ބަޖެޓަށް ވުރެ އިތުރަށް ޚަރަދު ވާނެތީ ފައިސާ ހޯދަން މަޖިލީހަށް ހުށަހަޅައިފި

މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ސަރުކާރުގެ ޚަރަދުތައް ހިނގާނެތީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފިއެވެ.
ސަޕްލިމެންޓަރީ ބަޖެޓާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ބަޖެޓަށް ބަދަލުތަކެއް ގެންނަން މަޖިލީހަށް ހުށަހެޅީ މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެ ޚަރަދުތައް އިތުރުވާނެތީ ކަމަށެވެ. އަދި ބައެއް ކަންކަމަށް ހުރި ފައިސާ އެހެން ކަންކަމަށް ބަދަލު ކުރަން ކަމަށެވެ.
ސަޕްލިމެންޓަރީ ބަޖެޓްގެ މަސައްކަތް ދިރާސާކުރައްވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެން އުފައްދާފައިވާ ބަޖެޓް ކޮމިޓީންނެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް މާދަމާރޭގެ ނިޔަލަށް ނިންމައިދިނުމަށް ކޮމިޓީގެ ކިބައިން އެދިވަޑައިގެންފައެވެ.
ސަރުކާރުން ހުށަހަޅާ ސަޕްލިމަންޓްރީ ބަޖެޓާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވެފައިވަނީ ބެޖެޓް ހުށަހަޅަނީ އިދާރީ ގޮތުން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، ސަރުކާރަށް ބޭރުން ލިބިފައިވާ އެހީތައް ހިމެނުމަށްކަމަށެވެ. ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިހާތަނަށް އެބަޖެޓުން 13.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ބޭރުގެ އެހީގެ ގޮތުގައި ސަރުކާރުގެ މިވީ އަށްމަސް ދުވަހުގެ ތެރޭގައި 1.9 ބިލޔަން ރުފިޔާވަނީ ލިބިފައި ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން އިއުލާން ކުރާ ރަސްމީ ތަފާސް ހިސާބުތަކުން އެއަދަދެއް ނުފެނެއެވެ.
ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުން އިދިކޮޅު ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ