ދައުލަތުން ދިނުމަށް ހުކުމް ކުރާ ފައިސާއަކީ، ދޭންޖެހޭ ފައިސާއެއްތޯ އޭޖީ ކަށަވަރު ކުރަންޖެހޭ: ރައީސް ނަޝީދު

އެކި ފަރާތްތަކަށް ދައުލަތުން ދޭން ޖެހޭކަމަށް ކޯޓުތަކުން ހުކުމް ކުރާފައިސާ އެ ފަރާތްތަކަށް ދޫ ކުރުމުގެ ކުރިން، އެއީ ދައުލަތުން އެފަރާތްތަކަށް ދޭންޖެހޭ ފައިސާއެއްތޯ ކަށަވަރު ކުރަންޖެހޭ ކަމަށާއި، އެކަމުގައި ދައުލަތަށް އެންމެ ރަނގަޅު ގޮތް، ހޯދައިދިނުމަކީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ވާޖިބެއްކަމަށް ކުރީގެ ރައީސް އަދި މައްޗަން ގޯޅީ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް އިންތިހާބު ވެވަޑައިގެންފައިވާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބައެއް ކުންފުނިތަކާއެކު އެކި ކަންކަމުގައި ސަރުކާރުން ވެފައިވާ ބައެއް އެއްބަސްވުންތައް އުވާލާފައިވާތީ، ބަދަލުގެ އެގޮތުގައި އެ ކުންފުނިތަކަށް ބޮޑެތި އަދަދުތަކަކުން ފައިސާ ދޭން ޖެހޭކަމަށް ބައެއް މައްސަލަ ތަކުގައި ދައުލަތުގެ މައްޗަށް ކޯޓުތަކުން ދާދި ފަހުން ވަނީ ހުކުމް ކޮށްފައެވެ.
މީގެ އެއް މައްސަލައަކީ، ދީބާޖާ އިންވެސްޓްމަންޓަށް 2010 ވަނަ އަހަރު ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި ނަމަވެސް، 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލްކޮށްފައިވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭފައިސާގެ މައްސަލަ އެވެ.
މި މައްސަލައިގައި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހަައްމަދު ސޯލިހު އިންތިހާބުވެވަޑައިގެން، މިވީ، ހަ މަސްދުވަހުގެ ތެރޭގައި އާދަޔާ ހިލާފަށް ގިނަ ފައިސާ އަމިއްލަ ފަރާތްތަކަށް ދިނުމަށް ކޯޓުތަކުން ހުކުމް ކޮށްފިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ