ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމާއި ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމާއި ގުޅޭގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާ ޕެންޝަން އޮފީހާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.އެ ކޯޕަރޭޝަނުން ބުނެފައިވަނީ އެ އެއްބަސްވުމުގެ މަޤްޞަދަކީ ފަރުޟު ޙައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދައްކަން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ. އެ އެއްބަސްވުމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ޙަމީދުއެވެ. ޕެންޝަން އޮފީހުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޙުސައިން މަނިކުއެވެ.އެއްބަސްވުމުގެ ދަށުން ފަރުޟު ޙައްޖު އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާކަން ކަނޑައަޅާ، އެ ފައިސާ އެ ކޯޕަރެޝަނަށް ދޫކުރާނީ ޕެންޝަން އޮފީހުން ކަމަށް ބުނެފައިވެއެވެ. އަދި އެކަމަށް އެދުމުގެ ފުރުޞަތު މި މަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމަށްވެސް ބުނެފައިވެއެވެ.އެ ކޯޕަރޭޝަނުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ފަރުޟު ޙައްޖު އަދާ ކުރުމަށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ޝަރުތު ހަމަވާ ފަރާތްތަކަށް އެފަރާތެއްގެ ޙައްޖު ދަތުރުގެ އަގުގެ ބައެއް ދެއްކުމަށް އެފައިސާ ބޭނުން ކުރެވޭނެ އިންތިޒާމް ޕެންޝަން އޮފީހާއި ގުޅިގެން އެ ކޯޕަރޭޝަނުން ހަމަޖައްސައިދޭނެ ކަމަށެވެ.ޙައްޖު ކޯޕަރޭޝަނުން އިތުރަށް ބުނެފައިވަނީ ހައްޖަށް ދިއުމަށް އެ ކޯޕަރޭޝަނަށް ފައިސާ ދައްކަވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ހައްޖުގެ އަގުގެ 50 ޕަސެންޓް ފައިސާ އެ ކޯޕަރޭޝަނަށް ދެއްކެވުމުން، އެފަރާތަކަށް ހައްޖަށް ދިއުމުގެ ޖާގަ ކަށަވަރުކޮށްދީ ސްލޮޓް ލިސްޓުން ޖާގަ ދޭނެ ކަމަށެވެ.ޕެންޝަން ސްކީމުން ހައްޖަށްދާ މީހުން ހައްޖަށް ގެންދިއުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެވިފައިވާއިރު، މިއަހަރު ހައްޖަށް މީހުން ގެންދާ ކޯޓާ ދޫކުރުމުގައި މި ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މީގެ ކުރިންވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ