ޔާމީން ދައުލަތާ ދެކޮޅަށް ކުރައްވާ ދައުވާގެ ހުކުމް: ކޯޓު އަމުރެއް ނެތި ޔާމީން ހައްޔަރުކޮށްގެން ކޮމިޝަނަށް ނުގެންދެވޭނެ، އަދި އެފަދަ އަމު

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނުރުހުމުގައި ކޯޓު އަމުރެއް ނެތި ހައްޔަރުކޮށްގެން ރިޔާސީ ކޮމިޝަނަށް ހާޒިރު ނުކުރެވޭނެ ކަމަށާއި ހައްޔަރުކޮށްގެން ހާޒިރު ކުރުމަށް އަމުރެއް ނެރެފި ނަމަ އެފަދަ އަމުރަކަށް ފުލުހުން ތަބާވާން ވެސް ނުޖެހޭނެ ކަމަށް ކަނޑައަޅައި މަދަނީ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޔާމީން ދައުލަތާ ދެކޮޅަށް ކުރައްވާ ދައުވާގެ މިއަދުގެ ޝަރީއަތުގައި، މަދަނީ ކޯޓުގެ އިސް ގާޒީ އަލީ ސަމީރު ވިދާޅުވީ ޔާމީންގެ ނުރުހުމުގައި އޭނާ ހާޒިރުކުރަން ވެއްޖެ ނަމަ ދެން އޭނާ ހާޒިރުކުރަންޖެހޭނީ ހައްޔަރުކޮށްގެން ގަދަކަމުން ކަމަށާއި ހައްޔަރު ކުރުމުގެ އަމުރު ފުލުހުންނަށް ފޮނުވުމަކީ ރިޔާސީ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ އަމުރަކަށް ފުލުހުން ތަބާވާން ވެސް ނުޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
"އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ނުރުހުމުގައި ހައްޔަރުކޮށްގެން ހާޒިރު ކުރަންވެއްޖެ ނަމަ އެ ހާޒިރު ކުރެވެނީ ކުށުގެ ވެށީގެ ތެރެއިން ކަމަށް ނުވާހިނދު ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެ ހާލަތުގައި ހައްޔަރުކުރެވޭނީ ހަމައެކަނި ކޯޓުގެ އަމުރަކަށް ކަން އެނގެން )އޮވޭ(،" އެ ހުކުމުގައި ބުނެފައިވެ އެވެ.
ޔާމީންގެ ދައުވާގައި، ރިޔާސީ ކޮމިޝަން ހިންގާނެ ގާނޫނަކާއި ހިންގާނެ ގޮތުގެ ގަވާއިދެއް ނުވަތަ އިޖްރާތެއް ނެތުމުން ކޮމިޝަން ހިންގުން ހުއްޓުވުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ. ނަމަވެސް އިސް ގާޒީ ހުކުމް ކުރައްވަމުން ވިދާޅުވީ އެފަދަ ގާނޫނެއް ނުވަތަ ގަވައިދެއް ނެތުމަކީ ކޮމިޝަނުގެ މަސައްކަތް ހުއްޓުމަކަށް ގެނައުމަށް ޝަރީއަތުން އެންގޭނެ ހުއްޖަތެއް ނޫން ކަމަށެވެ.
ހުކުމް ކުރެއްވުމުގެ ކުރިން މައްސަލައިގައި ފާހަގަ ކުރެވުނު ނުކުތާތައް ވިދާޅުވަމުން އިސް ގާޒީ ވިދާޅުވީ އެ ކޮމިޝަނަކީ ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނެއް ކަމަށްވާއިރު އެ މަނިކުފާނަށް އެ ކޮމިޝަނަށް ދެވޭނީ އެ މަނިކުފާނަށް ލިބިވަޑައިގެންވާ ބާރުތައް އެކަނި ކަމަށެވެ. އަދި މީހުން ހިފައި ހައްޔަރު ކުރުމުގެ ބާރު ރައީސަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
އެއްވެސް މީހަކު ހައްޔަރު ކުރެވޭނީ ކުށުގެ ވެށީގައި ހުއްޓާ ނުވަތަ ކޯޓުން އަމުރެއް ނެރިގެން ކަމަށް ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ. އަދި ޔާމީންގެ މައްސަލައިގައި ހާލަތް ތަފާތު ކަމަށާއި އެއީ ކުށުގެ ވެއްޓެއް ނޫން ކަމަށާއި އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ވެސް ނެރިފައިނުވާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތް ފެށުމުގެ ކުރިން ބަޔަކު މީހުން ޖަސްޓިސް ބިލްޑިންގު ކައިރިއަށް އެއްވެ ޔާމީން ހައްޔަރުކޮށް އޭނާގެ މައްޗަށް އަދުލް އިންސާފު ގާއިމް ކުރުމަށް ވަނީ ގޮވާލައިފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހަށް ވެސް ކޮންމެވެސް ވަރަކަށް އެ މީހުންގެ އަޑު އިވެ އެވެ.
ރިޔާސީ ކޮމިޝަނަށް ހާޒިރު ނުކުރެވޭނެ ކަމަށާއި ހާޒިރު ނުވި މައްސަލަ ފުލުހުންނަށް ތަހުގީގު ނުކުރެވޭނެ ކަމަށް ކަނޑައަޅައިދެއްވުމަށް އަދި ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް ކުރައްވާ ދައުވާއެއް ވެސް މަދަނީ ކޯޓުގައި ކުރިއަށްދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ