އިސްރާއީލުގެ ސިފައިން ޣައްޒާގެ އެތަންމިތަނަށް ބޮންއަޅަން ފަށައިފި

އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާގެ އެތަންމިތަނަށް ވައިގެ ހަމަލާތައް ދޭން ފަށައިފިއެވެ.
މިއީ، އިސްރާއީލުގެ މެދުތެރެއަށް މިއަދުގެ ވަރަށް ހެނދުނާ ދެވުނު ރޮކެޓް ހަމަލާއާ ގުޅިގެން ރައްދުގައި އިސްރާއީލުން ދޭންފެށި ހަމަލާތަކެކެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާގެ އެތަންމިތަނަށް ހަމަލާދޭން މިފެށީ، އިސްރާއީލަށް ދިން ރޮކެޓް ހަމަލާގެ ބަދަލު ވަރަށް ވަރުގަދައަށް ހިފާނޭ ކަމަށް ބުނެ އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ އިންޒާރުކޮށްފައި ވަނިކޮށެވެ.
އިސްރާއީލު ސިފައިން ޣައްޒާގެ އެތަންމިތަނަށް ވައިގެ ހަމަލާތައް ދޭން ފެށިގެން ޣައްޒާގެ ރައްޔިތުން ގެންދަނީ ކަށަވަރުކޮށް ދެމުންނެވެ.
މިގޮތުން، ޣައްޒާގެ އުތުރުގެ ހިސާބުތަކުން އެއްޗެހި ގޮވާ އަޑުފަށްގަނޑު އިވެމުންދާ ކަމަށް އާންމުން ބުނަމުންދާއިރު، ޣައްޒާގެ ދެކުނުގެ ރަށެއް ކަމަށްވާ ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ ދަނޑުވެރިކަންކުރާ ސަރަހައްދު ތަކަށްވެސް ހަމަލާތައް ދެމުންގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޣައްޒާގައި ހުރި އަލްޖަޒީރާގެ މުރާސިލު ބުނެފައިވަނީ، ޣައްޒާގައި ހުރި ހަމާސްއަށް ނިސްބަތްވާ އެތައް އިމާރާތަކަށް އިސްރާއީލު ސިފައިންގެ ހަމަލާތައް އަމާޒުކުރަމުންދާ ކަމަށެވެ. އެ އިމާރާތްތަކަކީ ހުސްކޮށް ހުންނަ އިމާރާތްތަކެއް ކަމަށްވެސް ބުނެއެވެ.
ޣައްޒާގައި ގިނަ އަދަދެއްގެ އާންމުން ދިރިއުޅޭ ސަރަހަދެއްގައި ހުރި ބިޔަ އިމާރާތަކަށްވެސް ބޮންއަޅައި އެއްކޮށް ހަލާކުކޮށްލާފައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެކި ހިސާބުތަކުން އަލިފާނާއި ދުން އަރަމުންދާ މަންޒަރު ޣައްޒާގެ މަލަމަތިން ފެންނަމުންދާ ކަމަށްވެސް އަލްޖަޒީރާގެ މުރާސިލް ބުނެފައި ވެއެވެ.
އިސްރާއީލުން ދޭންފެށި ހަމަލާތަކާ ގުޅިގެން، ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ ތަރުޖަމާނު އަބްދުއްލަތީފް އަލްކާނޫ ވިދާޅުވީ، ހަމާސްއިން ޣައްޒާގެ ރައްޔިތުން ދޫކޮށް ނުލާނޭ ކަމަށާއި، ދިފާއުގައި ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އެކަންވެސް ކުރާނޭ ކަމަށެވެ.
މިހާރު ދެމުންގެންދާ އުދުވާނީ ހަމަލާތަކުން ހާމަވެގެންދަނީ އިސްރާއީލުގެ އަނިޔާވެރިކަން ކަމަށާއި، އިސްރާއީލު ބޭނުންހާ ގޮތެއް ފަލަސްތީނު ރައްޔިތުންނަށް ހަދަން، ރައްޔިތުން ފުރުސަތު ނުދޭނޭ ކަމަށްވެސް ހަމާސްގެ ތަރުޖަމާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ