މަހުލޫފުގެ ސުވާލު: ރައީސް ޔާމީން ބަންދު ކުރުމުން ހަފްތާއެއްވެސް ކެތްކޮށް ނުލެވުނީތޯ؟

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ޖަލުގައި ބަންދު ކުރުމުން ހަފްތާއެއް ވަންދެންވެސް ކެތްކޮށް ނުލެވުނީ ތޯ؟ ސުވާލު ކުރައްވައި، ރައީސް ޔާމީން ހައްޔަރު ކުރި މައްސަލައިގައި ޕީޕީއެމް އާއި ޕީއެންސީގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއެކު ބޭއްވި ބައްދަލުކުރެއްވުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ފާޑު ވިދާޅުވެއްޖެއެވެ.
އެކަމަށް ފާޑު ވިދާޅުވެ މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ޅ. ހިންނަވަރު ނުރާނީގެ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކޮށް ރައީސް ޔާމީން މިނިވަންކޮށްދޭން އެދިއްޖެ" ކަމަށެވެ.
އަދި ދޫނިދޫގައި ރައީސް ސޯލިހު ބޭއްވެވި ކުޑަ ކޮންކްރީޓް ގޮޅިއަށް ޔާމީިން ނުލެއްވި ކަމަށްޓަކައިވެސް މި ސަރުކާރަށް ޔާމީން ޝުކުރު އަދާކުރަން ރަނގަޅު" ކަމަށެވެ.
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރި މައްސަލައިގައި، ޕީޕީއެމް އާއި ޕީއެންސީގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާ މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ހާމައެއް ނުކުރެއެވެ. ނަމަވެސް ޕީއެންސީގެ ވަގުތީ ރައީސް ބައެއް މީޑިއާތަކުގައި ވިދާޅުވެފައިވަނީ އެ މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ސޯލިހުއާ އެކު ބޭއްވި އެބައްދަލުވުމުގައި އެބޭފުޅުން ބޭނުންފުޅުވި ވާހަކަތައް ރައީސާ ހިއްސާކުރެއްވީ ވަރަށް އަމާން މާހައުލެއްގައެވެ.
ރައީސް ސޯލިހުއާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމް މިވަގުތު ހިންގުމާ ހަވާލުވެ ހުންނެވި އެޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނާއި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް މުހައްމަދު ސައީދާއި ޕީއެންސީގެ ކައުންސިލް މެންބަރު އާދަމް ޝަރީފާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝިދާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު، އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.
މިމަހުގެ 18 ވަނަ ދުވަހު ކުރިމިނަލް ކޯޓުގެ އަމުރަކާ ގުޅިގެން ރައީސް ޔާމީން ޖަލަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ތުހުމަތުކުރާ މަނީލޯންޑާ ކުރުމުގެ މައްސަލައިގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ