ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު މަދުވެ ޖުމްހޫރީ ޕާޓީ ކުރި ހޯދަނީ

ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ތިއްބެވި އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އެ ޕާޓީން ވަކިވެ ވަޑައިގަންނަވަން ފެއްޓެވުމާ އެކު މަޖިލީހުގައި އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީއަކަށް ޖުމްހޫރީ ޕާޓީ ވެއްޖެ އެވެ.
މިހާތަނަށް މަޖިލީހުގައި ޑީއާރުޕީގެ އިތުރުން އެންމެ ގިނައިން ތިއްބެވީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ މެމްބަރުންނެވެ. އެހެން ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރެއްވުމުން، އެމްޑީޕީގެ މެމްބަރުންގެ އަދަދު ދަށަށް ގޮސް ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ ނުވައަކަށް އަރައިފަ އެވެ.
މި މަހުގެ ތިން ވަނަ ދުވަހު ރަޖިސްޓްރީ ކުރި ޖުމްހޫރީ ޕާޓީއާ އެންމެ ފަހުން ގުޅިވަޑައިގަތީ ކުރިން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަން ކުރެއްވި މާލޭ މެމްބަރު މުހައްމަދު ޝިހާބާއި އެ ޕާޓީގައި ކުރިން ހަރަކާތްތެރިވެ ވަޑައިގެންނެވި ޏ. މެމްބަރު މުހައްމަދު އިބްރާހިމް ދީދީ (މޮޑީ) އާއި އެމްޑީޕީގައި ކުރިން އުޅުއްވި އަދި އުވާލެއްވި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޏ. މެމްބަރު ފައިސަލް ނަސީމާއި އެ އަތޮޅުގެ އަނެއް މެމްބަރު މުހަންމަދު ވަޖީހާއި އެ މަޖިލީހުގެ ބ. މެމްބަރު އަލީ ފާއިޒާއި ރައްޔިތުންގެ މަޖިލީހުގެ ގއ. މެމްބަރު އަބްދުﷲ ޖާބިރާއި އޭނާގެ އަނބިކަނބަލުން އަދި ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ މެމްބަރު ފާތުމަތު ދިޔާނާ ސައީދެވެ. މީގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު އަދި ޑީއާރުޕީގެ ކުރީގެ އެއް ނާއިބު ޒައީމް ގާސިމް އިބްރާހީމާއި ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވެސް ވަނީ ބުރާސްފަތި ދުވަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. މި ބޭފުޅުންގެ އިތުރުން ޖުމްހޫރީ ޕާޓީ އުފެދުމުގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރ. މެމްބަރު އިބްރާހިމް ޝަހީދު ޒަކީ އާއި ތ. މެމްބަރު މުހައްމަދު ޝަރީފާއި އއ. މެމްބަރު އަހުމަދު ޒުބެއިރާއި ށ. މެމްބަރު އިބްރާހިމް ވަހީދާއި ގއ. މެމްބަރު މުހައްމަދު ސަލީމާއި ދ. މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވެސް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ގޮނޑިތައް ގިނަވަމުން އަންނައިރު، އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި މިހާރު މަޖިލީހުގައި ތިއްބެވީ ފަސް މެމްބަރެކެވެ. އެއީ ކ. މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ އާއި ތ. މެމްބަރު އަދި ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ރައީސް ހަސަން އަފީފާއި ލ. މެމްބަރު ރީކޯ މޫސާ މަނިކާއި ޅ. މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު އަދި ވ. މެމްބަރު އިސްމާއީލް ޝިހާބެވެ. ޕީޕަލްސް އެލަޔަންސަށް (ޕީއޭ) ނިސްބަތްވެ ވަޑައިގަންނަވާ ތިން މެމްބަރަކު މަޖިލީހުގައި ތިއްބެވިއިރު އަދިވެސް އަޣުލަބިއްޔަތު އޮތީ ޑީއާރުޕީ އަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަށް މެމްބަރުންނާ އެކު އެ ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ 26 މެމްބަރުން މަޖިލީހުގައި ތިއްބަވަ އެވެ. އެ އަދަދަކީ މަޖިލީހުން ކަމެއް ފާސްކުރަން ބޭނުންވާ އެންމެ ދަށް އަދަދެވެ.
އިތުރު މެމްބަރުންތަކެއް ޖުމްހޫރީ ޕާޓިއާ ގުޅިވަޑައިގަތުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އެ ޕާޓީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޖުމްހޫރީ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އޭޑީކޭ ނާޝިދު ވިދާޅުވީ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި ޖުމްހޫރީ ޕާޓީ އަށް ލިބިގެންދިޔަ ދިރުމެއް ކަމަށެވެ. އަދި ނާޝިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ވަރަށް ގިނަ ބޭފުޅުންތަކެއް ވެސް ޖުމްހޫރީ ޕާޓީ އަށް ސޮއި ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ފަރާތްތަކުގެ ނަމެއް ޕާޓީން ހާމައެއް ނުކުރެ އެވެ.
ބުރާސްފަތި ދުވަހުގެ ނިއުސް ކޮންފަރެންސްގައި އޭޑީކޭ ނާޝިދު ވިދާޅުވި ގޮތުގައި ޕާޓީގެ ކޮންގްރެސް ލަސްވެގެން މި މަހުގެ ތެރޭގައި ބާއްވައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިވެރިވުމާ މެދު ގޮތެއް ނިންމަވާނެ އެވެ.
ޖުމްހޫރީ ޕާޓީއާ މިހާތަނަށް ގިނަ ވިޔަފާރިވެރިތަކެއް ގުޅިފައިވާއިރު ޕާޓީގެ ސިޔާސަތަކީ ވިޔަފާރިވެރިންނަށް އިސްކަންދިނުންތޯ ދެންނެވުމުން ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި ޖާބިރު ވިދާޅުވީ ވިޔަފާރިވެރިންނާއި އާންމުންނަކީ ވެސް ގައުމުގައި އިހުތިރާމް ލިބިގެންވާ ބަޔަކަށް ވާތީ އެ އިހުތިރާމް ލިބޭ ގޮތަށް ޕާޓީން އަމަލުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ