައްމަދު އާތިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒިންމާދާރުކަމާއެކު ދެފުއް ފެންނަ ނިޒާމެއް ގެތެރެއިން ހިނގާނެ ޒަމާނީ ސިޓީ ކައުންސިލެއް އުފެއްދުމާއި، ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން ހިދުމަތް ފޯރުކޮށްދިނުމަނީ ކައުންސިލް ރިފޯމްކުރުމަށް ކައުންސިލް އިންތިހާބުގެ ތެރެއިން އެމްޑީޕީގެ ކައުންސިލުން ހުށަހެޅި މައިގަނޑު 2 ބަދަލު ކަމަށެވެ.
އަދި އެ ދެ ސިޔާސަތު ތަންފީޒުވަމުންދާތީ އުފާވާކަމުގައި މޭޔަރު ވިދާޅުވި އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލް އަކީ އަމިއްލަ އިސްނެގުމުގައި އެންމެ ފުރިހަމައަށް މައުލޫމާތު ހާމަކޮށްފައިވާ ދައުލަތުގެ 6 އިދާރާގެ ތެރޭގައި ހިމެނިފައިވާ އިދާރާއެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، އަމިއްލަ އިސްނެގުމަށް މައުލޫމާތު ހާމަކޮށް ކޮންމެހެން ހާމަކުރަންޖެހޭ މައުލޫމާތު ޤާނޫނާ އެއްގޮތަށް ހާމަކުރި ފުރަތަމަ ލޯކަލް ކައުންސިލަކީވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލްކަން މޭޔަރު ފާހަގަކުރެއްވި އެވެ.
މޭޔަރު ވިދާޅުވީ، ކުންބުޓި ޕޯޓަލް ޓެސްޓިން ފޭސްއަށް މި ހުޅުވާލެވުނީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.
ކުންބުޓި ޕޯޓަލް މިހާ ހިސާބަށް ގެނައުމަށް ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން ބޮޑެތި ގިނަ މަސައްކަތްތަކެއް ބެކް އޮފީހުގައި ކޮށްފައިވާ ކަމަށާއި އިދާރާގެ ހިންގުމުގެ އޮނިގަނޑު ތަރުތީބު ކުރުމާއި، ސެކްޝަންތަކާއި ޔުނިޓްތަކުގެ މަސައްކަތު ފްލޯ ރޭވުމާއި، މަސައްކަތްތަކުގެ އެސްއޯޕީތައް ތައްޔާރު ކުރުމާއި، ހިދުމަތުގެ ފޯމްތައް އަޕްގްރޭޑްކޮށް ޒަމާނަށް ފެއްތުމާއި، ދައުލަތުގެ އިދާރާތަކުން ހޯދަންބޭނުންވާ އޭޕީއައިތަކާއި ޕޭމެންޓް ގޭޓްވޭ ފަދަ ކަންކަން ހޯދުމަށް ކޮށްފައިވާ ގިނަ މަސައްކަތްތައް ފާހަގަކޮށް މޭޔަރު ވަނީ އެ ފަރާތްތަކަށް ޝުކުރުއަދާކޮށްފަ އެވެ.
މިއަދު ޓެސްޓިންނަށް 7 ހިދުމަތާއެކު މި ޕޯޓަލް ހުޅުވާލެވުނު ކަމުގައިވިޔަސް، އަމާޒަކީ 33 ހިދުމަތާއެކު 2025 ވަނަ އަހަރު ނިމުމުގެ ކުރިން ފުރިހަމަކޮށް “ކުންބުޓި ޕޯޓަލް” ލޯންޗްކުރުންކަމުގައި މޭޔަރު ވިދާޅުވި އެވެ.
މި ޕޯޓަލް މިއަދު ރައްޔިތުންނަށް ހުޅުވާލާފައި ވަނީ 7 ހިދުމަތަކާއި އެކުގައެވެ. ފުރަތަމަ ހުޅުވާލާފައިވަނީ އެންމެ ގިނައިން ހުއްދައަށް އެދޭ މުނިސިޕަލް ހިދުމަތުގެ ތެރެއިން 7 ހިދުމަތެވެ.
ކުންބުޓި ޕޯޓަލް މެދުވެރިކޮށް މިވަގުތު އެދެވޭނެ 7 ހިދުމަތް:
- ބަނދަރު ބޭނުންކުރުމުގެ ހުއްދަ
- މަގު ބަންދުކުރުމުގެ ހުއްދަ
- އުޅަނދުފަހަރު އެހެލުމުގެ ހުއްދަ
- އުޅަނދުފަހަރު ބޭލުމުގެ ހުއްދަ
- އާންމު ތަންތަނުގައި އިވެންޓުތައް ބޭއްވުމުގެ ހުއްދަ
- އާންމު ތަންތަނުގައި ތަކެތި ބެހެއްޓުމުގެ ހުއްދަ، އަދި
- އާންމު ތަންތަން ކޮނުމުގެ ހުއްދަ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހިދުމަތްތައް އޮންލައިންކޮށް އެދެވޭ 'ކުންބުޓި' ޕޯޓަލް ލިންކް
ކުރިއަށް އޮތްތަނުގައި މި ޕޯޓަލް މެދުވެރިކޮށް މި އިދާރާއިން ފޯރުކޮށްދޭ 33 ހިދުމަތަކަށް އެދެވޭނެ އެވެ. މީގެ ތެރޭގައި އުޅަނދުފަހަރުގެ އެކި ބޭނުންތަކާއި، އާންމު ސަރަހައްދުތައް، އާބާދީ، ގޯތިގެދޮރު، އިމާރާތްކުރުން، އިޖުތިމާއީ އަދި މާލިއްޔަތާ ގުޅޭ އެކި ހިދުމަތްތައް ހިމެނެއެވެ. ޓެސްޓުކުރުމުގެ މަރުހަލާގައި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން މި ޕޯޓަލް އިތުރައް ތަރައްގީކޮށް ފުރިހަމަ ޕޯޓަލްއަކަށް ހެދިގެން ދާނެކަމުގައި ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ