ނައިޖީރިއާ އާއި ސެނެގޯލް ސެމީފައިނަލަށް ދަތުރުކޮށްފި

އެފްރިކާ ބައްރުގެ އެންމެ ޝަރަފްވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީފައިނަލަށް ނައިޖީރިއާ އާއި ސެނެގޯލް ދަތުރުކޮށްފި އެވެ.
މުބާރާތުގެ ސެމީފައިނަލަށް ސެނެގޯލް ދަތުރުކުރީ ކުއާޓާފައިނަލުގައި ބެނިން އާއި ވާދަކޮށް 1-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ސެނެގޯލްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އިދްރީސާ ގުއޭޔޭ އެވެ. އޭނާ މި ގޯލު ކާމިޔާބުކޮށްދިނީ ސެނެގޯލަށް ކުޅޭ ލިވަޕޫލުގެ ތަރި ސަޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މެޗު ނިމެން ދަނިކޮށް ބެނިންގެ ކުޅުންތެރިއަކު ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ބެނިންގެ އޮލިވިއަ ވާޑަން އަށް ވަނީ ރަތްކާޑެއް ދައްކާފަ އެވެ. އޭނާއަށް މި ކާޑު ދެއްކީ މެޗުގައި ގޯލުޖެހި އިދްރީސާއަށް ހަމަލާދިނުމާ ގުޅިގެންނެވެ. އިދްރީސާ އަކީ އަންނަ ސީޒަނުގައި ފްރާންސްގެ ޕީއެސްޖީން ފެނުމުގެ ފުރުސަތު ބޮޑު ކުުޅުންތެރިއެކެވެ.
މި ގޯލަށްފަހު ވެސް ސެނެގޯލްއަށް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މި މެޗުގައި ބެނިން ކުޅުނީ ޑިފެންސިވް ގޭމެކެވެ.
ކުއާޓާފައިނަލުގައި ސައުތު އެފްރިކާ ބަލިކޮށް ނައިޖީއާ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރީ މެޗުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަަށް ވެފައިވަނިކޮށް ކާމިޔާބުކުރި ލަނޑުންނެވެ. މި މެޗު ނައިޖީރިއާ ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ގޯލުޖަހާ ލީޑުނެގީ ނައިޖީރިއާ އެވެ. މި ގޯލު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސެމުއެލް ޗުކްވެޒް އެވެ.
ސައުތު އެފްރިކާއިން ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 71 ވަނަ މިނެޓުގައި ބޮންގާނީ ޖެހި ގޯލުންނެވެ. އަދި މެޗުން ނައިޖީރިއާ މޮޅުވި ގޯލު 89 ވަނަ މިނެޓުގައި ޖަހާފައިވަނީ ވިލިއަމް އެވެ.
ސެމީފައިނަލުގައި މި ދެ ޓީމު ބައްދަލުކުރަންޖެހޭ ޓީމުތައް ޔަގީންވާނީ މިރޭ ކުޅޭ ސެމީފައިނަލް މެޗުތަކަށްފަހުގަ އެވެ. ނައިޖީރިއާ އާއި ދެކޮޅަށް ކުޅޭނީ އައިވަރީ ކޯސްޓް އާއި އަލްޖީރިއާ ބައްދަލުކުރާ ކުއާޓާފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ. އަދި ސެނެގޯލް ބައްދަލުކުރާނީ ޓިއުނީޝިއާ އާއި މަޑަގަސްކަރަ ބައްދަލުކުރާ ކުއާޓާފައިނަލު މެޗުން މޮޅުވާ ޓީމަކާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ