ފައިސާ އަށް ނުވިކޭނެ މީހުން މަޖިލީހަށް އިންތިހާބު ކުރަންޖެހޭ: ރައީސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަން ޖެހެނީ ފައިސާ އަށް ނުވިކޭނެ ބަޔަކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކެމްޕޭން ނިންމާލުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް މަޖިލީހުގައި ތިބެންޖެހެނީ ސަރުކާރުގެ ސިޔާސަތުތައް ދަންނަ އަދި ހިތުގެ އަޑިން އެ ސިޔާސަތުތައް ގަބޫލުކުރައްވާ ބޭފުޅުން ކަމަށެވެ.
އަދި އުސޫލުތަކާއި ޑިމޮކްރެޓިކް ހަމަތަކަށް އިހުތިރާމު ކުރައްވާ ބޭފުޅުންނާއި ފައިސާ އަށް ނުވިކޭނެ އަދި އެކިއެކި ނުފޫޒުތަކަށް ބޯނުލަނބާނެ ބޭފުޅުން ވެސް މަޖިލީހަށް އިންތިހާބުވުމަކީ ކުރައްވާ އުއްމީދެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވައިގެން ތިއްބެވި ކޮންމެ ބޭފުޅަކީ މި ދެންނެވި ކަންތައްތައް ހިތުގެ އަޑިން ގަބޫލުކޮށް އަޅުގަނޑުގެ ވީ ވައުދުތަކަށް ތާއީދު ކުރައްވާ ބޭފުޅުން" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރޭގެ ޖަލްސާގައި ރައީސް ވަނީ މަޖިލީހުގެ މަސައްކަތަށް އެންމެ އެކަށީގެންވާ ގޮތެެއްގައި ކުރެވެމުން ނުދާ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އެގޮތުން ވެރިކަމާއި ހަވާލުވެލެއްވުމަށްފަހު މަޖިލީހަށް ފޮނުވި 23 ބިލުގެ ތެރެއިން ފާސްކޮށްފައިވަނީ އެންމެ އަށް ބިލް ކަމަށާއި އެއީ އުންމީދު ކުރި މިންވަރު ނޫން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
އަދި ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުތަކަކީ އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމާއި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދައި ދިނުމުގެ އިތުރުން ގޮތް ނޭންގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތަކުގެ ހަގީގަތް ހޯދައި ރައްޔިތުންނަށް ހާމަކޮށްދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގައުމެއްގެ ގޮތުގައި އެކަތިގަނޑަކަށްވެ ކުރިއަށް ދިއުމަށްޓަކައި މިކަންކަން ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް. މި މުހިންމު ވައުދުތައް ފުއްދުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ރިޔާސީ ކޮމިޝަންތައް އުފައްދައި އެކޮމިޝަން ތަކަށް ބޭނުންވާ ބާރުތައް ދިނުމަށްވެސް މަޖިލީހަށް ފޮނުވިން. އެހެން ނަމަވެސް މި ބިލްތައް މިއަދާ ހަމައަށްވެސް ފާސްކޮށްފައިނުވާކަމީ އަޅުގަނޑަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިކަމުން އެނގިގެންދަނީ މަޖިލީހުގައި ނަމެއްގައި މެޖޯރިޓީ އޮތް ނަމަވެސް ވެފައިވާ ވައުދުތައް ފުއްދުމަށް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމުގައެވެ. އެހެން ކަމުން ކުރިއަށް އޮތް މަޖިލީހުގައި ތިބެންވާނީ މި ސިޔާސަތުތައް ދަންނަ އަދި ހިތުގެ އަޑިން އެ ސިޔާސަތުތައް ގަބޫލު ކުރައްވާ ބޭފުޅުން ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ