އަޑުގަދަ ކުރަމުން މަގުމަތީގައި ދުއްވުން ހުއްޓާލަން ފުލުހުން އިންޒާރު ކޮށްފި

އަޑުގަދަ ކުރާ ބޭނުންކޮށްގެން ހަޅޭއްލަވަމުން މާލޭގެ މަގުތަކުގައި ދުއްވުން ހުއްޓާލުމަށް އަންގައި، އެ އެންގުމާ ހިލާފުވާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މިއަދު ދީފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު އިއުލާނުގައި ބުނެފައި ވަނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ރޭގަނޑުގެ ވަގުތުތަކުގައި އަޑުގަދަ ކުރާ ހިފައިގެން މާލޭގެ މަގުތަކުގައި ސައިކަލްތަކާއި އެ ނޫން ވެސް އުޅަނދުތަކުގައި އަޑުގަދަ ކުރަމުން ދުއްވަމުން ދާ ދިޔުން ހުއްޓާލަން އަންގާ ކަމަށެވެ.
"ދުއްވާ އެއްޗެހިތަކުގައި އަޑުގަދަ ކުރާ ތަކެތި ބޭނުންކޮށްގެން ހަޅޭއްލަވަމުން މަގުމަތީގައި ދުއްވުމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ހުރަކަށް ވުމާއި މިކަމުގެ ސަބަބުން މަގުމަތީގެ ޓްރެފިކަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވެ އާއްމު މަސްލަހަތަށް ބުރޫ އަރަމުންދާތީ މުޖުތަމައުގެ އާއްމު މަސްލަހަތާއި އަމަންއަމާންކަން ބަލަހައްޓާ ފަރާތެއްގެ ހައިސިއްޔަތުން މިފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް އަންގަމެވެ،" އެ އިއުލާނުގައިވެ އެވެ.
ފުލުހުންގެ އިއުލާނުގައި ބުނެފައި ވަނީ މި އެންގުމާ ހިލާފުވާ މީހުން ހުއްޓުވައި އެ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ފަހަކަށް އައިސް ޑީއާރުޕީ އަށް ތާއީދުކުރާ ބަޔަކު ދަނީ ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ރައީސް ނަޝީދާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާ އަށް ގޮވަމުން ސައިކަލް ބުރު ޖަހަމުންނެވެ. މީގެ ދުވަސްތަކެއް ކުރިން އެމްޑީޕީގެ ސަޕޯޓަރުންތަކެއް ވެސް ވަނީ ކުރީގެ ސަރުކާރުގެ ބައެއް އިސްވެރިން ހައްޔަރު ކުރުމަށް ގޮވާލައި މާލޭގެ މަގުތަކުގައި ޕިކަޕް ބުރު ޖަހައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިސްތިއުފާ އަށާއި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ހައްޔަރު ކުރުމަށް ގޮވާލައި އެމްޑީޕީ އާއި ޑީއާރުޕީގެ ސަޕޯޓަރުން ރޭ ވެސް މާލޭގެ މަގުތަކަށް އެއްވެ ދުއްވާ ހެދި އެވެ. އަދި ދެ ބައި މީހުންގެ ދެމެދުގައި ކުރިމަތިލުންތައް ވެސް ހިނގި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ