ވޮލީބޯޅަ: ރިޔޫނިއަން އަތުން ބަލިވެ ރާއްޖެ ކަޓައިފި

އެންމެ ފަހުގެ ޗެމްޕިއަން ރީޔޫނިއަން އަތުން 3-1 ސެޓުން ބަލިވެ ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ގްރޫޕް ސްޓޭޖުން ކަޓައިފި އެވެ.
ކުޅުނު ފުރަތަމަ މެޗުން މަޑަގަސްކަރަ އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް އިއްޔެ ކޮމޮރޯސް އަތުން ސީދާ ތިން ސެޓުން މޮޅުވެ، ރާއްޖޭން ސެމީގެ އުއްމީދު އާ ކުރި އެވެ. އެކަމަކު މިއަދު ރީޔޫނިއަން އަތުން ބަލިވުމުން ރާއްޖެ އަށް ވަނީ މުބާރާތް ނިމިފަ އެވެ.
މިއަދުގެ މެޗުގެ ސެޓުތައް ދިޔައީ 25-22، 25-21، 22-25 އަދި 25-18 އިންނެވެ. މި މެޗުގައި ޖުމްލަ ގޮތެއްގައި ރާއްޖޭން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗު ފަށައިގެން ފުރަތަމަ ސެޓުގައި ރީޔޫނިއަން އިން ބޮޑު ލީޑެއްގައި އޮތް ނަމަވެސް ރާއްޖޭން ވަނީ ސެޓުގެ މެދަކާ ހަމައިން 17-17 އިން އެއްވަރު ކޮށްފަ އެވެ. އެކަމަކު ސެޓުގެ ފަހު ކޮޅުގައި ރިސީވްގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ރާއްޖެ އަށް 25-22 އިން ސެޓު ގެއްލުނެވެ. ފުރަތަމަ ސެޓު ލިބުމުން ރިޔޫނިއަން އިން ވަނީ ދެ ވަނަ ސެޓުގައި އިތުބާރާ އެކު ނުކުމެ ރަނގަޅު ލީޑެއް ނަގައިފަ އެވެ. ރާއްޖޭން ކުޅުން ރަނގަޅު ކުރި ނަމަަވެސް ރީޔޫނިއަންގެ އެޓޭކްތައް ބްލޮކްކުރެވޭނެ ގޮތެއް ނުފެނުމުގެ ނަތީޖާ އަކަށްވީ ދެ ވަނަ ސެޓު ވެސް އެ ޓީމުން 25-21 އިން ގެންދިއުމެވެ.
ފުރަތަމަ ދެ ސެޓު ރީޔޫނިއަން އިން ގެންގޮސް ސީދާ ތިން ސެޓުން މެޗު ނިންމާލުމުގެ އަމާޒުގައި ރީޔޫނިއަން އިން ނުކުތް ނަމަވެސް އެކަމެއް ނުކުރެވުނެވެ. ތިން ވަނަ ސެޓުގައި ރާއްޖޭން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަލީ ހުޒާމް (ހުޒާންޓެ) އަދި ހަސަން ނިލާމް (ޕާޓޭ)ގެ ފަރާތުން ރަނގަޅު ޝޮޓްތަކެއް ފެނިގެންދިޔަ މި ސެޓު ރާއްޖޭން ގެންދިޔައީ 22-25 އިންނެވެ.
ހަތަރު ވަނަ ސެޓު ފެށިގެން ރީޔޫނިއަން އިން ރަނގަޅު ލީޑެއް ނެގި ނަމަވެސް ރާއްޖޭން ވަނީ ހިތްވަރުކޮށް 13-13 އިން އެއްވަރުކޮށްފަ އެވެ. އެކަމަކު ސާވިސް އާއި ރިސީވްގައި މައްސަަލަޖެހުމުގެ އިތުރުން ރީޔޫނިއަންގެ އެޓޭކްތައް ނުހުއްޓުވުމުގެ ނަތީޖާ އަކަށްވީ މި ސެޓު 25-18 އިން ގެންގޮސް ރީޔޫނިއަން މޮޅުވީ އެވެ.
މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ އަންހެން ގައުމީ ޓީމު ވެސް ކުޅުނު ދެ މެޗުން ބަލިވެ ވަނީ މުބާރާތުން ކަޓައިފަ އެވެ. އިބްރާހިމް ރަޝީދު (ސަތޯ)ގެ ކޯޗުކަމުގައި ކުޅުނު ރާއްޖޭގެ އަންހެން ވޮލީ ޓީމު ފުރަތަމަ މެޗުން ސީޝެލްސް އަތުން ތިން ސެޓުން ބަލިވިއިރު، މެޗުގެ ސެޓުތައް ދިޔައީ 25-12، 25-12 އަދި 25-23 އިންނެވެ. ދެ ވަނަ މެޗުގައި ރީޔޫނިއަންއާ ވާދަކޮށް ތިން ސެޓުން ބަލިވި ނަމަވެސް މި މެޗުގައި ރާއްޖޭން ރަނގަޅަށް ކުޅުނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-12، 25-22 އަދި 25-19 އިންނެވެ.
ރާއްޖޭގެ ވޮލީ ޓީމުތައް މި ފަހަރުގެ އައިއޯއައިޖީ އަށް ކުރިމަތިލީ މެޑަލް އަށް ވަރަށް ބޮޑަށް ޓާގެޓް ކޮށްގެންނެވެ. ބީޗް ވޮލީގައި ރާއްޖޭގެ ޓީމުން ވަނީ ރިހި މެޑަލް ހާސިލްކޮށްފަ އެވެ. މިއީ މިހާތަނަށް މަލްޓި ސްޕޯޓްސް ގޭމެއްގައި ބީޗް ވޮލީން ރާއްޖެ އަށް ލިބުނު ހަމައެކަނި މެޑަލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ