ވެލި ނަގަން އުޅުނު ބޯޓަކީ ހުއްދަނެތި ރާއްޖޭގައި ދަތުރުކުރަމުންދާ ބޯޓެއް: ކަސްޓަމްސް

ލ.ހިތަދޫކައިރިން ވެލި ނަގަން އުޅުނު ބޯޓަކީ ހުއްދަ ނެތި ރާއްޖޭގައި ދަތުރުކުރަމުންދިޔަ ބޯޓެއްކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
މިކަމާ ގުޅޭ ގޮތުން ކަސްޓަމްސް އިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ މި ބޯޓަކީ ސިނަމާލެ ބުރިޖުގެ މަސައްކަތްކުރި ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއް ކަމަށެވެ. އަދި މި ބޯޓު ރާއްޖޭގައި ދަތުރު ކުރަނީ ކަމާބެހޭ އެއްވެސް ފަރާތަކުން ހުއްދަ ނުހޯދާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި މި ފަދަ ބޭރުގެ އުޅަނދުތައް ކަސްޓަމްސްގެ ހުއްދައަކާއި ނުލައި ރާއްޖޭގައި ބަނދަރު ކުރުމާއި، ގޮސްއައިސް ވުމުގެ އިތުރުން އެ އުޅަނދުފަހަރަށް ތަކެތަ އަރުވައިބޭލުމަކީ ކަސްޓަމްސްގެ ގަވައިދާއި ގާނޫނުން މަނާ ކުރާ ކަމެކެވެ. އަދި ރާއްޖެއަށް އައިސް ގޮސްހަދާ ހުރިހާ އުޅަނދު ފަހަރެއް ރާއްޖޭގައި ހިންގާ ހުރިހާ މުއާމަލާތެއް ހިންގަން ވާނީ ކަސްޓަމްސްގެ ހުއްދައާއެކު ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އަދި ސިނަމާލެ ބުރިޖުގެ މަސައްކަތްފަދަ ބޮޑެތި އިގްތިސާދީ ޕްރޮޖެކްޓް ތަކަށް ގެނެވޭ މިފަދަ އުޅަނދުފަހަރަކީ ކަސްޓަމްސްގެ ހުއްދައާއި ނުލައި އެހެން މަސައްކަތްތަކައް ބޭނުން ކުރުން މަނާ ތަކެތި ކަމަށާއި މި މައްސަލަ މިހާރު ކޯސްޓްގާޑާއި ފުލުހުންނާއި ގުޅިގެން ބަލަމުން އަންނައިރު މިކަމުގައި ޝާމިލްވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މި ބަޔާނުގައި، ލ. ހިތަދޫކައިރިން ވެލި ނަގަން އުޅުނު ބޯޓުގެ މައްސަލައިގެ އިތުރުން އެހެން މައްސަލައެއް ވެސް ކަސްޓަމްސްއިން ބަލަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެއެވެ. އެގޮތުން ރިސޯޓް ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ރާއްޖެއިން ބޭރުގެ ލޭންޑިންގ ކްރާފްޓެއް ލ. ގަމުން ރުއް ބަރުކޮށްގެން އައި މައްސަލައެއް އެ އިދާރާއަށް ލިބިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި އެ މައްސަލަ ބެލުމުން ލ. ގަމުން ރުއް ބަރުކޮށްފައިވަނީ ކައުންސިލްގެ ހުއްދައާއެކު ކަން އެނގިފައިވާކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ. އަދި މި މައްސަލަ އޭޕީއޭ އާއި ގުޅިގެން އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ