އަންނަ ހޮނިހުރު ދުވަހުގަ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އެކި ފަރާތްތަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހަޅަމުންދާކަމަށް އެެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ލިބެމުންދާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެއްވެސް އިންތިޚާބީ ޙައްޤެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ގޮތަކަށް އެފަދަ ޙައްޤެއްގެ ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށް ވިޔަސް މިފަދައިން އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެއެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަމީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާގޮތުން އެއްވެސް ފަރުދަކު އެއްވެސް ކަމެއް ނުކުރުމަށް ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ.
އަދި ރިޝްވަތަކަށްވާގޮތުން އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް، އެއްވެސް ފަރާތަކަށް ހުށަހަޅައިފިނަމަ، އެފަދަ ހުށަހެޅުމެއްގެ މައުލޫމާތު މި ކޮމިޝަނަށް ފޯރުކޮށްދިނުމަކީ އިންތިޚާބުތަކާ ގުޅިގެން ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ފަރުދީ ފެންވަރުގައި ކުރެވޭނޭ އެންމެ މުހިންމުކަމެއްކަމަށްވެސް އޭސީސީން ބުންޏެވެ.
މީގެ އިތުރުންވެސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ އިންތިޚާބަށް ކެމްޕޭންކުރަމުންދާ ފަރާތްތަކުން އިންތިޚާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެފަދަގޮތަކަށް ކޮރަޕްޝަންގެ ޢަމަލެއްގެ ކމަޢުލޫމާތު ލިބިއްޖެނަމަ އެފަދަ ކަމެއް ލަސްނުކޮށް މި ކޮމިޝަނަށް ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ.
އިންތިޚާބާ ގުޅޭ ރިޝްވަތުގެ މައްސަލަތައް ހުއްޓުވުމަށާއި، އެކަންކަމަށް ޚާއްސަގޮތެއްގައި ފާރަވެރިވެ، އެފަދަ ޢަމަލުތައް ވިޔަ ނުދިނުމުގެ ގޮތުން ފުލުހުންގެ އެހީތެރިކަމަށް އޭސީސީން ވަނީ އެދިފައެވެ.
އެކި ފަރާތްތަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހަޅަމުންދޭ - އޭސީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ