"ބަވަތި"ގެ އަސަރުގަދަ ޓްރެއިލާ ދައްކާލައިފި، ފިލްމަށް ކުރެވޭ އުންމީދު ބޮޑު

ޓީވީ ޕްރޮޑިއުސަރު އިލްޔާސް ވަހީދުގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" ސެޕްޓެންބަރުމަހުގެ 2ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމާފައިވާއިރު، ފިލްމުގެ އޮފިޝަލް ޓްރެއިލާ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނަށް ދައްކާލައިިފިއެވެ.
މިރޭ 8:30ގައި "ބަވަތި"ގެ އޮފިޝަލް ޓްރެއިލާ އާންމުންނަށް ދައްކާލާފައިވާއިރު، "ބަވަތި"ގެ އޮފިޝަލް ޓްރެއިލާ މިމަހުގެ 1ވަނަ ދުވަހުގެ ރެއިން ފެށިގެން އޮލިންޕަހުގައިވެސް "މާމުއި" ދައްކަން ފެށުމުގެ ކުރިން ދިޔައީ ދައްކަމުންނެވެ.
"ބަވަތި"ގެ އޮފިޝަލް ޓްރެއިލާ އާންމުންނަށް ދައްކާލާފައިވާއިރު، ޓްރެއިލާއިން ފިލްމުގައި ހުންނާނެ ރިހުން ވަރަށް ރަނގަޅަށް ބުނެދެއެވެ. ޚާއްސަކޮށް ފިލްމުގައި އެންމެ މުހިންމު ރޯލުން ފެނިގެންދާ ނުޒޫގެ ހަޔާތުގެ އަދިރިކަން ޓްރެއިލާއިން ދައްކައިދެއެވެ.
ހަޔާތުގެ ބައިވެރިޔާއާއި ދިމާވުމުގެ ކުރިންވެސް ނުޒޫއަކީ ރަށުގެ ތެރެއަށް "ބަދުނާމުވެފައި"ހުރި މީހެކެވެ. ޓްރެއިލާކޮޅު ފެށިގެންދަނީވެސް ނުޒޫ އެހެން ބުނެލާ އަޑުކޮޅުންނެވެެ. ރަށުތެރެއަށް އެ ދަރި "ބަދުނާމް"ވުމުގެ ފަހަތުގައި ހުރީ މަންމައެވެ. އެއީ ކިހިނެއްވާނެކަމެއް ހެއްޔެވެ؟
އަނެއްކޮޅުން ނުޒޫއަށް އޭނާގެ މަންމަގެ ލޯބިވެރިޔާކަމަށް ބެލެވޭ މީހެއްގެ ފަރާތުން އަނިޔާތަކާއި ކުރިމަތިލާންޖެހޭކަންވެސް ޓްރެއިލާއިން ބުނެދެއެވެ. އަދި ބަލިއެދުގައިވާ ބައްޕަގެ ބައެއް މަންޒަރުތައްވެސް ފެނެއެވެ.
"މަށާ އިންނަންވީނު. މިރަށުގެ މީހުން ދައްކާ ވާހަކަތައް އަޑުއަހާކަށް ހުންނާކަށް ނުޖެހޭނެ. މަދާނީ ޝެހޭ ގޮވައިގެން. ޝެހޭ އަބަދުވެސް އުފަލުގައި ބަހައްޓާނަން" ނުޒޫއަށް ނިސްބަތްކޮށް އޭނާގެ ހަޔާތުގެ ބައިވެރިޔާ ބުނެލާ މި ވާހަކަތަކުން ނުޒޫގެ ހަޔާތަށް އުފާވެރިކަން އާދެއެވެ.
ނަމަވެސް އެ އުފާވެރިކަން ދިގު ދެމިގެން ނުދާކަން ކަށަވަރެވެ. ނުޒޫ (ޝެހޭ)ގެ ހަޔާތަށް އަނެއްކާވެސް ބިރުވެރި، ކަޅު ދުވަސްތައް އާދެއެވެ. އަދި އެއް ބިރުވެރިކަމުން ސަލާމަތްކޮށްގެން ގެނެސްތިޔައީ އަނެއް ބިރުވެރިކަމުގެ ތެރެއަށްކަމަށް ނުޒޫ ވަރަށް އަސަރާއެކު ބުނެލައެވެ.
މުޅި ޓްރެއިލާގައިވެސް އެންމެ ބޮޑަށް އަޅަައިގަންނަނީ ޓްރެއިލާގައި ނިމޭ ހިސާބުން ފެންނަ "ކަޅު ދުންގަނޑެވެ".
އެހެންކަމުން މިއީ ޝައުގުވެރިވާނެ ވަރަށް ގިނަ ކަންކަން ދައްކުވައިދޭނެ ފިލްމެއްކަން ވަނީ ޔަގީންވެފައެވެ.
ތިރީގައި އެވަނީ އިލްޔާސް ވަހީދުގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި"ގެ އޮފިޝަލް ޓްރެއިލާއެވެ. ބައްލަވާލައްވާށެވެ.
ޑައިރެކްޓަރު އިލްޔާސް ވަހީދު ބުނީ މިއީ ޒުވާން ދެމަފިރިއެއްގެ ދިރިއުޅުމުގައި ދިމާވާ އާދަޔާ ޚިލާފު ކަންތައްތަކެއް ދައްކުވައިދޭ ފިލްމެއްކަމަށެވެ.
އައި ފިލްމްސްގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" ލިޔެފައިވަނީވެސް އިލްޔާސްއެވެ. ވީމީޑިއާގެ ވީީޓީވީގައި ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ އިލްޔާސްއަކީ ވީޓީވީގައި މޮޅެތި އުފެއްދުންތައް އުފައްދާފައިވާ ޕްރޮޑިއުސަރެކެވެ.
"ބަވަތި" މި ފިލްމަކީ ދިވެހިންގެ މުޖްތަމައުއާއި ގުޅޭ، ދިވެހި ފިލްމީ އޯޑިއެންސް ބަލާލަން ބޭނުން ކަހަލަ ރަހަތަކެއް ހިމެނިފައިވާ، ތަފާތު ފިލްމަކަށްވާނެކަމުގެ ޔަގީންކަންވެސް ޕްރޮޑަކްޝަން ޓީމުން ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ